ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތާ ގުޅިގެން، އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފުކުރުމާމެދު އަދި ގޮތެއް ނުނިންމާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ޝެއިހު ނިޝާން އާއި މުހައްމަދު އިސްމާއީލް ހައްޔަރުކޮށްފައިވަނީ، ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. ޝެއިހު ނިޝާން ބަންދުން ދޫކޮށްލީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާއެކުގައެވެ. އެ ޝަރުތުތަކަކީ، މާލެއިން ބޭރަށް ވަޑައިނުގަތުމުގެ އިތުރުން ފޯނު ނަންބަރު ބަދަލުވެއްޖެ ނަމަ އެންގުމަށާއި ފުލުހުންގެ ތަހުގީގަށް ހާޒިރުވުމެވެ.
މުހައްމަދު އިސްމާއީލް ބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރުކުރިއިރު އޭނާ ހައްޔަރުކުރީ ޔޯގާ ހަމަނުޖެހުން ހިންގުމުގައި އެންމެ އިސްކޮށް އުޅުނު ފަރާތްކަމަށް ތުހުމަތުކޮށެވެ. ޝެއިހު ނިޝާންއަށް ވެސް ފުލުހުން ކުރަނީ އެ ތުހުމަތެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސެކިއުޓާ ޝަފީހު އަހުމަދު "ވަން"އަށް ވިދާޅުވީ، އެ ދެ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރުމާމެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. އެ މައްސަލަ ރިވިއުކުރުމުން ވެސް ނުދާ ކަމަށެވެ. ފުލުހުންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކުރުމަށް އެދިފައިވާކަން ސާފުކޮށްދީފައެއްނުވެއެވެ.
ޔޯގާ ހަމަނުޖެހުން ހިންގުމުގެ އިސްކޮށް އުޅުނުކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ޝައިހް ފަޒްލޫން މުހައްމަދު ވެސް ހައްޔަރުކޮށްފައެވެ. ޝެއިހު ފަޒްލޫން ދޫކޮށްލުމަށް ކޯޓުންކުރި އަމުރު އިސްތިއުނާފުކޮށްފައިވާކަން ޕީޖީން ވަނީ ޖުލައި މަހުގެ 25 ވަނަ ދުވަހު މީޑިއާތަކަށް އާންމުކޮށްފައެވެ.
ހަމަނުޖެހުމާ ގުޅިގެން އެކި ދުވަސްމަތިން ފުލުހުން 21 މީހުން ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ބައެއް މީހުން އަދިވެސް ތިބީ ބަންދުގައެވެ.