ފ. މަގޫދޫ ބިމުގެ ދަތިކަން ހައްލުކުރުމަށާއި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެކަމަށްޓަކައި މަގޫދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމާއި މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދުގެ އިތުރުން މަގުދޫގައި ހިންގާ މަޝްރޫއުތަކުގެ މަސައްކަތް ހަވާލުކުރި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެމްޓީސީސީން ބުނީ، މަގުދޫގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫއުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ނިމުމާއެކު އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފެށިގެންދާނެ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ، އެ އެއާޕޯޓުގެ ސަބަބުން ފ. އަތޮޅުގެ ރައްޔިތުންނަށް އެ ސަރަހައްދަށް ދަތުރުކުރުމުގައި އެތަކެއް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މަގޫދޫ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 17 ހެކްޓަރު ސަރަހައްދެއްގެ ބިން ހިއްކުމާއި އެއާޕޯޓް ގާއިމުކުރުމަށްޓަކައި 8.30 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 3،339 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 90 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ޕްލޭނިން މިނިސްޓްރީން އެ ހުރިހާ މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކުރީ 206.88 މިލިއަން ރުފިޔާއަށެވެ.
އެ މިނިސްޓްރީން މަގޫދޫގައި އެއާޕޯޓު އެޅުމަށް އިއުލާންކުރީ މިދިއަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ މަގުދޫގައި އެއާޕޯޓު އެޅުމުގެ އަގަކީ 8,200,000 ޑޮލަރު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު