Close
ކްރިމިނަލް ކޯޓް

އާރަށު މައްސަލަ: އަދީބާއި ޒިޔަތުގެ ހެކިބަސް އެއްދުވަހެއްގައި ނެގުމަށް ނިންމައި މިއަދުގެ އަޑުއެހުން ނިންމާލައިފި

އިބްރާހިމް ޒަކީ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ، މައްޗަށް ކުރާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމުގެ މައްޗަށް ކުރާ ރިޝްވަތު ދިންކަމުގެ ކުށުގެ ދައުވާގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ނާއިބު ރައީސް، އަހުމަދު އަދީގު އަބުދުލް ޣަފޫރާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް އެއްދުވަހެއްގައި ނެގުމަށްޓަކައި މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމާލައިފިއެވެ.

މިއަދު ގެ ޝަރީއަތުގެ މަޖިލީހުގައި އޮތީ، ޒިޔަތުގެ ހެކިބަސް ނެގުމެވެ. ނަމަވެސް އެހެން އަޑުއެހުމެއްގައި އަދީބުގެ ހެކިބަސް ނެގުމަށްވެސް އޮތީ ހަމަޖެހިފައެވެ.

މިއަދުގެ އަޑުއެހުން ފައްޓެވުމުން، ޒިޔަތާއި އަދީބާ ދެމީހުންގެ ހެކިބަސް ދެ ދުވަހެއްގައި ނެގުމަށް ފުރަތަމަ ދެކޮޅު ހެއްދެވީ، ޔޫސުފް ނައީމުގެ ވަކީލު ހަމްޒާ ލަތީފެވެ.

ފުރުސަތު ހޯއްދަވައިގެން ވަކީލު ހަމްޒާ ވިދާޅުވީ، މިއަދު ގެ އަޑުއެހުމުގައި ޒިޔަތުގެ ހެކިބަސް އެކަނި ނެގުމަށް އިއުތިރާޒު ކުރައްވާ ކަމަށެވެ.

ސަބަބެއްގެ ގޮތުގައި ވަކީލު ވިދާޅުވީ، އެއް މައްސަލައެއްގައި ގުޅުން އޮންނަ ދެ މީހުންގެ ތެރެއިން އެކަކު ހެކިބަސްދޭއިރު އަނެކަކަށް އަޑު އިވޭގޮތަށް ދެ ތާރީހެއްގައި އެ ދެމީހުންގެ ހެކިބަސް ނެގުމަކީ، ފުރަތަމަ ހެކިބަސްދޭ ހެކިވެރިޔާ ބުނާ ބަހަކަށްބަލައި ހެކިބަސް ވަކި ގޮތަކަށް ފަރުމާ ކުރުމުގެ ފުރުސަތު ދެވަނައަށް ހެކިބަސްދޭ ފަރާތަށް އޮތުން ކަމަށެވެ. އަދި އެެއީ އެހެން ގައުމުތަކުގައިވެސް ހިނގާ ކަމެއް ކަމަށާއި، ނަމަވެސް މިނިވަން ޑިމޮކޮރެޓިކު މުޖުތަމައުގައި އެކަން އެގޮތަށް ހިނގިޔަ ނުދިނުމަށް ހެއްކާބެހޭ އުސޫލުތަކަށް ކަންކަން ހިމަނާފައިވާ ކަމަށެވެ.

"އިނގިރޭސި ވިލާތާއި އެމެރިކާ ހިމެނޭގޮތުން ހެއްކާ ބެހޭ އުސޫލުތަކަށް ބަލާއިރު ހެކިވެރިޔަކު އަނެއް ހެކިވެރިއެއްގެ ބަހަށް، ބަލައި އޭނާގެ ހެކިބަސް ފަރުމާ ކޮށްފާނެ ހާލަތުން އެއްކިބާ ވުމަށްޓަކައި ކަނޑައެޅޭ އުސޫލެއް އެއީ، އެ ހެކިވެރިޔާއަށް އަނެއް ހެކިވެރިއާގެ ހެކިބަސް ނުފެންނަގޮތަށް، އަދި އަޑު ނީވޭގޮތަށް، އެ ހެކިވެރިޔާ، ޝަރީއަތުގެ މަޖިލިސް ނުފެންނާނެ ގޮތަށް ބަންދު ކުރުމަކީ،" ވަކީލު ހަމްޒާ ވިދާޅުވިއެވެ.

ވަކީލު އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތަކީ، އާއްމުކޮށް ދުރަށް ދައްކާ ޝަރީއަތަކަށް ވާތީ އަދީބަށް ނުފެންނާނެ ގޮތަށް ޒިޔަތަށް ހެކިބަސް ދެވޭނެ މަގެއް ޝަރީއަތުގައި ނެތް ކަމަށެވެ. އަދި އެ މައްސަލައިގެ ލިޔެކިޔުންތަކަށް ބަލާއިރު އެ ދެ ފަތާރަކީ ގާތް ގުޅުމެއް އޮތް ދެފަރާތަކަށްވުމުން އެއީ މުއާސަލާތު ކުރެވޭނެ ދެ ފަރާތްކަމުން، އެ ފުރުސަތުން އެއްކިބާވެވޭނެ ހަމައެކަނި ގޮތަކީ ދެފަރާތުގެ ހެކިބަސް ނެގުން އެއްދުވަހެއްގައި ނެގުމަށް ހަމަޖައްސައި، އެކަކު ހެކިބަސްދޭއިރު، އަނެކަކު ވަކި ކޮޓަރިއެއްގައި، ބަންދު ކުރުމަށްފަހު ފުރަތަމަ މީހާ ހެކިބަސް ދިނުމުން ދެވަނަ މީހާ ހެކިބަސް ދިނުމަށް ދޫކުރާ އުސޫލު ކުރިއަށްގެންދިއުން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އޭނާގެ މުއްތަހަމަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް އެ ދެހެކިންގެ ހެކިބަސް އެއް ދުވަހެއްގައި ނަގައި އެކަކު ދޭ ހެކިބަސް އަނެކަކަށް ނީވޭނެ ގޮތަކަށް ހެކިބަސްނެގުން ކުރިއަށްގެންދަން އޭނާ ގާޒީގެ ކިބައިން އެދުނެވެ.

ވަކީލު ހަމްޒާގެ ވާހަކަތަކާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ތެރެއިން، ވަކީލު އާދަމް ޝަމީމު ވިދާޅުވީ، އެ ބޭފުޅުންވެސް އެދިވަޑައިގަންނަވަނީ ހަމްޒާ ހުށަހެޅުއްވި ގޮތަށް ކުރިއަށް ގެންދެވުމަށް ކަމަށެވެ. އެކަމަށް އެދި ކޯޓަށް އިއްޔެ ސިޓީއެއްވެސް ފޮނުވާފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެކަމަކީ އޭނާގެ މުވައްކިލު، ރައީސް ޔާމީންގެ މަސްލަހަތު މާ ބޮޑަށް ހިމެނޭ ކަމެއް ކަމަށާއި ސަބަބަކީ، މީގެކުރިން ނިމިގެންދިޔަ ވޮޑުމުލާ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމި މައްސަލައިގެ ގަޒިއްޔާގައި ޒިޔަތާއި އަދީބަކީ، ރައީސް ޔާމީނާ އަދާވާތްތެރިކަން އޮތް ފަރާތްތަކެއްކަމަށް އޮތުމުން، އެ ދެމީހުންގެ ވާހަކަތައް ގުޅުވައިގެން ދެއްކުން މާބޮޑަށް ގާތް ވުން ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ ދެމީހުންގެ ހެކިބަސް ނެގުން އެއްދުވަހެއްގައި ކުރިއަށް ގެންދިއުމަށް އޭނާވެސް ހުށަހެޅުއްވިއެވެ

އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ދައުލަތަށް ފުރުސަތު ދެއްވުމުން ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ މަރިޔަމް ޝަހުމާ ވިދާޅުވީ، މި މައްސަލައިގައި ހެކިބަސް ނެގުން ކުރިއަށް ގެންދާނީ، ކޮންމެ ދުވަހަކު އެންމެ ހެކިވެރިއެއް ހާޒިރު ކޮށްގެން ކަމަށް މީގެ ކުރިންވެސް ޝަރީއަތުން އިއުލާން ކޮށްފައިވާ ކަމަށެވެ. އަދި "އެ ދެ ހެކިވެރިން ތަހުގީގަށް ދީފައިވާ ބަޔާން ދައުވާ ލިބޭ ފަރާތްތަކާ ހިއްސާ ކުރެވިފައި ވަނީ، އެ ދެ ހެކިން ދައުލަތުން ހުށަހަޅާފައިވަނީ ކޮން ކަންތައްތަކެއް ސާބިތު ކުރުމަށްކަން ދައުވާފޯމުގައި ބަޔާންކޮށްފައި ވާނެ، ޝަރީއަތުގެ މަޖިލީހުގައި އެއް ހެއްކަކު ދޭ ހެކިބަސް ތަހުގީގަށް ދީފައިވާ މައުލޫމާތާ ފުށުއެރުން، ނުވަތަ ބަޔާނާ ފުށުއަރާކަމަށް ވަންޏާ، އަދި ފަހުން ހާޒިރު ކުރެވޭ ދެވަނަ ހެކިވެރިޔާ ވަކި ގޮތަކަށް ހެކިބަސް ފަރުމާކޮށްގެން ދިންކަމަށް ބެލެވޭ އަސާސްތަކެއް ހުރިނަމަ، ހެއްކާ ބެހޭގޮތުން ވާހަކަ ދައްކަން ލިބޭ ފުރުސަތުގައި އެކަންކަން ފާހަގަކޮށް ހެކިންގެ ކްރެޑިބިލިޓީއާ ގުޅޭގޮތުން އާގިއު ކުރުމުގެ ފުރުސަތު ދެ ފަރާތަށްވެސް ލިބިގެންދާނެ،" ކަމަށެވެ.

ނަމަވެސް އެ ދެހެކިން އެއްދުވަހެއްގައި ހާޒިރު ކޮށްގެން ހެކިބަސް ނެގުމަށް ދައުލަތުން އިއުތިރާޒު ނުކުރާ ކަމަށްވެސް ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކުރަން ނިންމެވީ، ތަކުރާރުކޮށް އެފަރާތުން އެކަމަށް އެދުމުން ކަމަށާއި، އެކަމަށް އިންކާރު ކުރީ ހަމައެކަނި ޔޫސުފް ނައީމުގެ ފަރާތުން ކަމަށެވެ. ނަމަވެސް މިހާތަނަށް އައިއިރު އެފަދަ އެއްވެސް ކަމެއް ދައުވާ ލިބޭ ފަރާތުން ފާހަގަ ކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ވަކި ގޮތަކަށް ޝެޑިއުލް ކޮށްގެން ދެން ހުރި މުއައްސަސާތަކުންވެސް ޝަރީއަތަށް ހާޒިރުވެ ވަކީލުންވެސް ވަގުތު ހުސްކޮށްގެން ކުރިއަށްގެންދާއިރު، ޝަރީއަތް ކެންސަލް ކުރުމަކީ، އެވަގުތު ހުރި ހުރިހާ މައްސަލަތަކެއް ކެންސަލް ވެގެންދިއުން ކަމަށްވެސް ގާޒީ ވިދާޅުވިއެވެ. އަދި ވަކި ދުވަހަކު ހެކިބަސް ނެގުމަކީ، ޝަރީއަތުގައި ހެކިބަސް ވަޒަން ކުރުމުގައި ބުރަދަން ލިބިގެންދާނެކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ކޮންމެ ދުވަހަކު އެއް ހެކިވެރިއެއް ހާޒިރުކުރުމުން ކޮންމެ ހެއްކަކާއެކު ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހޭ ކަމަށާއި އެކަމަށް އެއްވެސް ފަރާތަކުން މިހާތަނަށް އިއުތިރާޒު ކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އެއަށްފަހު އެއްދުވަހެއްގައި އެ ދެހެކިން ހާޒިރުކުރަން ދައުލަތުން އިއުތިރާޒު ނުކުރާއިރު، ދެން ހުރި ހެކިވެރިޔާ (އަދީބު) މިއަދު ހާޒިރު ކުރެވިދާނެތޯ ގާޒީ ދައުލަތާ ސުވާލު ކުރެއްވިއެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ އެކަމަކީ ދުރާލައި އެކި އެކި އިދާރާތަކާ ވާހަކަދައްކައިގެން އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމެއް ކަމަށް ވާތީ، މިއަދު އެ ހެކިވެރިޔާ ހާޒިރުކުރަން އުނދަގޫ ވާނެ، ކަމަށެވެ.

އެކަމާގުޅިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން ޑރ. ޖަމީލު ވިދާޅުވީ، އެ މައްސަލައިގެ އަޑުއެހުންތައް ތަރުތީބު ކުރައްވައިގެން ނިޒާމީ ގޮތެއްގައި ކުރިއަށްގެންދަވާތީ، ގާޒީއަށް އިހުތިރާމު ކުރައްވާ ކަމަށެވެ. ނަމަވެސް އިދާރީ ބައެއް ކަންތައްތަކުގެ ތެރޭން ވަގުތުތަކަށް ބަދަލު އަންނަމުންދާ ހާލަތްތަކުގައި ދިފާއީ ވަކީލުންވެސް އެ ވަކީލުންގެ މަސައްކަތްތައް ބަދަލު ކުރަމުން އަންނަ ކަމަށެވެ.

މުއްތަހަމުގެ ހައްގަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް ވާނަމަ އެކަމަކުން އެއްކިބާވުމަށް ގާނޫނު އަސާސީގައި ބާރު އަޅާފައިވާ ކަމަށާއި، އެހެންކަމުން ޝަރީއަތުގެ މަރުހަލާގައި ކިރިޔާވެސް ފުރުސަތެއް އޮވެއްޖެނަމަ މުއްތަހަމަށް އެފުރުސަތު ދޭންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ދެ ފަރާތުގެ ވާހަކަތަކަށްފަހު ގާޒީ ނިންމެވީ، މިމަހުގެ 30 ވަނަ ދުވަހު ޒިޔަތާއި އަދީބު ހާޒިރުކޮށްގެން ހެކިބަސް ނެގުން ކުރިއަށް ގެންދެވުމަށެވެ. އޭގެ ކުރިން މިމަހުގެ 18 ވަނަ ދުވަހާއި 23 ވަނަ ދުވަހު އެހެން ބައެއް ހެކިންގެ ހެކިބަސް ނެގުން ކުރިއަށްދާނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.