(4 އޭޕްރީލްގެ އަދަދާ ގުޅޭ)
ޅާނބުގެ އިތުރަށް ވަބައިން ކިޔާ އެއްޗެއް ވެސް ހުންނާނެ އެވެ. އަދި މެއްކުގައި ބޮލުބައިން އަޅައި މަސްވެރިކަން ކުރާ އާލާތާއި ރޮދު ފަދަ ތަކެތި ރަނގަޅަށް ދޯނީގެ ތަލުތެރޭގެގައފަށްފަށާއެކު ބަނދެ ހައްޔަރު ކުރާނެއެވެ. ނަގަނަމަގަށް ވަނުމަށް އޮމާންގަޑާއި ނަގަނަމަގު ގުޅޭ ހިސާބުން ދޯނި މަޑުމަޑުން ބޭރު ކުރާނެއެވެ. މި ހިސާބުގައި ހުންނަ ރާޅުގެ މިސްރާބު ހުންނަ ގޮތުން ނަގަނަމަގަށް ނުވަދެވެނީސް ދޯނި ފެތޭ ދުވަސް އާދެއެވެ. މި ގޮތަށް ދޯނި ފެތިގެން ދަނބުގޭ އެޅަ މީހާ ވަނީ 1951 މ ގައި ނިޔާވެފައެވެ. މި ސަރަހައްދަކީ އާންމުކޮށް ހުޅަނގު މޫސުމުގައި ދޯނިފަހަރު ފެތި ބަންޑުން ޖަހާލާ ސަރަހައްދެއް ނަމަވެސް މިނޫން މީހަކު ނިޔާވިކަން އެނގޭކަށް ނެތެވެ. އަޅުގަނޑު ވެސް ދެ ފަހަރެއްގެ މަތިން ނަގަނަމަގަށް ފެތުން ތަޖްރިބާ ކުރީމެވެ. އެއީ 1976 އަދި 1978 ގައެވެ. ނަގަނަމަގަށް ވަންނަމުން ކެޔޮޅު ހުންގާނުގައި ފައި އަޅުވައިގެން ތެދުވެއްޖެނަމަ ފަޅުވެރިން ދަންނަން ޖެހޭ މުހިންމު ކަމަކީ ދުވަހަކީ ގަދަ ދުވަހެއް ކަމެވެ. އަދި ދޯނި އުފެލޭ ވަރަށް ފަލި ޖަހަން ޖެހޭނެ ކަމާއި ޚާއްސަކޮށް އަށްދޮށް ފަރާތު ފަލިން އިތުރު ބާރެއް ލާން ވާނެ ކަމެވެ. ވާތް ފަރާތު ފަލިތަކުން ދޯނީގެ ކައިރިއަށް އަންނަ ގޮއް ފަކުލުގައި އަޅުވައި އެ ފަކޫ މައްޗަށް ދޯނި އަރުވާއިރު އައްދޮށް ފަރާތް ކައްވައިގެން ނުދާ ވަރަށް އެ ފަރާތުގެ ތިން ފަލި ފެނުގައި އަޅުވައި ހިފަހައްޓަން ވާނެ ކަމެވެ. އަދި ދޯންޏާއެކު މީހުން އަރިއަޅައިގެން ނުދާ ވަރަށް ފައްފަށުގައި ފައިން ހިފަހައްޓާނެ ކަމެވެ. މިހާރު މި އޮތީ ނަގަނަމަގު ބުރި މައްޗަށް ނުކުމެވިފައެވެ. ދޯނި ނަގަނަމަގަށް އަނބުރާލާއިރު އޮންނާނީ ހުރަސް ފަރުގަނޑުގެ ފެހުން ކޮޅުގައި އޮންނަ ރަށު ބަހުން ކިރިބާނަ އޮޅު ތަންހެއު ތަނާ ދިމާލަށެވެ. ރަށު ފަރަށް އަންނަ ރާޅާ އެކު އިތުރު ބާރަކާ އެކު ވަދެގެން ގޮސް ކިރިބާނަ އޮޅާއި ހަމަވާއިރު ދޯނި އޮންނާނީ ރަށު ފަރަށް ބިންދާ ރާޅު ބުރިމަތީގައެވެ. އެ ހިސާބުން ނަގަމަގުގެ ރާޅުބާނިތައް ކުޑަ ވެދެއެވެ. އަދި ދޯނި ބޭރަށް އަނބުރާލުމަށްފަހު ކެޔޮޅު އިށީގެ ފަށަވަރު ފަޅާލާށޭ ބުނާނެއެވެ. އެ ހިސާބުން ރަށުގެ މަސްވެރިން ކިޔާ ތަފާތު ދެއަކެޑެ ތަކަށް ނުކުންނާނެއެވެ. މަޑު ދުވަސްދުވަހު ބޭރުގެ ދެއަކެޑެ ތަކެވެ. ގަދަ ނަމަ އެއަށްވުރެ އަށްދޮށެވެ. މީގެ ކުރިން އަޅުގަނޑު ވާނީ މި ދެންނެވި ދެއަކެޑެތަކަށް ކިޔާ ނަންތައް ކިޔައިދީފައެވެ.
ރޭގަނޑު ވަދާ ދާނީ ހުޅަނގު ޖަހައި ހެޔޮވަރު ވަރަކަށް ކަނޑު މަޑު ވުމުންނެވެ. ވަދި ޖަހަން ދާން ވެގެން ވަރަށް ކަންތައް ކުރެއެވެ. މަހަށް ގޮސް ކާނެ އެއްޗެއް ހޯދާނެއެވެ. ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބުނު އެންމެ ރަނގަޅު އެއްޗެއް ގެންދެއެވެ. ކާ ތަކެތި ހިއްސާ ކުރުން ދެތިން ގޮތަކަށް އޮވެއެވެ. ފުރަތަމަ ގޮތަކީ ދެ ކެޑެފަލި ޖަހާނެ ދެ މީހުނާއި ދެ ކާހައްފަލި ޖަހާނެ ދެ މީހުންނާއި ހަތަރު މީހުން އެކީގައި ދެ ފަހަރަށް ބަހާލައިގެން ކެއުމެވެ. އަދި ދެ ބަނޑޮފަލި ޖަހާނެ ދެ މީހުންނާއި ދެ ކެޔޮޅުން އެކީ ހިއްސާ ކުރުމެވެ. ދެވަނަ ގޮތަކީ ކޮންމެ ދެ މީހަކު ހިއްސާ ކުރުމެވެ. ކޮންމެ ގޮތަކަށް ބަހައިގެން ކެއުމަށް އިންސާފު ކުރިޔަސް ރަށައް އަންނަން އަނބުރައިލައިފައި އައިސް ކުރީގައި ކިޔައިދިން ގޮތަށް ރަށުގެ ކޮޅުން ވަދެ ކެއުމަށް ބައެއް ބަހައްޓައެވެ. ކާއެއްޗެހި އަޅަނީ ފައްކޭލުގެ ފައް މިލުވައިގެން އެއަށް ނުވަތަ ކަހަނަލަ ފަތަށެވެ ވަދު މަސްވެރިކަމުގައި ބޭނުންކުރަނީ ދުވާލުގައި ބޭނުންކުރި އާލާތަށްވުރެ ފަލަ ވަރުގަދަ އާލާތެވެ. ވަދު މަސްވެރިކަން ކުރާނީ ޢާންމުކޮށް ރަށުގެ ފެހުން ކޮޅުގައި ކުރިން ކިޔައިދިން ހޭހަންތަކުން ކޮންމެވެސް ހޭހަނެއްގައި މަސްވެރި ދެއަކެޑެއްގައެވެ. މި ތަންތަނަށް ޚާއްސަކޮށް ގެންދެސްވަޅު ވެސް ކިޔައެވެ. ރޭގަނޑު ވަދު މަސްވެރިކަން ކުރާއިރު މުޅިން ބާނާނީ ކަންނެއްޔެވެ. މަސްކަނޑާ ހަމަޔަށް ދެވެންދެން އަންބާ ކިޔައި ރައިވަރު ކިޔަމުންދާނެއެވެ. ނަމަވެސް ވަކި ހިސާބަކުން އެކަން ހުއްޓައިލާނެއެވެ. އެހެން ހަދަނީ އެހެން މީހުނަށް އެ ދޯނި އޮތްތަން އެނގުނަ ނުދޭން ވެގެންނެވެ. ކަންނެލި ދަހިކޮށް ގަންނަމުން އައިސް އިރަށް ދޮންކުރުމުގެ ކުރިން ވެސް ބައެއް ފަހަރު ކެޔޮޅުމީހާ ދޮށި އަޅަން ފަށައެވެ. އިރު އަރައި ކަޅިއެ ހާލި އެނގޭ އިރު ބައެއް ދޯނިފަހަރު މަސް ބާނައިގެން ރަށަށް އަންނަން ފައްސާ ކޮށްލާނެއެވެ.
ރޭގަނޑު މަސްވެރިކަމުގައި ބޭރު ދެއަކެޑެތަކުގައި އުޅެނިކޮށް ވިއްސާރަވެ ވާރޭ ވެހި ރަށް ގެއްލޭ ފަހަރު ވެސް އާދެއެވެ. އުޑުމަތި ބަނަވެ ތަރިތައް ގެއްލި ރަށުގެ މަލަ ގެއްލުނަސް އޭރުގެ ތަޖުރިބާކާރު މަސްވެރިންނަށް ރަށް އޮތްތަން ފާހަގަ ކުރަން އެނގެއެވެ. މާކަނޑުގައި ހިނގާ ނުބިންދާ ދިގު ރާޅަށް (ރަށުގެ ބަހުރުވައިން މުސްކުޅި މާވައި) ދޯނި އުފުލާ ގޮތުން ރަށާ ދިމާލަށް ދަތުރު ކުރަން ދަންނާނެއެވެ. ދިގު ރާޅު އަބަދުވެސް ދަތުރު ކުރާނީ ހިކިފަސް ތަނަކާ ދިމާލަށެވެ.
ދުވާލު ބޭނުން ކުރަނީ ރޭގަނޑު ބޭނުން ކުރި އާލާތަށްވުރެ ހިމަ އާލާތެކެވެ. ދުވާލު ވެސް މަސް އައިން ފެނުމުން މަސް އައިން މަތީގައި ވަދު އެޅުމުގެ ބަދަލުގައި ދަނޑީގައި މަސް ބާނަށް ޚާއްސަ ސަމާލުކަމެއް ދޭނެއެވެ. އެ ގޮތުން ކެޔޮޅު ހުވަނި ކަނޑަށް ވައްޓާލައިގެން އަށްދަރި ކެއުޅު ފެން އެއްލައެވެ. މި ގޮތަށް ހުންނަ ހުރުމަށް ކިޔަނީ މަހިލަވަނީ މިގޮތަށެވެ. ވަރަށް ގިނަފަހަރު މިހެން ހުއްޓާ މަސްއައިން ތިލަވެ ހިޔަ ދެ ހިޔަ މަސް ބޭނޭ ދުވަސް ވެސް އާދެއެވެ. މަސްއައިން މަތީގައި ވަދު ދެމުމާއި ދިރޭ މަސް ދުއްވުމީ މަނާ ކަމެއް ކަން ފުވައްމުލަކުގެ ރައްޔިތުންނަށް ފުވައްމުލަކު އޮފީހުން (01 އެޕްރީލް 1960) ގައި ކިޔައިދެއްވި ސިޓީން އެނގެއެވެ. އެހެންކަމުން ފުވައްމުލަކުގެ ކިޔަމަންތެރި ރައްޔިތުން އެ ގޮތަށް އަމަލު ކުރަމުން އައިސްފައިވެއެވެ. ވަދު ދަމާނީ މަސްއައިން ނުފެންނަ ނަމައެވެ.
ދަށުބޭރަށް ދަނީ ވަރަށް ބޮޑަށް ކަނޑު މަޑުވެ މަސްވެރިކަން ދަށަށް ދިއުމުންނެވެ. ދުވާލު ވަދުގައި މަހެއް ބޭނުމުން ބައެއް ފަހަރު މަސް އޮތް ގޮތަށް ބާއްވައިގެން އެ ދުވަސްވަރު ގެންގުޅުނު "މަހިޖަހާ ބިޅި" ކިޔާ ބޮޑު ބުޅީގައި ޖަހައި ބަޑޮއާލާތު ނަނުގައި އަޑިޔަށް ފައްތައިގެން ހިބަރެއް ނުވަތަ މިޔަރެއް ބާނަން މަސްވެރިކަން ކުރާނެއެވެ. ބައެއް ފަހަރު މަސް ފަޅައިގެން މަސްކިބައެއް ވެސް ބުޅީގައި އަޅައެވެ. މި ގޮތަށް ފެއްތުމަށް ފަހު ފުރަތަމަ ކުރާ މަސައްކަތަކީ ބިޅި އެޑުމެވެ. މިކަން ކުރާ ގޮތަކީ މާ ބިޅި ދޮށްދަނޑީގައި ހަރު ކުރުމެވެ. މި ދަނޑިއަށް ރަށުމީހުން ކިއަނީ "ދެށެ ދާނޑި" މިހެންނެވެ. މާ ބިޅި އޮންނަނީ އެއްކޮޅުގައި މޫދިގަނޑެއްލާފައި ފަސޭއިން ލަނބައިލެވޭ ގޮތަށެވެ (މިއަށް ރަސްމީ ބަހުރުވައިގައި ކިޔާނީ މަޑަ ނުވަތަ ކަމަރެވެ). މޫދިގަނޑުގެ އެންމެ ކޮޅުގައި އޮންނަ ބޮޅު އޮންނާނީ ތަންކޮޅެއް ބޮޑުކޮށް ވަލުގެ ކޮޅުން ރޮދޮގެ ކޮޅު ބޮޅުގެ އެތެރެއަށް ވައްދާލެވޭ ވަރަށެވެ. ރޮދު ބުޅީގައި ހަރުކޮށް ދެށެދާޑީގެ ކޮޅުގައި މުދިގަނޑު ޖައްސައި ލަނބައިލުމުން ބުޅި އޮންނާނީ ބޭރަށް ލެނބިފައެވެ. މި ގޮތަށް ހަދައިލުމުން ހިބަރު ފަދަ މަސްމަހުގައި ބުޅިން ޖަހާލުމުން ބުޅީގެ މިނަށް މަހުގެ މަސްގަނޑުގެ ތެރެއަށް ވަދެއެވެ. ރޮދުގެ ބުޅި ހަރުކުރާ ކޮޅު ނޫން އަނެއް ކޮޅުގައި ފަށެއް ޖަހައި ދަނޑީގެ ކޮޅަށް އަރުވައެވެ. މިއަށް ކިއަނީ ރަދިއެވެ. މަސް ކައިރިވުމުން ބުޅިން ޖެހުމުން ރަދި ނައްޓާލައި ދެށެ ދަނޑި ބުޅިއާ ވަކިވެދެއެވެ. މަސް ކައިރި ކުރާނީ ގަނެފައި ހުރި އާލާތާއި ރޮދުގެ ބޭނުންކޮށްގެންނެވެ. މި ދެންނެވި ބުޅީގައި ހަރު ކުރާ މުދިގަނޑު ހަދާފައި އޮންނާނީ ލޮއިންނެވެ.
ކޮށާ މަސްވެރިކަމަކީ ވެސް ވަކި ވަރަކަށް ވައި މަޑުވުމުން ކުރާ ކަމެކެވެ. މި ކަމަށްޓަކައި ފުރަތަމަ ކޮށާނެ އެންމަހެއް ހޯދައި ކޮށުމުގެ މަސްވެރިކަން ކުރާ ކޮންމެވެސް ދެސްވަޅަކަށް ދެއަކެޑެ ކުރުމަށް ފަހު ހޯދި މަސް ވަކި ގޮތަކަށް ކޮށައި ކުޑަކޮށް ކަނޑަށް އުކާނެއެވެ. އޭރު ނަނުގައި ބުޅި ހަރުކޮށް އަޅާ މަސްގަނޑަށް ކިޔަނީ އެންގަނޑެވެ. މި އެންގަނޑު ކަނޑަށް ވައްޓައި އަޑިއަށް ފައްތާއިރު ފަލިތަކުން ނަނަށް ހެޔޮކުރާނެއެވެ. މި ކަމުގައި ކެއުޅު ކިޔާ ބަސްތަކުގެ ތެރޭގައި އެލެއި ކިޔައިފިނަމަ އެއީ ފަހަތަށް ޖެހޭ ވާހަކައެވެ. އަދި ވާތް ކަނާތް ވެސް ކިޔާނެއެވެ. އެ ފަރާތްތަކަށް އެނބުރޭ ވާހަކައެވެ. ކެޑަހަ ނިޖަހަންނަކޭ ވެސްބުނެއެވެ. އެއީ ދޯނި ކުރިއަށް އަރާ ވާހަކައެވެ. މި މަސްވެރިކަމުގައި ބައެއް ފަހަރު ހަތަރު ނަނު ވެސް ދޫކުރެއެވެ. ހަތަރު ނަނު ދޫކުރާ ނަމަ ކިޔަނީ ހަތަރު ކެޑެއެވެ. މި މަސްވެރިކަމުގައި ހިރިމި ކަންނެލި ވެސް ބާނައެވެ.
މަސް ތަދުވުމުން ހުޅަން މަސް (ފުޅަނގި) ބާނައި ނުވަތަ ރިންމަސް ބާނައިގެން އެ ދުވަހަކު އެ ލިބުނު އެންމަހެއް ބުޅީގައި އަޅައިގެން އެންމަސް ވައްޓާލުމަށް ފަހު ބާރުބާރަށް ފަލި ޖަހައިގެން ވައްޓާލި އެންމަސް ކަނޑުގައި ދަމައެވެ. މި ކަމަށް ކިޔަނީ އެންފާ ދެމުމެވެ. މި ގޮތަށް ކުރާ މަސްވެރިކަމުގައި ތަފާތު މަސް ބޭނެއެވެ. ކަންނެލި، ދިގިމަހަ (ކުރުމަސް) ފަދަ މަހުގައި އަޅުވަނީ އާވަނިއެވެ. މި ރަށުގައި ދާވަނި ވެސް ގެންގުޅެއެވެ. ނަމަވެސް އެހާ އާންމެއް ނޫނެވެ. ބައެއް ފަހަރު އަޑިއަށް ފައްތައިގެން ވެސް މަސް ބާނައެވެ. މަސް ވަކިފާޑަކަށް ކަފައިގެން ވެސް އެންފާ ހަދައެވެ.
މި ކަމަކީ ވެސް ވައިމަޑު ދުވަސްވަރު ކުރާ މަސްވެރިކަމުގެ ބާވަތެކެވެ. ހޭމަހަ ޖެހުން ދެ ގޮތަކަށް އޮވެއެވެ. އެއީ ހުޅަންމަހަ ދިރުވައިގެންނާއި ހުޅަންމަހަ ނެތިއެވެ. ހޭ މަހަކީ ވަކި ފާޑަކަށް ބޮލަށްވުރެ މެދު އުސްކޮށް ފަހަތުކޮޅު ބޮލަށް ހިމަކޮށް ހަދާފައި އޮންނަ ލުއި ލަކުޑިކޮޅެކެވެ. މި ލަކުޑިކޮޅުގައި ބޮޅެއް ހޫކެއް ހަރުކޮށް އޭގައި ފަށެއް ޖަހައި ދަނޑިއެއްގައި ހަރުކޮށް ދޯނީގެ ފަހަތުން މޮހި (މޯހިރު) ގައި ހުރަސްވާ ގޮތަށް ރޮނގު އަޅައެވެ. މި ގޮތަށް ހަދާއިރު ކުރީގައި ބަޔާންކުރި ގޮތަށް ދެށެ ދާނޑީގައި ހުންނަނީ ބުޅި އަޅައި ކެއުޅުމީހާޔަށް ފަސޭހައިން ނެގޭ ގޮތަށެވެ. ކެއުޅުމީހާއަށް މަސް ފެނުމުން ހޭމަހުގައި އަޅާ ރޮނގު ބަދަލުކޮށް ފަސޭއިން މަހުގައި ބުޅިން ޖެހޭ ގޮތް ހަދައެވެ. ބައެއް މޮޅު ކެއުޅުން ދެށެދާނޑި އަތުން ވީއްލައި ވެސް ދިގި މަހުގައި ޖަހައެވެ. ހުޅަންމަހަ ދިރުވާފައި ހުންނައިރު މީހަކަށް ފެނުމުގެ ކުރިން ހުޅަންމަހަށް އަންނަ ދިގިމަހަ ފެނެއެވެ. ފެނުމާއެކު ފިޔަ ރޫޅައި އުދުއްސައިގަންނަން ތައްޔާރުވެއެވެ. އެ ހިސާބުން ހުޅަންމަހަ މަތިކޮށް ދިރުބާ ކޮޅަށް އަރުވައެވެ. އަދި ދޯންޏަށް ވެސް ނަގާނެއެވެ. ފެންނަން އޮތް މާޒީގައި ހޭމަޖަހައިގެން އެންމެގިނަ ދިގިމަހަ މަރާފައި ވަނީ ކަނީރުމާގޭ އަލީ އިސްމާޢީލް އެވެ. އޭނާގެ ވާހަކައިން އެއީ 1972 ވަނަ އަހަރުގެ ދުވަހެއްގައި ކަން އެނގެއެވެ. އެ ދުވަހު އޭނާ ސާދަ ދިގިމަހަ މެރިކަމުގައި ގިނަ ފަރާތްތަކަކުން މައުލޫމާތު ލިބުނެވެ.
އިރުވައިގައި މަސްވެރިކަން ކުރުމަށް ރަށުގެ ވަރިންމަކޮޅު ބޭނުން ކުރާނެއެވެ. މިތާގެ ހޭހަންތައް ކުރިން ވާނީ ކިޔައި ދީފައެވެ. މި ހިސާބުގައި ކުރާ މަސްވެރިކަމަށް ކިޔަނީ ކެޑެވަރިއެ މަސްވެރިކަމެވެ. މި ސަރަހައްދުގައި ވެސް ހުރިހާ ބާވަތެއްގެ މަސްވެރިކަމެއް ކުރާނެއެވެ. އިރުވައިގައި އެ ދުވަސްވަރު ހަމަތި ހިނގައެވެ. ބިއްތަރުގައި ހިނގާ ހަމަތި އެއްގަމުގައި ތިބޭއިރުގައި ފެނެއެވެ. ބައެއް ދުވަސްދަވަހު ހަމަތިއާ ދިމާކުރަން މަސްވެރިން ހެނދުނު ތެދުވެގެން ނެރެގަނޑުންނާއި މާނޭރާއި ބިޅިފޭށިން ވެސް ނިކުންނާނެއެވެ. ހެނދުނު އަތިރިމަތީގައި ނެރެގަނޑުގައި ތިބެފައި ހަމަތި ފެނުމުން ނިކުމެ ވެސް މަސްބާނާނެއެވެ. މި ގޮތަށް ވަދު ދޯންޏެއްގައި އެންމެ ގިނަ މަސް ބޭނީ ހަވޭލި އަހުމަދު އިބުރާހީމްގެ ކެޔޮޅުކަމުގައި ދޮންގަޑިގޭ/ޝަބުނަމީގޭ ދޯންޏެއްގައި 1981 ވަނަ އަހަރުގައެވެ. އެ ދުވަހު އެ ދޯނި 400 މަސް ބާނައިގެން ހުއްޓާލީ ދޯނި ފެތިދާނެތީއެވެ.
މި ކަމަކީ މިހާރު ވެސް ކުރާ ކަމަކަށްވާތީ ހުރިހާ ކަމަކާއި ގުޅޭ ގޮތުން ވާހަކަ ދައްކާކަށް ގަސްދެއް ނުކުރަމެވެ. ދުވާލު އަޑިއަށް ފައްތައިގެން މަސްވެރިކަން ކުރަން ހެޔޮވަރުގެ ހަތާ ފޮތި ހޮވައި ދޯންޏަށް އަރުވައިގެން ނިކުމެ ބުޅީގައި އެން އަޅައި އެންގަނޑާއި ބުޅި ދެ ހަތާ ފޮތި ދޭތެރަށް ލައި ދެ ފަށުން އޮޅާލުމަށްފަހު މައި ފަށް ގެނެސް އޮޅާލި ތަނަށް ލައްވައި ހައްޔަރު ކުރުމަށްފަހު އަޑިއަށް ފައްތައެވެ. އަޑީގައި ޖެހުމުން މައްޗަށް ކުއްލިއަކަށް ހިފާލުމުން މައި ފަށް ނައްޓައިގެން ގޮސް ބައެއް ފަހަރު މައި ފަށް ރޫޅިގެންދާ ގޮތަކުން ބުޅީގައި މައި ފަށް އަޅައިގަންނައިރު އެއް ހަތާ ފޮއްޗާއެކު ހަރުވެ ހަތާ ފޮތި ނަގަން ޖެހެއެވެ. މި ގޮތަށް ނަގަން ޖެހިއްޖެނަމަ އެކަތިގަނޑުގައި ބެދިއްޖެ ކަމުގައި ބުނާނެ އެވެ.
ކައްޓެޅި މަސްވެރިކަމުގައި ހަވީރު ނިކުންނައިރު ވަކި ސައިޒަކަށް ގައު ތަޅައި ދޯންޏަށް ކިރިޔާ ލެވޭ ވަރަށް އަރުވައި ބޮންތި ފަނުގެ ފަންވަތުގައި ނުވަތަ ވާނާގައި މަޅިޖަހައި މަޅީގެ ކޮޅު ބުޅީގައި އަޅުވައި އަޑިއަށް ފައްތައި އަޑީގައި ޖެހުމުން ފަށް ކަނޑާލައެވެ. މި ގޮތަށް ފައްތައި ތަފާތު ފަރު މަސްބާނައެވެ. ބައެއް ފަހަރު ހިރިމި ކަންނެލި ވެސް ބާނައެވެ. އަޅުގަނޑުގެ ބައްޕަގެ ވަދު ދޯންޏެއްގައި ފެތިރޯނުގޭ އަލްމަރުހޫމް ހަސަން ތައްޚާނާ އެކު މަސްވެރިކަން ކުރާ ގޮތް ބަލައިލަން ދިޔައީމެވެ. އެއީ 1970 ވަނަ އަހަރުގެ ތެރޭގައެވެ. އެ ރޭ ހިރިމި ކަންނެލި ހަތަރެތި ބޭނިއެވެ. ފަރުމަސްވެރިކަމުގެ ތަފާތު އުކުޅު ބޭނުންކޮށްގެން މިހާރު ދަނޑީގައި ވެސް ކައްޓެޅި ވެސް ބާނައެވެ. މި ޒަމާނުގައި ފަރުމަސްވެރިކަމުގައި އަޑިޔަށް ފައްތަނީ ބަރު ޖަހައިގެންނެވެ. ކުރީގެ މަސްވެރިކަމުގެ ތެރެއިން އުވިގެން ނުގޮސް އޮތީ ފަރު މަސްވެރިކަމެވެ. ކުރާ ގޮތާއި ހޭދަކުރާ ވަގުތުގެ ތަފާތު އެބަ ހުއްޓެވެ.
******
އެޑިޓަރުގެ ނޯޓު: މުނީރު ހަސަން އަކީ ފުވައްމުލަކު ކަތީބު ކަމާއި ބޮޑުކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ފުވައްމުލަކު ދަޑިމަގު އަވަށު ކައުންސިލުގެ ޒިންމާދާރުވެރިޔާކަމުގެ މަގާމުވެސް ފުރުއްވި އެވެ. އޭގެ ކުރީން ރަށުކައުންސިލްތަކުގެ ޒިންމާދާރުވެރިޔާގެ މަގާމުވެސް އަދާކުރެއްވި އެވެ. އޭނާއަކީ ފުވައްމުލަކުގެ ތާރީހު ދިރާސާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މި ވަގުތު ފުވައްމުލަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރަށުގެ ތާރީހީ މައުލޫމާތު އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރޭގައި މުނީރު ހިމެނިވަޑައިގަންނަވައެވެ.
(ނުނިމޭ)