ޚަބަރު

މާލޭގައި އަންހެނަކު ރޭޕުކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

މުހައްމަދު އިޝާން

މާލޭ ސިޓީގައި އަންހެނަކު ރޭޕުކުރި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ، އެ މައްސަލަ ފުލުހުންގެ މުއައްސަސާއަށް ހުށަހަޅާފައިވަނީ އިއްޔެ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.

ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބެލެވޭ އަންހެން މީހާ މިއަދު ވަނީ އެކަން ހިނގައިދިޔަ ގޮތް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އޭނާ މިއަދު ކުރި ޓުވީޓެއްގައި ބުނީ، އޭނާ އާއި އޭނާގެ ލޯބިވެރިޔާ ދިޔައީ އަށް ވަރަކަށް މީހުންގެ "ގެޓްޓުގެދާ" އަކަށް ކަމަށެވެ. ގެޓްޓުގެދާ ނިމުމުން އެވަގުތު އެތަނުގައި ހުރި އެހެން އަންހެނަކު ގެއަށްލާން އޭނާގެ ލޯބިވެރިޔާ ދިޔަ ކަމަށެވެ. އެވަގުތު އެތަނުގައި ހުރީ އޭނާ އާއި އިތުރު ފިރިހެނެއް އެކަނި ކަމަށް އޭނާ ބުންޏެވެ.

"އެވަގުތު އޭނާ އަހަރެންގެ ފައިގަ ހިފި. އަދި ގަދަކަމުން ސޯފާ މައްޗަށް އެއްލައިލި. އޭނާ ކައިރިން ސަލާމަތްވާން ހަޅޭ ލަވައި އޭނާ ދުރުކުރަން މަސައްކަތް ކުރިން، އެކަމަކު އޭނާ ގަދަކަމުން އަހަރެން ރޭޕް ކުރީ،" އޭނާގެ ޓްވީޓްގައި ބުންޏެވެ.

ފިރިހެން މީހާގެ ނަމާއި ފޮޓޯއާއެކު އޭނާ ކޮށްފައިވާ ޓްވީޓްގައި ބުނީ އޭނާގެ ލޯބިވެރިޔާ އެނބުރި އައިއިރު އޭނާ ހުރީ ޝޮކެއްގައި ކަމަށާއި އެވަގުތު ވާހަކަވެސް ނުދެއްކުނު ކަމަށެވެ.

"ކުރެވުނުހާވެސް ކަމަކީ ރުއިން. އޭނާ (ލޯބިވެރިޔާ) ވަގުތުން އަހަރެން ގެއަށް ގެންދިޔަ. ގެއަށް ގެންދިއުމުން އަހަރެން ހުރިހާ ވާހަކައެއް ކިޔައިދިނިން. އެއަށްފަހު އެ މައްސަލަ ފުލުހަށް ހުށަހެޅިން،" އޭނާ ބުންޏެވެ.

އޭނާ ބުނީ ފުލުހަށް މައްސަލަ ހުށަހެޅަން ދިއުމުން "ލައިގެން ހުރި ސްކާޓްގެ ދިގުމިނަކީ ކޮބައިތޯ" ފުލުހުން ސުވާލުކުރި ކަމަށެވެ. އެފަދަ ސުވާލެއް ފުލުހުން ކުރުމުން އިންސާފު ލިބޭނެ ކަމުގެ އުންމީދު ނެތް ކަމަށްބުނެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.