އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) އަނިޔާވެރިގޮތަކަށް މަރާލި މައްސަލައިގައި ހައްޔަރުކުރި އަލީ ޝާހިލް، 23، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އޭނާ ބަންދުގައި ބެެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައި ވަނީ، އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް މީގެ އިރުކޮޅެއް ކުރިން ބޭއްވި ސިއްރު އަޑުއެހުމެއްގައެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު އަމާން މުހައްމަދު ނަޖީބު "ވަން" އަށް ވިދާޅުވީ، ޝާހިލްގެ ބަންދުގެ އަޑުއެހުން ސިއްރުކުރަން ގާޒީ ނިންމެވީ ފުލުހުންގެ އެދުމުގެ މަތިން ކަމަށެވެ. ނަމަވެސް އެގޮތަށް ފުލުހުން އެދުނު ސަބަބެއް ނޭނގެއެވެ.
މި މައްސަލައިގެ ތަހުގީގުގެ ކުރީކޮޅަށްވާތީ މި ކޭސްއާ ގުޅޭ ގޮތުން ފުލުހުން ވެސް އެއްވެސް ތަފްސީލެއް އަދި ނުދެ އެވެ.
ރޭ ޝިއާގެ ހަށިގަނޑު ދުށް މީހަކު "ވަން" އަށް ބުނި ގޮތުގައި، ޝިއާގެ އަތާއި ފައިވެސް އޮތީ ބުރިކޮށްލައިފައެވެ. އަދި އޭނާގެ އަތް ބުރިކޮށްލާފައި ވަނީ އުޅަނބޮއްޓާ ހަމައިން ކަމަށާއި ނަމަވެސް ފައި ބުރިކޮށްލާފައި ވަނީ ކިހާ ހިސާބަކުން ކަމެއް ސާފެއް ނޫނެވެ.