އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ފެންވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރުގެ ގާތިލް ޝާހް އަލޮމް މިއާ (ސާލިމް) މެރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަކީ ނިހާއީ ހުކުމެއްތޯ ކަށަަވަރުކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމި ނިންމުން، އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ، ސާލިމްގެ މަރުގެ ހުކުމާ ގުޅިގެން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ނިންމި ނިންމުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މި މަހުގެ އެއްވަނަ ދުވަހުއެވެ. ނަމަވެސް މައްސަލަ ބަލައި ނުގަތުމަށް މިމަހުގެ ދެވަނަ ދުވަހު ރެޖިސްޓްރާ ނިންމެވިއެވެ.

އެ މައްސަލަ ބަލައިނުގަތުމަށް، ރަޖިސްޓްރާ ނިންމެވި ނިންމެވުމުގައި ބުނެފައި ވަނީ ހުކުމެއް ނިހާއީ ހުކުމަކަށް ވާނީ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެ މައްސަލައެއް އިސްތިއުނާފުކުރުމުން އެކަމާބެހޭ އުސޫލުތަކުގެ ތެރެއިން އިސްތިއުނާފުގެ މަރުހަލާތައް ނިމުމުން ނުވަތަ ހުކުމާމެދު ދެ ފަރާތުންކުރެ ފަރާތަކުން އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި މައްސަލަ އިސްތިއުނާފުނުކޮށް އޮއްވައި އިސްތިއުނާފުގެ މުއްދަތު ހަމަވުމުން ކަމަށެވެ.

ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ހުކުމްކުރުމާ އެކު، ގާނޫނުލް އުގޫބާތުގެ 1204 ވަނަ މާއްދާގެ (ރ) ގައިވާގޮތުގެ މަތިން އެ މައްސަލައެއް އޭގެ ޒާތުގައި އިސްތިއުނާފުކުރުމަށް މަތީ މަރުހަލާގެ ކޯޓަށް ޕްރޮސިކިއުޓާ ޖެނެރަލް ހުށަހަޅަންވާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އިރު، އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މި މައްސަލަ ހުށަހަޅާފައި ވަނީ ޖިނާއީ މައްސަލަތަކުގައި ކުރާ ހުކުމްތައް އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވިފަހުން ކަމަށްވެސް ބުނެފައިވެއެވެ.

ގާނޫނުލް އުގޫބާތުގެ 1204 ވަނަ މާއްދާގެ (ރ)ގައި ބުނެފައި ވަނީ ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ހުކުމް ކޮށްފި ނަމަ، އެ ހުކުމުގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ދިވެހިރާއްޖޭގެ މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަންވާނެ ކަމަށެވެ.

މަހުމޫދު މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި، ފަޅުގެއެއްގައި ހުރި ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އޮތް ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު އޭނާ ގެއިން ނުކުމެގެންދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށެވެ.

މަހުމޫދުގެ ހަށިގަނޑު ފެނުނުއިރު 30 ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލައިގައި ސާލިމްގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކޮށްފައިވެއެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ.

މި މައްސަލައިގެ އިބުތިދާއީ އަޑުއެހުމުގައި ސާލިމް ވަނީ ކުށަށް އިއުތިރާފުވެފައެވެ. އަދި އެ މައްސަލައިގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށާއި އިއުތިރާފު ވެފައިވަނީ އެއްވެސް މަޖުބޫރީ ހާލަތެއް އޮވެގެން ނޫން ކަމަށްވެސް ބުނެފައިވެއެވެ.