ޚަބަރު

އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލް އިންތިހާބުކޮށްފި

މުހައްމަދު އިޝާން

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ގައުމީ ހިންގާ ކައުންސިލް އިންތިހާބުކޮށްފިއެވެ.

އެމްއެންޕީން އިއްޔެ ވަނީ އެޕާޓީގެ ގައުމީ ހިންގާ ކައުންސިލަށް މެމްބަރުން އައްޔަންކުރުމަށް އިންތިހާބު ބާއްވައިފައެވެ. އެ އިންތިހާބުގައި 54 ރަށެއްގައި ވަނީ ވޯޓު ފޮށި ބަހައްޓައިފައެވެ. އަދި އެމްއެންޕީގެ ރައީސާއި ނައިބު ރައީސުން ހޮވުމުގެ އިތުރުން އެ ޕާޓީ ރާއްޖޭގެ 87 ދާއިރާއަކަށް ބަހާލައި، އެ ދާއިރާތަކަށް ރައީސުންނާއި ނައިބު ރައީސުން ވެސް އިންތިހާބުކޮށްފައެވެ.

އިއްޔެ ބޭއްވި އެ އިންތިހާބުތަކުގައި އެމްއެންޕީގެ 186 މަގާމަކަށް ވަނީ މެމްބަރުން އިންތިހާބުކޮށްފައެވެ.

އެމްއެންޕީން މިއަދު ވަނީ އެ އިންތިހާބުގެ ނަތީޖާ އިއުލާންކޮށް މަގާމުތަކަށް އިންތިހާބުވި މީހުންގެ ލިސްޓު އާންމުކޮށްފައެވެ.

އެ ލިސްޓު ގައިވާ ގޮތުން އެމްއެންޕީގެ ރައީސްގެ މަގާމަށް އިންތިހާބުކޮށްފައިވަނީ، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ. ނައިބު ރައީސްގެ މަގާމަށް ހަ ބޭފުޅަކު އިންތިހާބުކޮށްފައިވާ އިރު، އެ މަގާމަށް އިންތިހާބުވި ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އުޝާމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަކީ އެމްއެންޕީ އުފެއްދުމުގައި ނާޒިމްއާއެކު މަސައްކަތްކުރެއްވި ބޭފުޅުންނެވެ.

ނައިބު ރައީސްގެ މަގާމަށް ދެން އިންތިހާބުކޮށްފައިވަނީ މުހައްމަދު ޝިހާބް، ހުސެއިން އިސްމާއީލް، މިރުފަތު އިސްމާއިލް ޝަފީގް އަދި އެވިޑް ކޮލެޖުގެ ފައުންޑަރު އަހުމަދު ޝަރީފެވެ.