ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު، ކިޔެވުމުގެ އިތުރުން ދިރިއުޅުމުގެ އެކި ކަން ކަން ދަސްކޮށްދިނުމަށް ކަރިކިއުލަމް ތެރެއިން ކުރެވިދާނެ ކަމަކީ ކޮބައިތޯ ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ހަމްޒަތު ދޮންމަނިކު ދިޔައީ ވިސްނަމުންނެވެ.
އެގޮތުން ދަރިވަރުންނަށް އެންމެ ފައިދާ ވާނީ ކޮންކަމެއްތޯ އާއި ދަރިވަރުން ލައްވައި ކުރުވޭނީ ކޮން ކަމެއްތޯ ބެއްލެވިއެވެ. އެކަން ޓީޗަރުންނާއި ބެލެނެވެރިންނަށް ހިއްސާކުރައްވައި، މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ ކޮންމެ ކުލާސް ރޫމެއް އެ ކުލާހެއްގެ ދަރިވަރުން ލައްވައި ސާފު ކުރުމަށެވެ.
"މިގޮތަށް އެކުދިން ލައްވައި ސާފު ކުރުމުން އެކުދިންނަށް އެނގޭނެ ގޭގަވެސް މިއީ ކުރަންޖެހޭނެ ކަމެއްކަން. ސާފުތާހިރުވާންޖެހޭނެ ކަން. އެގޮތަށް އުޅެން ދަސްވާނެ. ކޮންމެ ދުވަހަކު 15 ވަރަކަށް މިނެޓު މިހެން ކުދިން ލައްވައި ސާފުކުރަން ބޭތިއްބީމަ އެކުދިންނަށްވެސް އެކަންކަން އާދަވާނެ." ހަމްޒަތު ވިދާޅުވިއެވެ.
ހަމްޒަތު ވިދާޅުވީ މިކަމަށް ދަރިވަރުންގެ ފަރާތުންވެސް ވަރަށް ބޮޑު ހިތްވަރެއް ލިބެމުން އަންނަ ކަމަށެވެ. ހާއްސަކޮށް ބެލެނިވެރިންވެސް އެކަމަށް ދޭ ތަރުހީބު ވަރަށް ބޮޑު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހަމްޒަތު ވިދާޅުވީ ދަރިވަރުން ކުލާސްރޫމްތައް ސާފުކުރުމަށް ބޭނުންވާ ސާމާނު ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން ސްކޫލަށް ހަދިޔާކޮށްދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކުލާސްރޫމްތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ގުރޫޕްތަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން އެއްގުރޫޕަކުން ކުލާސްތެރެ ކުނިކަހައި ސާފުކުރާނަމަ އެނެއް ގުރޫޕަކުން ކުލާސް ރޫމުގައި މޮޕްލާނެ ކަމަށާއި މޭޒާއި ގޮނޑި ސާފުކުރުން އޮންނަނީ އެ ބޭނުންކުރާ ކުއްޖެއްގެ ޒިންމާއެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމްޒަތު ވިދާޅުވީ ކުލާސްރޫމްތައް ސާފުކުރުމުގައި އެ ސްކޫލުގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުންވެސް ބައިވެރިވާނެ ކަމަށެވެ. އެ ގޮތުން ގްރޭޑް އެކަކުން ފެށިގެން 12 އާއި ހަމަޔަށް ހުރިހާ ގުރޭޑެއްގެ ދަރިވަރުން މި ކަމުގައި ޝާމިލުވާނެ އެވެ.
ވަށައި ޖެހޭ ތައުލީމެއްގެ ތެރެއިން، ދަރިވަރުންގެ ކިޔެވުން ނިންމައި، މުޖުތަމައަށް ނުކުންނަ އިރު އަމަލީ މަސައްކަތުގެ މައިދާނަށް އެއްވެސް ވަރަކަށް ނުހޭނި ތިބޭތީ، އެކަމުގެ ކަންބޮޑުވުން މުޖުތަމައިގައި އޮވެއެވެ. ސްކޫލުތަކުން ވެސް އަމަލީ ތަޖުރިބާގެ ވީހާ ގިނަ ކަންކަން ދަރިވަރުންނަށް އުނގަންނައިދީ އާދަ ކުރުވުމަކީ މުހިންމު ކަމެއް ކަމަށް ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ދެކެއެވެ. އަދި މި ކަމަކީ ބެލެނިވެރީންނާއި މުޖުތަމައުން ބަލައިގަނެ އެއްބާރުލުން ދޭން ޖެހޭ ވެސް ކަމެކެވެ. މި ފަދަ މުހިންމު ކަންތައްތަކުގެ ފެށުމެއްގެ ގޮތުން، ދ. އަތޮޅު ތައުލީމީ މަރުކަޒުން މި އެޅި ފިޔަވަޅަކީ ދަރިވަރުންގެ ތަރުބިއްޔަތަށް މުހިންމު ފެށުމެއްކަމާމެދު ޝައްކެއް ނެތެވެ.
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް