ސްޕެނިޝް ލަލީގާ

ޗެމްޕިއަން ރެއާލް ފެށީ މޮޅަކުން

ސްޕެނިޝް ލަލީގާގެ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ރޭ ކުޅުނު ފުރަތަމަ މެޗުގައި އަލްމޭރިއާ ބަލިކޮށްފިއެވެ.

އަލްމޭރިއާގެ ދަނޑުގައި ރޭ ކުޅުނު މެޗުން ރެއާލް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި އަލްމޭރިއާއިން ފުރަތަމަ ގޯލެއް ޖަހާފައި ވަނިކޮށް ރެއާލުން މޮޅުވީ ފަހަތުން އަރައެވެ.

މެޗުގެ ހަވަނަ މިނެޓުގައި އަލްމޭރިއާއިން ލީޑު ނެގީ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ފޯވަޑް، ލާގީ ރަމަޒާނީ ޖެހި ގޯލުންނެވެ. އެ ގޯލާއެކު އަލްމޭރިއާއިން ލީޑުގައި ފެށި ނަމަވެސް، ރޭގެ މެޗުގެ ފުރަތަމަ ހާފުގައިވެސް ބޮޑަށް ނުރައްކާކޮށް ފެނުނީ ރެއާލްއެވެ. އެޓީމުން ފުރަތަމަ ހާފުގައި ޖެހި ގިނަ ބޯޅަތަކެއް މަތަކުރީ އަލްމޭރިއާގެ ގޯލްކީޕަރު ފެނާންޑޯ މާޓިނޭޒެވެ.

ރެއާލުން މެޗުގައި ޖެހި ފުރަތަމަ ގޯލު، 61 ވަނަ މިނެޓުގައި ޖެހީ ލޫކާސް ވަޒްކުއޭޒްއެވެ. ވަޒްކުއޭޒްގެ އެ ގޯލަކީ ވިނީޝިއަސް ޖޫނިއާ އަރިމަތިން ދުވެ ތަނަވަސްކޮށްދިން ފުރުސަތަކުން ވައްދާލި ހިތްގައިމު ގޯލެކެވެ.

ރޭގެ މެޗު ނިމެން 15 މިނެޓަށް ވެފައި ވަނިކޮށް ރެއާލް މޮޅުކޮށްދިން ގޯލު ޖެހީ ބަދަލަކަށް ކުޅެން ނުކުތް ޑޭވިޑް އަލާބާއެވެ. އަލާބާ ދަނޑަށް ނުކުމެ ޖެހި ގޯލަކީ ރީތި ހިލޭ ޖެހުމަކުން ޖެހި ގޯލެކެވެ. އަލާބާ ދަނޑަށް ނުކުމެ ފައި ޖެއްސި ފުރަތަމަ ބޯޅައަކީ ހިލޭ ޖެހުން ޖެހުމަށް ފޮނުވާލި ބޯޅައެވެ.