ޚަބަރު

ސުޕްރީމް ކޯޓުގެ ބެންޗު ފަހަކަށް މަދުކޮށް، މަޖިލީހުގެ މެންބަރުންގެ އަދަދު 87 އަށްވުރެ އިތުރުނުކުރަން އިސްލާހެއް

ސުޕްރީމް ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް މަދުކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 87 އަށްވުރެ އިތުރުނުކުރަން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޕާޓީގެ ކޮންގްރެސްއަށް އިސްލާހު ހުށަހަޅުއްވައިފިއެވެ.

މިމަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއަށް، ރައީސް ނަޝީދު މިއަދު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ވެރިކަމުގެ ނިޒާމުގެ އިތުރުން ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހުކުރުމަށްޓަކައި ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެނައުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ބޮޑެތި އިސްލާހުތަކެއް ވަނީ ހިމަނުއްވައިފައެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ފަސް ފަނޑިޔާރުންކަމަށް ކަނޑައެޅުމަށާއި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ގެންނަ ބަދަލުތައް ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

ސުޕްރީމް ކޯޓު މިހާރު އެކުލެވިގެން ވަނީ ހަތް ފަނޑިޔާރުންގެ މައްޗަށެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫނާއި ފަނޑިޔާރު ހުސްނުއް ސުއޫދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސެއިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ގާނޫނުއަސާސީގެ 158 ވަނަ މާއްދާގައިވާގޮތުން ޖޭއެސްސީ މިހާރު އެކުލެވިގެންވަނީ ދިހަ މެންބަރުންގެ މައްޗަށެވެ.

ޖޭއެސްސީގައި މެންބަރުން ހިމެނިފައިވާ ގޮތް:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް
  • ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ފިޔަވައި އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރެއް
  • ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރެއް
  • ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބު ކުރާ ފަނޑިޔާރެއް
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރެއް
  • އާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހެއް
  • ސިވިލް ސާވިސް ކޮމިޝަންގެ ރައީސް
  • ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހެއް
  • ބަންޑާރަ ނާއިބު
  • ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިހާބު ކުރާ ގާނޫނީ ވަކީލެއް

ރައްޔިތުންގެ މަޖިލިހުގައި މިހާރު ތިއްބެވި މެންބަރުންގެ ޖުމުލަ އަދަދު 87 މެންބަރުންނަށްވުރެ އިތުރު ނުވާނެގޮތަށް ގާނޫނުތަކަށް ބަދަލު ގެނައުމަށްވެސް ރައީސް ނަޝީދު ވަނީ ހުށަހަޅުއްވައިފައެވެ. އަދި ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބަލައި ޕާޓީއަށް ހާއްސަކުރެވޭ "ނެޝަނަލް ލިސްޓު" ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށްވެސް ހުށަހަޅުއްވާފައިވެއެވެ.

މަޖިލީސް މިހާރު އެތުރިފައި އޮންނަނީ ކޮންމެ 5،000 މީހުންގެ އާބާދީއަކަށް މެންބަރެއް ހިމެނޭގޮތަށް އާބާދީ އިތުރުވާވަރަށް މެންބަރުންގެ އަދަދު އިތުރުވާގޮތަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވާގޮތަށް ހެދުމަށާއި، ޝަރުއީ ނިޒާމަށް އިސްލާހު ގެންނަން ރައީސް ނަޝީދު ހުށަހަޅުއްވާފައި މިވަނީ، މަޖިލިސް މެންބަރުންނަށް ދައުލަތުން ކުރަންޖެހޭ ހަރަދު އަހަރުން އަހަރަށް އިތުރުވަމުންދާ މައްސަލަ އާއި، ޖޭއެސްސީގައި މެންބަރުން ހިމެނިފައިވާގޮތުން ޝަރުއީ ނިޒާމުގެ އިތުބާރު ކެނޑިފައިވާކަމަށް ބުނެ ފާޑުކިޔަމުންދާތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.