އއ. މާޅޮހުން މުހައްމަދު އިޝާން - ވަން އޮންލައިން

އއ. މާޅޮހުގެ ދެކުނު ފަރާތުން، އެކަހެރި ހިސާބެއްގައި ހުންނަ އޯކިޑްމާގޭ އަބްދުއްރަހުމާނު އާދަމް (65އ) މަރާލާފައިވަނީ ސިހުރެއްގެ ބަދަލުހިފުމުގެ ގޮތުންކަމަށް އާއިލާގެ ބައެއް މެންބަރުން ތުހުމަތުކޮށްފިއެވެ.

މިރަށުގެ އެކަހެރި ހިސާބެއްގައި ހުންނަ އޯކިޑްމާގޭގައި ނިދާފައި އޮއްވާ އަބްދުއްރަހީމަށް ހަމަލާދީފައިވަނީ ރޭ ފަތިހުއެވެ. ހަމަލާ ދީފައިވަނީ ބޮލަށް ކަން އެނގިފައިވެއެވެ. އަބްދުއްރަހީމް އޮތްތަނަށް ގިނަ އަދަދެއްގެ ލޭ ފައިބައިފައިވާއިރު، މި މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.

އޯކިގްމާގޭގައި ދިރިއުޅެނީ އަބްދުއްރަހުމާން އާއި އޭނާގެ އަންހެނުން އެކަންޏެވެ. އަބްދުއްރަހުމާނަށް ރޭ ހަމަލާދީ މަރާލާފައިވާއިރު އޭނާގެ އަންހެނުން ނިދާފައި ވަނީ އެހެން ކޮޓަރިއެއްގައެވެ. މި ރަށުގެ އެކި މީހުންނާ ސުވާލު ކުރުމުންވެސް އެ ދެމަފަރީންގެ މެދުގައި މައްސަލައެއް ޖެހިގެން އުޅޭކަން އެނގުނު މީހަކާ ދިމަލެއްނުވެއެވެ. އަބްދުއްރަހުމާނަށް ހަމަލާދިންއިރު އޭނާގެ ކުދީން ތިބީ ރަށުން ބޭރުގައެވެ.

އަބްދުއްރަހުމާނު ---

މަރުވި އަބްދުއްރަހުމާންގެ އަންހެނުންގެ އާއިލާ މީހަކު ނަން ނުޖަހާ ގޮތަށް "ވަން" އަށް މައުލޫމާތު ދެމުން ބުނީ އަބްދުއްރަހުމާންއަކީ ގަދަޔަށް ސިހުރު ހަދާ މީހެއްކަމަށް ނުސީދާ ގޮތެއްގައި މަޝްހޫރުވެފައިވާ މީހެއް ކަމަށެވެ. އެ ވާހަކަތައް އާއިލާއަށް އަޑުއިވިގެން އެފަދަ ކަމެއް ކުރާނަމަ އެކަން ހުއްޓާލަންވެސް އަބްދުއްރަހުމާންގެ އާއިލާއިން އެދުނެވެ. އެކަން ހުއްޓާލި ކަމެއް އާއިލާއަށް ސާފެއް ނޫނެވެ.

"އަބްދުއްރަހުމާން ސިހުރު ހަދާކަމަށް އަޑުތައް ފެތުރިފަ އޮންނަނީ. އެކަމާ ނުރުހުން ފާޅުކުރާ ބަޔަކުވެސް އުޅޭ. ސިހުރުގެ ބަދަލު ހިފަން އަބްދުއްރަހުމާނަށް ހަމަލާދިނީކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެއީ އޭނާ އަދި އަންހެނުންނަކީވެސް ރަށުގެ މީހުންނާ މާބޮޑަށް ގުޅިގެން އުޅޭ ބައެއް ނޫން ކަމުގެ ހިތްހަމަނުޖެހުން އޮވޭ" އަބްދުއްރަހުމާނުގެ އަންހެނުންގެ އާއިލާ މެންބަރު ބުންޏެވެ.

މި ރަށުން ދިމާވި ބައެއް މީހުންވެސް ބުނަނީ ސިހުރު ހަދާތީ، އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އަބްދުއްރަހުމާން މަރާލީ ކަމަށް ބެލެވޭ ކަމަށެވެ.

މި މަރާ ގުޅުވައި މާޅޮހުގައި ސިހުރުގެ ވާހަކަތަކެއް ދެކެވުނު ނަމަވެސް އަބްދުއްރަހުމާންގެ އާއިލާއިން ވަނީ އެކަން ދޮގުކޮށްފައެވެ. އެ އާއިލާގެ ފަރާތުން "ވަން" އަށް މައުލޫމާތު ދެމުން ބުނީ އަބްދުއްރަހުމާނަކީ މަސްވެރިކަމުގައި އުޅޭ މީހެއް ކަމަށެވެ. ރަށުގެ އެންމެންނާވެސް ގުޅޭ ރާއްޖޭގެ އެކި ހިސާބުތަކުގައި އަބްދުއްރަހުމާންގެ ރައްޓެހީން ތިބޭނެ ކަމަށް އާއިލާއިން ބުންޏެވެ.

އާއިލާއިން ބުނީ އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާ އިބްރާހިމަކީވެސް ރަށުގެ މީހުންނާ ގުޅިގެން އުޅޭ މީހެއް ކަމަށާއި ރަށުގެ އިޖުތިމާއީ ހަރަކާތްތަކުގައިވެސް ކުރީގައި އުޅޭ މީހެއް ކަމަށެވެ.

ސިހުރާ އަބްދުއްރަހުމާނާ ގުޅުވާ ސަބަބުވެސް އާއިލާއިން ވަނީ ކިޔައީދީފައެވެ.

އާއިލާއިން ބުނި ގޮތުގައި އަބްދުއްރަހުމާންގެ ދަރިފުޅަކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ހުރީ ބަންދުގައެވެ. އެ ދަރިފުޅަކީ ކުރީން ރިސޯޓެއްގައި މަސައްކަތްކުރި މީހެއް ކަމަށާއި ފަހުން ހަރުކަށި ފިކުރަށް ލެބިގެންދިޔަކަމަށް އާއިލާއިން ބުންޏެވެ.

އާއިލާއިން ބުނީ އެ ދަރިފުޅު ސީރިއާއަށް ދާން މަސައްކަތް ކުރަނިކޮށް އަތުލައިގަތް ކަމަށެވެ. އޭނާ ސީރިއާއަށް ފުރުމުގެ ކުރީން ގިނަ އަދަދެއްގެ ފައިސާ، ރަށު ބަޔަކާ ހަވާލުކޮށްފައިވާނެ ކަމަށްވެސް އާއިލާއިން ބުންޏެވެ.

އެ ފައިސާ އަނބުރާ ދިނުމަށް އަބްދުއްރަހުމާންގެ އާއިލާއިން، އެ މީހުންގެ ގާތުން އެދުމުން، ފައިސާ އަނބުރާ ނުދޭނެކަމަށް އެ މީހުން ބުނިކަމަށް އާއިލާއިން ބުންޏެވެ. އެކަމާ ހިތްހަމަނުޖެހިގެން އަބްދުއްރަހުމާން ވަނީ ރުޅިވެރިކޮށް، އެ މީހުންނާ ވާހަކަދައްކައިފައިކަމަށް އާއިލާއިން ބުންޏެވެ.

އެ ހާދިސާ ހިނގިފަހުން އެތަނުން މީހެއްގެ އާއިލާ މީހަކު ކެންސަރު ބަލީގައި މަރުވިކަމަށް އާއިލާއިން ބުންޏެވެ. އެފަހުން ރަށު ތެރޭގައި އަބްދުއްރަހުމާނަކީ ސިހުރު ހަދާ މީހެއްކަމަށް ބުނެ އަޑުތަކެއް ފެތުރިގެންދިޔަ ކަމަށެވެ.

"ވަން" އަށް މީގެ ކުރިން މައުލޫމާތު ދިން ފަރާތުން ބުނީ، އަބްދުއްރަހުމާން އާއި އޭނާގެ އަންހެނުންނަކީވެސް މީހުންނާ އެހާ ގުޅުން އޮންނަ ބައެއް ނޫން ކަމަށެވެ. ނަމަވެސް އަބްދުއްރަހުމާންގެ އާއިލާއިން ވަނީ އެ ހުރިހާ ވާހަކަތަކެއް ވެސް ދޮގުކޮށްފައެވެ.

މި މަރުގެ ހާދިސާ ހިނގި އޯކިޑްމާގޭ ސަރަހައްދު މިހާރު ކޯޑަން ކޮށްފައިވާއިރު ފުލުހުން އަދިވެސް އަންނަނީ އެ ސަރަހައްދު ބަލަހައްޓަމުންނެވެ. އެގައަށް ވަދެވެން ހުންނަނީ އެންމެ ދޮރެކެވެ.

އާއިލާއިން ބުނި ގޮތުގައި އަބްދުއްރަހުމާން ދިރިއުޅޭ މާހިޔާގެއަށް ވަދެވޭނެ އިތުރު ދޮރެއް ނުހުންނާއެވެ.

މިހާތަނަށް އައިއިރު ބަޔަކު ގަދަކަމުން ނުވަތަ އެ ގެއަށް ވަގަށް ވަދެފައިވާކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން ހިއްސާއެއް ނުކުރެއެވެ. ފުލުހުންވެސް އަދި އެފަދަ މައުލޫމާތެއް މީޑިއާތަކާ ހިއްސާއެއް ނުކުރެއެވެ.

ފުލުހުން މިހާރު މި މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު ޕޯސްޓްމޯޓަމް ހެދުމުގެ ގޮތުން އަބްދުއްރަހުމާންގެ ހަށިގަނޑުވަނީ މިއަދު މާލެއަށް ފޮނުވާލައިފައެވެ. ރާއްޖެއިން ޕޯސްޓްމޯޓަމް ހެދެން ނުހުންނާތީ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ފޮނުވަނީ އިންޑިއާއަށެވެ.

އަބްދުއްރަހުމާންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން އަދި މިރަށު އެއްވެސް ތަނެއް ބަލައިފާސްކޮށްފައެއް ނުވެއެވެ.