ޚަބަރު

ބަރުލަމާނީ ނިޒާމު އަންނާނެ، ފެބުރުއަރީގައި ފެށޭ މަޖިލީހާއެކު އެ ނިޒާމުގެ އިންތިގާލީ މަރުހަލާ ފެށޭނެ: ނަޝީދު

ބަރުލަމާނީ ނިޒާމު އަންނާނެ ކަމަށާއި ފެބުރުއަރީގައި ފެށޭ މަޖިލީހާއެކު އެ ނިޒާމުގެ އިންތިގާލީ މަރުހަލާ ފެށޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓު މިއަހަރުގެ ތެރޭގައި ނެގިގެންދާނެ ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކު ބަރުލަމާނީ ނިޒާމު ރާއްޖޭގައި މަސައްކަތް ކުރަން ފަށާނެ ކަމަށެވެ

"ފެބްރުއަރީން ފެށިގެން އިންތިގާލީ ބަރުލަމާނީ ނިޒާމު ހިނގަމުން ގޮސް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ރިޔާސީ އިންތިހާބު އެއީ ބަރުލަމާނީ ނިޒާމު، ގާނޫނު އަސާސީ އިސްލާހުކުރެވިފައިވާ ގޮތަށް ބާއްވާ ރިޔާސީ އިންތިހާބަކަށް ވެ، އަދި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކުގައި ފުރިހަމަ ބަރުލަމާނީ ނިޒާމުގައި މަސައްކަތް ކުރެވެން ފަށާނެ" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބެއްގައި ވާދަކުރެއްވުމަކީ ބުއްދުވެރި ގޮތެއް ނޫން ކަމުގައެވެ. އަދި އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ބަރުލަމާނީ ގެންނަން ކޮންގްރެހުން ތާއީދު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމާމެދު ގޮތެއް ނިންމަން އެމްޑީޕީގެ ކޮންގްރެހަށް ހުށަހަޅުއްވައިފައެެވެ.

ރައީސް ނަޝީދަކީ ޒަމާނުއްސުރެ ބަރުލަމާނީއަށް ތާއީދުކުރައްވާ ބޭފުޅެކެވެ. ރައީސް ނަޝީދުގެ އިތުރުން އިދިކޮޅު ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ތާއީދުކުރައްވަނީ ބަރުލަމާނީ ނިޒާމަށެވެ.