Close
ޚަބަރު

ދެވަނަ ދައުރެއް ލިބިއްޖެނަމަ މީހުން ޖަލަށްލުމުގެ ބަދަލުގައި ބަލާނީ އެމްއެމްޕީއާރްސީގެ ފައިސާ އަނބުރާ ހޯދޭތޯ: ޔާމީން

ދެވަނަ ދައުރެއް ލިބިއްޖެނަމަ މީހުން ޖަލަށްލުމުގެ ބަދަލުގައި ބަލާނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އަނބުރާ ހޯދުމަށް މަސައްކަތް ކުރެއްވޭތޯ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ފަސް އަހަރު ދުވަހުގެ ޖަލު ހުކުމުން ސަލާމަތްވެވަޑައިގެން ނޫސްވެރިންނާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ޔާމީން ރޭ ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އެމަނިކުފާނަށް އެކަން އެނގިވަޑައިގެންނެވި ހިސާބުން ފިޔަވަޅު އެޅުއްވި ކަމަށެވެ. އެކަން އެމަނިކުފާނުގެ ސަމާލުކަމަށް ފުލުހުން ގެންނެވި ހިސާބުން، ޓޫރިޒަމަށް ދޫކުރަން ހުރި ރަށްތަކާއި ފަޅުތަކެއް އެގްރިކަލްޗާ މިނިސްޓްރީން ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުނުކުރައްވައި ހިފެހެއްޓެވި ކަމަށްވެސް ވިދާޅުވިއެވެ.

އެމައްސަލަ އެމަނިކުފާނުގެ ސަމާލުކަމަށް ގެންނެވީ އެއިރުގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް ކަމަށާއި އެވަގުތުން ފެށިގެން މައްސަލަތައް ތަހުގީގުކުރަން ފެށި ކަމަށެވެ. އެއިރުވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެރަށްތަކާއި ފަޅުތައް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގަންނަވަމުން ގެންދެވި ކަމަށެވެ. ނަމަވެސް އެގޮތަށް އެކަން ނުކުރައްވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވަނީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ފަރާތްތަކުގެ ފުރިހަމަ ތަހުގީގެއް ނުކުރެވިގެން އުޅޭ ސަބަބު ސާފުކޮށްދިނުމަށް ގޮވާލައްވައިފައެވެ. ޔާމީން ވަނީ އެމްއެމްޕީއާރްސީގެ ރަނގަޅު ލިސްޓެއް މިހާތަނަށް އާންމުކޮށްފައިނުވަނީ ކީއްވެތޯވެސް ސުވާލު އުފައްދަވައިފައެވެ.

ޔާމީން ވިދާޅުވީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ޖެހޭ ކަމަށާއި ނަމަވެސް މި ސަރުކާރުން އެކަން ކޮށްފައިވާ ކަމެއް މިހާތަނަށް ސާފު ނުވާ ކަމަށެވެ.

"ދެން އަޅުގަނޑު މިރޭވެސް ކަށަވަރުކަން އަރުވާނަން އަޅުގަނޑުމެންނަށް ސަރުކާރު ލިބިއްޖެނަމަ އަޅުގަނޑުމެންގެ މަގުސަދަކަށް ވާނީ މީގަ އުޅޭ މީހުންނަށް އަދަބު ދިނުމެއް ނޫން. އަޅުގަނޑުމެންގެ މަގުސަދަކަށްވާނީ އަޅުގަނޑުމެންނަށް ސަރުކާރު ލިބިއްޖެނަމަ، މި ފައިސާ ރިކަލެކްޓް ކުރުން. ރިކަވާ ކުރުން،" ޔާމީން ވިދާޅުވިއެވެ.

އެއީ ރައްޔިތުންގެ ފައިސާ ކަމަށާއި ރައްޔިތުންގެ ފައިސާ އަނބުރާ ނުލިބި، އެކަން ހިންގި ފަރާތް ޖަލަށް ލުމަކުން ނުފުދޭ ކަމަށާއި އެހެންކަމުން މި ސަރުކާރުންވެސް ކުރަންޖެހޭ ކަމަކީ އިހުލާސްތެރިކަމާއެކު މި މައްސަލަ ބަލައި ފައިސާ ހޯދަން މަސައްކަތް ކުރުން ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި މި ސަރުކާރުން މަސައްކަތް ކުރަނީ އެމަނިކުފާނު ޖަލަށް ލުމަށް ކަމަށާއި ނަމަވެސް މި މައްސަލައިގައި ނުބަލާ ހުރި އެތައް ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ބޭންކުގެ ތެރެއިން ހިންގާފައި ހުރި ކަންކަން މިއަދާ ހަމައަށްވެސް ތަހުގީގުކޮށްފައިނުވާ ކަމަށާއި އެކަންކަމަކީ މިއަދުވެސް ތަހުގީގު ކުރެވޭނެ ކަންކަން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.