ގެއްލުނު ފޯނުގެ މައްސަލަ ފުލުހަށް ހުށަހަޅަން އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި އެދިފައިވާނެ ކަމަށާއި ހުރިހާ ޑޭޓާއެއް މިހާރު ލިބިފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، ދާދި ފަހުން މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޯވާޑްކުރެއްވި މެސެޖެއްގައި ވަނީ، އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ފަރިއްކުޅުއްވަން އިންނަވަނިކޮށް ރައީސް ނަޝީދު ފޯނު ފޭރިގެންފައިވާ ކަމަށެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނަޝީދު ވިދާޅުވީ، ފޯނު ފޭރިގަތް މައްސަލަ ބަލައިދިނުމަށް، ހުށަހެޅުމަށް އިނގިރޭސިވިލާތުގެ ހައިކޮމިޝަނުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑު އެދުނިން ހައިކޮމިޝަންގައި ހުށަހަޅައިދިނުމަށް. ދެން އެކަމާ ގުޅިގެން އިތުރު ވާހަކައެއް ދައްކާކަށް އަޅުގަނޑު ނެތީމު. ދެން އަލުން އަނބުރާ ފޯނުގައި ހުރި ހުރިހާ މެޓީރިއަލަކާއެކީގައި މީ އައިފޯނު ޒަމާން. ދެން އެއީ އެވަގުތު ދިމާވި އުނދަގުލެއް. ދެން އައިކްލައުޑްގައި ތަކެތި ހުންނަނީ" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ފޯނު ފޭރިގެންފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންހެނަކާއެކުގައި ޒިނޭ ކުރައްވާ ހަތަރު ފޮޓޯ އެމަނިކުފާނުގެ އަތްޕުޅުގައި ހުރި ކަމަށް ވިދާޅުވިތާ ދެދުވަހެއްގެ ތެރޭގައެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ގެއްލުނު ފޯނު ވަގުތުން ލޮކްކުރެއްވި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު