އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ބްރައިޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.
އަލަށް ޓީމަށް ގެންދިޔަ ކޯޗު އެރިކް ޓެން ހާގުގެ އިރުޝާދުގެ ދަށުން އެޓީމުން ކުޅުނު ފުރަތަމަ ވާދަވެރި މެޗުގައި މިރޭ ބަލިވީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުންނެވެ. ބްރައިޓަން މިރޭގެ މެޗުން ހޯދި މޮޅަކީ ކްލަބުގެ ތާރީހުގައިވެސް ޔުނައިޓެޑްގެ ސްޓޭޑިއަމް، އޯލްޑް ޓްރެފޯޑުގައި ހޯދި ފުރަތަމަ މޮޅެވެ.
މިރޭގެ މެޗަށް ޔުނައިޓެޑް ނުކުތީ އެޓީމަށް އަލަށް ގެންދިޔަ މިޑްފީލްޑަރު ޑެންމާކުގެ ކްރިސްޓިއަން އެރިކްސަންއާއި ލިސާންޑްރޯ މާޓިނޭޒްއާ އެކުގައެވެ. ޓީމު ދޫކޮށްލަން މަސައްކަތްތަކެއް ކުރި ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުން މެޗު ފެށި ނަމަވެސް، އޭނާ ވަނީ ދެވަނަ ހާފަށް ކުޅެން ނުކުމެފައެވެ.
ޔުނައިޓެޑުން މެޗު ރަނގަޅަށް ފެށި ނަމަވެސް މިދިޔަ ސީޒަނުގައިވެސް ޓީމަށް ދިމާވި މައްސަލަތައް މިރޭގެ މެޗުންވެސް ފާހަގަވިއެވެ. ހާއްސަކޮށް ޑިފެންސް ކުރުމުގައި ޔުނައިޓެޑްގެ ފަރާތުން ގޯސްތަކެއް ހެދިތަން ފެނުނެވެ. މެޗުގައި ބްރައިޓަނުން ޖެހި ދެ ގޯލުވެސް ފުރަތަމަ ހާފުގައި ފެނުނު އިރު، ދެ ގޯލުވެސް ޖެހީ ޕަސްކަލް ގްރޮސްއެވެ. އޭނާގެ ފުރަތަމަ ގޯލަކީ މެޗުގެ 30 ވަނަ މިނެޓުގައި ޑެނީ ވެލްބެކް ނެގި ހުރަހަކުން ޖެހި ގޯލެކެވެ.
އަނެއް ގޯލު އޭގެ ނުވަ މިނެޓް ފަހުން ގްރޮސް ޖެހީ ސޮލީ މާޗުގެ ހަމަލާއެއް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ މަތަކުރުމުން، އެ ބޯޅައިގެ ރީބައުންސް ގޯލަށް ވައްދާލައިގެންނެވެ.
ދެވަނަ ހާފަށް ނުކުމެ ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް ފުރުސަތު ތަނަވަސްކުރިއެވެ. ހާއްސަކޮށް މާކަސް ރަޝްފޯޑަށް ވަނީ ހުސް ދެ ފުރުސަތެއް ލިބި ބޭކާރު ވެގެން ގޮސްފައެވެ. އަރިމަތިން ލޫކް ޝޫގެ ހުރަހެއް ރަޝްފޯޑު ފައިގައި ލައްވާ ނުލައި ދިޔަ އިރު، އޭނާއަށް ލިބުނު އަނެއް ފުރުސަތުގައި ފޮނުވާލި ބޯޅަ މަތަކުރީ ބްރައިޓަންގެ ގޯލްކީޕަރު ރޮބާޓް ސަންޗޭޒްއެވެ.
ޔުނައިޓެޑުން ޖެހި ހަމައެކަނި ގޯލަކީ އެޓީމަށް ލިބުނު ކޯނަރަކުން ޑިއޭގޯ ޑަލޮޓް ގައިގައި ޖެހިފައި މިސްރާބު ބަދަލުވި ބޯޅައެއް، ބްރައިޓަންގެ އެލެކްސިސް މެކަލިސްޓާ ސާފުކޮށްލަން އުޅުމުގެ ތެރޭގައި އޭނާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އެ ގޯލަށްފަހު ޔުނައިޓެޑުން ނަތީޖާ ނެރުމަށް ކުރިއަށް ޖެހި ބުރަކޮށް މަސައްކަތް ކުރި ނަމަވެސް، ގޯލެއް ޖެހޭ ގޮތް ވަނީ ނުވެފައެވެ.