ލުއި ޚަބަރު

ދުނިޔޭގެ ދޮންކޭލުގެ ބާޒާރު ކޮންޓްރޯލްކުރަނީ ކޮންބައެއްކަން އެނގޭތަ؟

ދުނިޔޭގެ އެންމެ އަގުހެޔޮ އެންމެ އާއްމު މޭވާޔަކީ ދޮންކޭލެވެ. ދުނިޔޭގެ ބާޒާރަށް ކޮންމެ އަހަރަކުވެސް 117 މިލިޔަން ޓަނުގެ ދޮންކެޔޮ ނެރެވޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ އަދަދުން ބަލަންޏާ ދުނިޔޭގައި އެންމެ އާއްމު މޭވާއެވެ. ދޮންކޭލުގެވެސް ގާތްގަނޑަކަށް އެއްހާސް ވައްތަރު ހުރެއެވެ. ނޫތޮށިގަނޑުލީ ބްލޫ ޖާވާއަކީވެސް އެއްވައްތަރެވެ.

ދަނޑުވެރިކަމުގެ އުފެއްދުންތަކާބެހޭ ތަފާސްހިސާބު އެއްކުރާ ޖަމާއަތެއް ކަމަށްވާ އެޓްލަސްބިގްގެ ހޯދުންތަކުން އެނގޭ ގޮތުގައި ދުނިޔޭގައި އެންމެ ގިނައިން ދޮންކެޔޮ އުފައްދާ ގައުމަކީވެސް އަދި ދޮންކެޔޮ އެންމެ ގިނައިން ބޭނުންކުރާ ގައުމަކީވެސް އިންޑިޔާއެވެ. އިންޑިޔާގެ އުފެއްދުމުގެ މިންވަރަކީ އަހަރަކު 30.5 މިލިޔަން ޓަނެވެ. އޭގެ ފަހަތަށް އަންނަނީ ޗައިނާ އާއި އިންޑޮނީޝިޔާއެވެ. އޭގެ ފަހަތަށް ބްރެޒިލްއެވެ.

ދެކުނު އެމެރިކާ ސަރަހައްދުން އެންމެ ގިނައިން އުފައްދަނީ ބްރެޒިލްގައެވެ. އެކަމަކު ބްރެޒިލްގައި އުފައްދާ ދޮންކޭލުގެ 95 އިންސައްތަ ބޭނުން ކުރެވެނީވެސް ބްރެޒިލްގައެވެ. މިއިން އެއްވެސް ގައުމަކީ ދޮންކެޔޮ އެކްސްޕޯޓްކުރުމުގައި ކުޅިފަސްލިބޭ ގައުމެއް ނޫނެވެ. އެންމެ ގިނައިން ދޮންކެޔޮ އެކްސްޕޯޓްކުރަނީ ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ އިކުއެޑޯރުންނެވެ.

އެންމެ ގިނައިން ދޮންކެޔޮ އެތެރެކުރާ އެއްގައުމަކީ އެމެރިކާއެވެ. އެމެރިކާގެ އެވަރެޖް މީހަކު އަހަރަކު ހަތާވީސް ރާތަލުގެ ދޮންކެޔޮ ކައެވެ. އެމެރިކާގެ ސްޓޭޓްތަކުގެ ތެރެއިން ފްލޮރިޑާޔާއި ހަވާއީގައި ފަތްކެޔޮ އިންދައެވެ. އެކަމަކު އެމެރިކާގެ އަމިއްލަ އުފެއްދުން އަހަރަކު ހަތަރުހާސް ޓަނަށްވެސް ނާރައެވެ. އެހެންވީމާ ގިނައަދަދަކަށް އަބަދުވެސް އޮންނަނީ އެތެރެކުރާން ޖެހިފައެވެ. މެދުތެރޭ އެމެރިކާޔާއި ދެކުނު އެމެރިކާގެ ގައުމުތަކުންނެވެ.