Close
ރިޕޯޓް

ޝިއާގެ މަރު: އެންމެފަހުން ބައްދަލުވި އެކުވެރިޔާގެ ވާހަކަ، ޝިއާ ގޮވައިގެން ޝާހިލް ދިޔައީ ޕީއެސްކުޅެން!

އަލީ ޔާމިން

4

ދެތިން ގަޑިއިރުކުރިން އެއްކޮށް ހީ ސަމާސާކޮށް އުޅުނު އެކުވެރި ޝިއާއު (ޝިއާ)ގެ އަނިޔާވެރި މަރާއެކު ޝިއާގެ އާއިލާގެ އިތުރުން ގާތް އެކުވެރިން އަދިވެސް ތިބީ "ޝޮކެއް"ގައެވެ. ހ. ޝީރީން ވިލާގެ ނުވަ ވަނަ ފަންގިފިލާގައި ހުންނަ އެޕާޓުމެންޓުގެ ސިޓިން ރޫމުގެ ތެރޭގައި، ޝިއާއު މުހައްމަދު ސައީދު، 22އ، މަރާލާފައި އޮތީ ބޯބުކުރިކޮށްލުމަށްފަހު އަތްފައިވެސް ބުރިކޮށްލައިފައެވެ. މުޅި ގޭތެރޭގައި އޮތީ ލޭގެ ކޯރެއް ހެދިފައެވެ.

ޝިއާ މަރާލިކަމުގެ ތުހުމަތުގައި، ފުލުހުން ވަނީ އެ އެޕާޓުމަންޓުން، ފ. ނިލަންދޫ، އަލީ ޝާހިލް، 23އ، ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފައެވެ. ޝާހިލްގެ ގައިގައި ލޭހުރުމުން، ފުލުހުން އޭނާ އެގެއިން ނެރުނީ ހުދުކުލައިގެ ހެޒްމެޓް ސޫޓެއް ލައްވައިގެންނެވެ. ސްކޭޓިންގައި މަޝްހޫރު ޝާހިލް އަކީ، ޝިއާގެ ގާތް ރައްޓެއްސެކެވެ. އެނގިފައިވާ ގޮތުގައި ޝިއާ މަރާލައިފައިވަނީ މަސްކަނޑާ ވަޅިއަކުން ހަމަލާދީގެންނެވެ.

ޝާހިލް އަކީ ނިލަންދޫގައި ރަޖިސްޓްރީ އޮންނަ މީހަކަސް އޭނާއަކީ އެއްވެސް އިރަކު ނިލަންދޫގައި ދިރިއުޅުނު މީހެއް ނޫނެވެ.

ޝިއާއާއި ޝާހިލް ދިމާވީ ތިން މަސްކުރިން

ޝިއާއަކީ، މިޔުޒިކްގެ އިތުރުން ބަރިސްޓާއަކަށްވެސް މަސައްކަތް ކުރި ޒުވާނެކެވެ. މޮޑެލްކުރުމާއި ކުރެހުން ފަދަ ކަންކަންވެސް ކޮށް އުޅެއެވެ. އޭގެ އިތުރުން ސްކޭޓިންއަކީ އޭނާ ވަރަށް ކުރާހިތްވާ ކަމެކެވެ. ޝިއާގެ ކުރީގެ ލޯބިވެރިޔާ ފިރާޝް "ވަން" އަށް ބުނި ގޮތުގައި، ޝިއާ އާއި ޝާހިލް ދިމާވީ، ފިރާޝް އިންޑިއާގެ ގޯއާގައި ހުއްޓައި މީގެ ތިން މަސް ކުރިން މާލެއިންނެވެ. ނަމަވެސް ރަށްޓެއްސެއްގެ އިތުރުން އިތުރު އެއްވެސް ކަމެއް ނޭނގޭ ކަމަށް ފިރާޝް ބުންޏެވެ.

"އަނެއްހެން ދިމާވެސްވި މީހެއް ނޫން އެއީ، އައިހޭވް ނޯ އައިޑިއާ އެބައުޓް ހިމް." ފިރާޝް ބުންޏެވެ.

ފިރާޝް ބުނި ގޮތުގައި، ޝިއާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދެމީހުން ވަކިވީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންނެވެ. ފިރާޝްއާ އެކުގައި އުޅުނު އިރު، ބައެއް ދުވަސް ދުވަހު ވާހަކައިގެ ތެރެއިން ޝާހިލްގެ ވާހަކަ ޝިއާ ދައްކާފައި އެބަހުއްޓެވެ.

"ބައެއް ދުވަސް ދުވަހު ގެއަށް އަންނައިރު އިންނާނެ ވަރަށް މޫޑް އޮފްވެފަ. ދެން ކީއްވެފަހޭ އެހީމަ ބުނާނެ ދިސް ނިއު ފްރެންޑް އޭ، އޭނަ މާބޮޑަށް ކޮންޓްރޯލް ކުރަން އުޅޭ ވާހަކަ." ފިރާޝް ބުންޏެވެ.

ޝިއާ މަރާލީ ޕީއެސް ކުޅެން ގެންގޮސްފައި؟

ޝިއާ މަރާލި ރޭ ޝިއާއާ އެކުގައި އުޅުނު އޭނާގެ ރައްޓެއްސަކު "ވަން" އަށް ބުނި ގޮތުގައި އެ ދުވަހުގެ އިރާކޮޅުގެ ވަގުތުގައި އެމީހުން އުޅުނީ މާފަންނުގައި ޝިއާ އުޅޭ ގޭގައި މިޔުޒިކް ޕްރެކްޓިސް ކުރުމަށެވެ. އެތާނގައި ޝިއާގެ އިތުރުން އޭނާގެ އިތުރު ބައެއް އަންހެން ރައްޓެހިންވެސް އުޅުނެވެ. ޝިއާއާއި އޭނާގެ ރަށްޓެހިން ޕްރެކްޓިސްގައި ތިއްބައި ޝާހިލް ފޯނުން ޝިއާއަށް ގުޅައި، ޝިއާމެން ޕްރެކްޓިސް ކުރާން ތިބި ތަނަށް އަންނާން ބޭނުންވެގެން އުޅުނެވެ. އެ އެޕާޓްމެންޓަކީ ތިން ކޮޓަރީގެ އެޕާޓްމެންޓެއް ކަމަށާއި ޝިއާ އުޅެނީ އެތަނުން އެއް ކޮޓަރީގައި ކަމަށާއި އެ ކޮޓަރީގައި އާދައިގެ ގޮތަކަށް ސްޓޫޑިއޯ ސެޓަޕެއްވެސް ހަދާފައި ހުންނަ ކަމަށް ބުންޏެވެ.

މިޔުޒިކް ޕްރެކްޓިހަށް ފަހު، ޝިއާ ދިޔައީ ޝާހިލްއާއެކު ޝާހިލް އުޅޭ ގެއަށް (ހ. ޝީރީން ވިލާ)އަށް ޕީއެސްކުޅެންށެވެ. ޕްރެކްޓިސްގައި ތިބި އެހެން ރައްޓެހިން ދިޔައީ، ބުރިޖު ޕްލެޓްފޯމުގައި ކުރިއަށްގެންދިޔަ ޝޯ ބެލުމަށެވެ.

"ޝިއާ ދިޔައީ ޝާހިލްއާއެކު ޝާހިލް އުޅޭ ގެއަށް ޕީއެސްކުޅެން. އެއީ ޝިއާގެ އިތުރު ޕްލޭނެއްވެސް ނެތީމައާ އެކީ. މީ އެގޮތަށް ޝިއާ އެގެއަށް ދިޔަ ދެވަނަ ރޭ. އެއީ އެގޭގަ ޕީއެސްފައިވެއް ހުރީމަ އެކުޅެންވެގެން. އެމީހުން ޕީއެސްކުޅެން ދިޔައީ ރޭ 8:45 ހާއިރު. އެފަހުން ޝިއާގެ ހަބަރެއް ނުވޭ." ޝިއާގެ އެންމެ ފަހު ވަގުތުކޮޅު އެކުގައި އުޅުނު ރަހުމަތްތެރިޔާ ބުންޏެވެ.

ޝިއާގެ ރަހުމަތްތެރިޔާ ބުނި ގޮތުގައި، އެމީހުންނަށް އެނގޭ ގޮތުގައި ޝިއާއާއި ޝާހިލް އަކީ ދެ އެކުވެރީންނެވެ. އެނޫން ގުޅުމެއް އެމީހުންގެ މެދުގައި އޮތްކަމެއް އެނގިފައެއް ނުވެއެވެ.

"މީހުން ކުރިމަތީގައި ޝާހިލް ވަރަށް މަޑުން އިންނާނީ. އަނެއްހެން ނޭނގެ އެ މީހުންގެ މެދުގައި އޮންނަ ގުޅުމެއް. އެކަމު ޝާހިލް ޝިއާދެކެ ލައިކްވާކަން އެނގޭ." ޝިއާގެ ރައްޓެއްސަކު ބުންޏެވެ.

"އަލަށް ގެނައި ޕީއެސްފައިވެއް އިންނާނޭ ކިޔައި ޝާހިލް ޝިއާ ކައިރީ ވަރަށް އިންސިސްޓް ކުރި ޕީއެސްކުޅެންދާން. ޕްރެކްޓިސްގައި ބިޒީކޮށް އުޅުނުއިރުވެސް ވަރަށް ކީ އެގެއަށް ޕީއެސްކުޅެން ދާން. ދެން ރޭ 8:45 ހާއިރު އެމީހުން ޕީއެސްކުޅެން ދިޔައީ. އެފަހުން ޝިއާގެ ހަބަރެއް ނުވޭ." ޝިއާގެ އެންމެ ފަހު ވަގުތުކޮޅު އެކުގައި އުޅުނު ރަހުމަތްތެރިޔާ ބުންޏެވެ.

ޝިއާގެ ރަހުމަތްތެރިޔާ ބުނި ގޮތުގައި، އެމީހުންނަށް އެނގޭ ގޮތުގައިވެސް ޝިއާއާއި ޝާހިލް އަކީ ދެ އެކުވެރީންނެވެ. އެނޫން ގުޅުމެއް އެމީހުންގެ މެދުގައި އޮތްކަމެއް އެނގިފައެއް ނުވެއެވެ.

"މީހުން ކުރިމަތީގައި ޝާހިލް ވަރަށް މަޑުން އިންނާނީ. އަނެއްހެން ނޭނގެ އެ މީހުންގެ މެދުގައި އޮންނަ ގުޅުމެއް. ޝާހިލް ޝިއާދެކެ ލައިކްވާ ކަމެއް ނުވާކަމެއްވެސް ނޭނގެ" ޝިއާގެ ރައްޓެއްސަކު ބުންޏެވެ.

އަންހެނުންނަށް އަނިޔާކުރުމުގެ މާޒީއެއް ޝާހިލްގެ އެބައޮތް!

މީހުންގެ ކުރިމަތީގައި މަޑުމައިތިރި މިޒާޖެއް ހުރި ނަމަވެސް ޝާހިލް އަކީ، އަނިޔާކުރުމުގެ މާޒީއެއް އޮތް މީހެކެވެ. ޝާހިލްގެ ރައްޓެއްސަކު ބުނި ގޮތުގައި، މީގެ ކުރިން އޭނާ ރައްޓެހިވި އަންހެން ކުދީންނަށްވެސް އެކި ކަހަލަ އަނިޔާކޮށްފައި އެބަހުއްޓެވެ. ހަޑިހުތުރު ބަސް ބޭނުންކުރުމާއި އިންޒާރު ދީފައިވެސް އެބަހުއްޓެވެ.

"އެއް ފަހަރަކު ޝާހިލް ދިޔަ ވަޅި ހިފައިގެން އޭނާގެ އެކްސްމެން ގެއަށްވެސް" ޝާހިލްގެ ރައްޓެއްސަކު ބުންޏެވެ.

ޝާހިލްއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައި ހުރި މީހެއްކަމުގެ އަޑުތައްވެސް ފެތުރުނެވެ. ނަމަވެސް ޝާހިލްއަކީ އެފަދަ ކަމެއް ކުރާ މީހެއް ނޫން ކަމަށް ޝިއާ އޭނާގެ ބައެއް އެކުވެރިން ކައިރީގައި ބުނެފައިވާ ކަމަށް އެ އެކުވެރީން "ވަން" އަށް ކިޔައިދީފައިވެއެވެ.

އެހެން ނަމަވެސް މި މައްސަލައިގައި މިއަދު ފުލުހުން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ބުނެފައިވާ ގޮތުގައި، ޝާހިލް ހައްޔަރުކޮށް ޓެސްޓު ކުރި އިރު، އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އެހެން ނަމަވެސް ޝާހިލްގެ ކުރީގެ ކުށުގެ ރެކޯޑެއް ފުލުހުންގެ އިދާރާގައި ނެތް ކަމަށްވެސް ބުންޏެވެ.

ހަމަލާ ދޭން ބޭނުންކުރިކަމަށް ބެލެވޭ ހަތިޔާރުތަކެއް ކުށުގެ ވެށީން ހޯދައިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ޝިއާ މަރާލުމުގެ ކުރިން ހަޅޭކުގެ އަޑު އިވުނު!

ޝިއާ މަރާލައިފައި އޮއްވައި ފެނުނު ތިން ކޮޓަރީގެ އެޕާޓުމެންޓުގައި ޝާހިލްއާއެކު އިތުރު އަންހެން ކުއްޖަކުވެސް އުޅެއެވެ. ޝާހިލް އެ އެޕާޓްމަންޓުން ކޮޓަރިއެއް ކުއްޔަށް ހިފައިގެން ދިރިއުޅެނީ އެ އަންހެން ކުއްޖާގެ ރައްޓެހިކަމުގައެވެ.

ޝިއާ މަރާލާފައި އޮއްވައި ފެނުނު އެޕާޓުމަންޓުގެ ތިރީ ބުރިއެއްގައި އުޅޭ މީހަކު ބުނި ގޮތުގައި ޝާހިލް އުޅޭ އެޕާޓުމަންޓުން ޒުވާބުގެ އަޑު ވަރަށް ގިނައިން އިވެއެވެ. އެގޮތުން މި ދެތިން ރެޔަކު އިރާކޮޅު ޒުވާބުގެ އަޑު ވަރަށް ގަދަޔަށް އިވިފައިވާ ކަމަށް އޭނާ ބުންޏެވެ.

"ރޭވެސް ހަޅޭކުގެ އަޑު އިވުނު. ތަންތާނގައި އެއްޗެހިން ތަޅާކަހަލަ އަޑެއްވެސް އިވުނު" ޝީރީން ވިލާގައި އުޅޭ މީހަކު ބުންޏެވެ.

ޝިއާ މަރާލައިފައި އޮއްވައި ފުރަތަމަ ފެނުނުނީ، ޝާހިލްއާއެކު އެ އެޕާޓްމަންޓުގައި ދިރިއުޅޭ އަންހެން މީހާއަށެވެ. އޭނާ ދޮރު ހުޅުވާލި ވަގުތު ޝިއާގެ ހަށިގަނޑު ކޮށާލާފައި އޮއްވައި ފެނުމުން ފުލުހުންނަށް ގުޅީއެވެ. ފުލުހުން ގޮސް އެތަނަށް ވަދެ ހޯދަމުން ދަނިކޮށް ޝާހިލް ފެނުނީ ފާހާނައިގެ ތެރޭގައި ލެއިން ތަތްތެޅިފައި ހުއްޓައެވެ.

ޝިއާގެ މަރުގެ މައްސަލައިގައި ޝާހިލް ހައްޔަރުކޮށް، އޭނާ މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އެހެން ނަމަވެސް އޭނާ އަދި ކުށަށް އިއުތިރާފު ނުވާކަމަށް ފުލުހުން ބުނެއެވެ.