ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ހިޔާނާތްތަކުގެ ޒިންމާ އެމަނިކުފާނު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރުކަން ވެސް ކުރައްވާ ޔާމީން ގިނަ އަހަރުތަކަކަށްފަހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތާއި އެމަނިކުފާނާ ގުޅުމެއް ނެތް ކަމަށާއި އަދި އެ ހިޔާނަތް ހިނގިކަން ދެނެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ ބޮޑު ހިޔާނާތް ތަހުގީގު ކުރަން ފަށާފައިވަނީ ވެސް އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގައި ބައިވެރިވުމެއް އޮތްނަމަ އެ ހިޔާނާތުގެ މައްސަލަ ތަހުގީގުކުރައްވަންވީ ކޮން ސަބަބަކާތޯ ޔާމީން ސުވާލު އުފެއްދެވިއެވެ. ޔާމީން ވިދާޅުވެފައިވަނީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅުވައިގެން ކުރަނީ ސިޔާސީ ދައުވާތަކެއް ކަމަށެވެ.

އެ ވާހަކަތަކައް ރައްދު ދެއްވައި ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމް މިއަދު ވިދާޅުވީ، ޔާމިންގެ ވެރިކަމުގައި ހިނގައިދިޔަ ހިޔާނާތްތަކުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ޔާމީން ކަމަށެވެ.

"ރައީސް ޔާމިނުގެ ވެރިކަމުގައި ހިނގައިދިޔަ ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ، ދައުލަތާއި އަދި ސަރުކާރުގެ އެންމެމަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް ޔާމިން."

ނާޒިމް ވިދާޅުވީ ހިޔާނަތް ހިނގިކަން ދެނެވަޑައިގެންނުގަންނަވާ ކަމަށް ޔާމީން ވިދާޅުވެފައި ވަނީ ޒިންމާ އަދާނުކުރެއްވުމުގެ ސަބަބުން ކަމަށެވެ.

ޔާމީން ވަނީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ފަރާތްތަކުގެ ފުރިހަމަ ތަހުގީގެއް ނުކުރެވިގެން އުޅޭ ސަބަބު ސާފުކޮށްދިނުމަށް ގޮވާލައްވައިފައެވެ. ޔާމީން ވަނީ އެމްއެމްޕީއާރްސީގެ ރަނގަޅު ލިސްޓެއް މިހާތަނަށް އާންމުކޮށްފައިނުވަނީ ކީއްވެތޯވެސް ސުވާލު އުފައްދަވައިފައެވެ.

ޔާމީން ވިދާޅުވީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ޖެހޭ ކަމަށާއި ނަމަވެސް މި ސަރުކާރުން އެކަން ކޮށްފައިވާ ކަމެއް މިހާތަނަށް ސާފު ނުވާ ކަމަށެވެ.

"ދެން އަޅުގަނޑު މިރޭވެސް ކަށަވަރުކަން އަރުވާނަން އަޅުގަނޑުމެންނަށް ސަރުކާރު ލިބިއްޖެނަމަ އަޅުގަނޑުމެންގެ މަގުސަދަކަށް ވާނީ މީގަ އުޅޭ މީހުންނަށް އަދަބު ދިނުމެއް ނޫން. އަޅުގަނޑުމެންގެ މަގުސަދަކަށްވާނީ އަޅުގަނޑުމެންނަށް ސަރުކާރު ލިބިއްޖެނަމަ، މި ފައިސާ ރިކަލެކްޓް ކުރުން. ރިކަވާ ކުރުން،" ޔާމީން ވިދާޅުވިއެވެ.

އެއީ ރައްޔިތުންގެ ފައިސާ ކަމަށާއި ރައްޔިތުންގެ ފައިސާ އަނބުރާ ނުލިބި، އެކަން ހިންގި ފަރާތް ޖަލަށް ލުމަކުން ނުފުދޭ ކަމަށާއި އެހެންކަމުން މި ސަރުކާރުންވެސް ކުރަންޖެހޭ ކަމަކީ އިހުލާސްތެރިކަމާއެކު މި މައްސަލަ ބަލައި ފައިސާ ހޯދަން މަސައްކަތް ކުރުން ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި މި ސަރުކާރުން މަސައްކަތް ކުރަނީ އެމަނިކުފާނު ޖަލަށް ލުމަށް ކަމަށާއި ނަމަވެސް މި މައްސަލައިގައި ނުބަލާ ހުރި އެތައް ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ބޭންކުގެ ތެރެއިން ހިންގާފައި ހުރި ކަންކަން މިއަދާ ހަމައަށްވެސް ތަހުގީގުކޮށްފައިނުވާ ކަމަށާއި އެކަންކަމަކީ މިއަދުވެސް ތަހުގީގު ކުރެވޭނެ ކަންކަން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.