ޚަބަރު

ފިލްމީ ތަރި މަލްގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ދައުވާ ސާބިތެއް ނުވި

މުހައްމަދު އިޝާން

ދެހާސް ނަވާރަ ވަނަ އަހަރުގެ އޮގަސްޓު މަހު އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލި ޕޮލިސް ސްޓޭޝަން ގުޅިގެން މާމިގިލީގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފިލްމީތަރި މަލީހާ ވަހީދު (މަލް)ގެ އަތުން މަސްތުވާތަކެތި ފެނުމާ ގުޅިގެން ކުރި ޑައިމޯފިން ޓްރެފިކްކުރިކަމުގެ ދައުވާ ސާބިތު ނުވާކަމަށް އިއްޔެ ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ސެފްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ދައުލަތުން މަލްގެ މައްޗަށް ކުރި ދައުވާގައި ވަނީ މަލް އާއި އިތުރު އަންހެނަކު މަސްތުވާތެކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ދެ މީހުން އެދުވަހު ހަވީރު މާލެއިން އދ. މާމިގިއްޔަށް ދިޔަ ލޯންޗަކުން އެރަށަށް ގޮސް، އެރަށު އުތުރު ބަނދަރު ސަރަހައްދުގައި ތިއްބައި، ފުލުހުން އެތަނަށް ގޮސް، އެ ދެ މީހުން ހުއްޓުވައި، އަންނައުނު އަޅައިގެން ގެންގުޅުނު ދަބަސް ބަލައިފާސްކުރިއިރު އެ ދަބަހުގައި އޮތް ސިނގެރޭޓް ފޮއްޓެއްގެ ތެރެއިން ފެނުނު ޖޫސްޕެޓީ ކޮތަޅުގައި 15.7877 ގްރާމް ޑައިމޯފިން ހުރިކަމަށް ތަހުލީލު ރިޕޯޓު ދައްކާތީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ޑައިމޯފިން ޓްރެފިކްކުރިކަމުގެ ދައުވާ ކުރާ ކަމަށެވެ.

އެ ދައުވާއަށް އިންކާރުކުރަމުން މަލް ބުނެފައިވަނީ އޭނާގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ބަލައިފާސްކޮށް ހައްޔަރުކޮށްފައިވަނީ ވެސް ގާނޫނާ ހިލާފަށް ކަމަށެވެ.

މަލް ދައުވާއަށް އިންކާރުކުރުމުން ދައުލަތުން ވަނީ ހެކިވެރިން ހުށަހަޅައިފައެވެ. އެ ހެކިވެރިންނަކީ މަލްގެ ދަބަސް ބަލައި ފާސްކުރި ޕޮލިސް އޮފިސަރާއި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު ތައްޔާރުކުރި އޮފިސަރެވެ.

މަލްގެ ދަބަސް ބަލައިފާސްކުރި ޕޮލިސް ސާޖެންޓް ހައްވާ ނާސިފު އާއި ޕޮލިސް ސާޖެންޓް ފިޒާނާ މުހައްމަދު އަދި ޕޮލިސް ސާޖެންޓް ގާސިމް ރައޫފު ބުނެފައިވަނީ، މަސްތުވާތަކެތި ހޯދީ މަލްގެ ދަބަހުން ކަމަށާއި ދައުވާގައި އެވަނީ ރަނގަޅަށް ކަމަށެވެ.

މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު ތައްޔާރުކުރި ފުލުހުން ކަމަށްވާ ސީނިއާ ސިވިލް އޮފިސަރު ފާތިމަތު ޝިމްޒާ ހަސަން ހެކިބަސް ދެެމުން ބުނެފައިވަނީ، މަލް އާއި އިތުރު އަންހެނަކު މާލެއިން މާމިގިއްޔަ ގެންދިޔަ ދަބަހަކުން ފެނުނު ސިގެރޭޓް ފޮއްޓެއްގެ އެތެރޭގައި އޮތް ޖޫސްޕެޓީ ކޮތަޅުން ފެނުނީ މަސްތުވާތަކެތިކަން ތަހުލީލު ރިޕޯޓުން ކަށަވަރުވާ ކަމަށެވެ. އަދި ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އެ ރިޕޯޓަކީ އޭނާ ތައްޔާރުކުރި ސައްހަ ރިޕޯޓެއް ކަމަށެވެ.

މަލް އޭނާގެ ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއްނުވެއެވެ. ނަމަވެސް މަލްގެ ފަރާތުން ބުނެފައިވަނީ، ފުލުހުން އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއް ނެތި ކަމަށެވެ. ހައްޔަރުކުރިއިރު ގާނޫނީ އިންޒާރު ފުލުހުން ނުދޭ ކަމަށާއި، ފުލުހުން ހެކީގެ ގޮތުގައި ހުށަހެޅި ކުޑަކަމުދާ ތަކެތީގެ ސީއޯސީ ގެއްލިފައިވާތީ އެ ހެކީގެ ސައްހަކަން ކަށަވަރު ނުކުރެވޭ ކަމަށެވެ. އޭނާ ހައްޔަރުކުރުމަށްފަހު ބަންދުގެ މުއްދަތު އިތުރުކުރީ ގާނޫނާ ހިލާފަށް ކަމަށާއި، ދައުވާގައި ކުށުގެ ވެއްޓަކީ ކޮބައިކަން ސާފު ނުވާ ކަމަށެވެ.

މީގެ އިތުރުން މަލްގެ ފަރާތުން ބުނެފައިވަނީ ދައުވާގައި ބަޔާންކުރާ މަސްތުވާތަކެތީގެ ބަރުދަނާއި ތަހުލީލު ރިޕޯޓުގައި ބަޔާންކުރާ މަސްތުވާތަކެތީގެ ބަރުދަން ތަފާތު ކަމަށެވެ. ދައުވާގައި ބަޔާންކުރާ މަސްތުވާތަކެތީގެ ސީއޯސީ ގެއްލިފައިވާތީ ހެކީގެ ގޮތުގައި ހުށަހެޅި ތަހުލީލު ރިޕޯޓުގައި ވަނީ ކޮންތަނަކުން ހޯދި މަސްތުވާއެއްޗެއްކަން ސާފުނުވާ ކަމަށެވެ. ފުލުހުންގެ ފަރާތުން އޭނާގެ ފިންގާޕްރިންޓް ތަހުލީލުކުރުމަށް ފޮނުވާފައިވީހިނދު ދައުލަތުގެ ފަރާތުން އޭނާގެ ފިންގާޕްރިންޓް ރިޕޯޓު ހުށަހަޅާފައި ނުވަނީ ހަގީގަތް އޮޅުވާލަން ކަމަށް ވެސް ބުންޏެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު އެ މައްސަލައިގައި ކުރި ހުކުމުގައި ބުނެފައިވަނީ މަލްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރިކަމުގެ ދައުވާ ސާބިތުނުވާ ކަމަށެވެ.

އެގޮތަށް ހުކުމްކުރީ މަސްތުވާތަކެތި ފެނުނު ދަބަސް މަލް އާއި ދައުވާލިބޭ އިތުރު މީހާ ގެންގުޅެނިކޮށް އެއްވެސް މީހަކަށް ފެނިފައިނުވާތީ އާއި ސީނަށް ދިޔަ ފުލުހުން އެ ދަބަސް ނެގީ ބަނދަރުމަތީގައި ހުއްޓާ ކަމަށެވެ. ދައުވާލިބޭ އެއްވެސް މީހަކު ދަބަސް ގެންގުޅެނިކޮށް ނުވަތަ ދަބަހުގައި ހިފަހައްޓައިގެން ހުއްޓާ ފުލުހުންނަށް ވެސް ފެނިފައިނުވާކަމަށް ހުކުމުގައި ބުނެފައިވެއެވެ.

މަސްތުވާތަކެތި އަޅާފައިހުރި ޖޫސްޕެޓީ ކޮތަޅު ފޮރުވާފައި އޮތް ސިނގެރޭޓް ފޮށިން އެ މީހުންގެ ފިންގާޕްރިންޓް ނުފެންނަ ކަމަށާއި ދަބަހުން ވެސް އެ ދެ މީހުންގެ އެއްޗެއް ކަމަށް ބެލެވޭ އެއްޗެއް ފެނުނުކަން ފުލުހުންގެ ބަހުން ސާފުނުވާ ކަމަށްވެސް ހުކުމުގައިވެއެވެ.

އެހެންކަމުން ތަހުލީލު ރިޕޯޓަކަށް ބިނާކޮށް އެ މަސްތުވާތަކެތި އެ ދެ މީހުންނަށް ގުޅުވައި ނުލެވޭނެކަމަށް ހުކުމުގައި ބުނެފައިވެއެވެ. ފުލުހުން ދަބަސް ނެގިއިރު ދަބަސް ހުރީ ތަޅުނުލާ ކަމަށާއި އެހެންކަމުން ކޮންމެ މީހަކަށް ވެސް އެ ދަބަހަށް މަސްތުވާތަކެތި އެޅުމުގެ ފުރުސަތު އޮތްކަން އެނގޭކަމަށް ހުކުމުގައި ބުންޏެވެ.

މި މައްސަލަ ބެއްލެވީ ގާޒީ ހުސެއިން ފާއިޒް ރަޝާދުއެވެ.