ޚަބަރު

މަހުމޫދުގެ މަރު: ސާލިމް މެރުމަށް ކުރި ހުކުމް ކަށަވަރު ކުރަން ހުށަހެޅި މައްސަލަ ބަލައެއް ނުގަތް

އިބްރާހިމް ޒަކީ

އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ފެންވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރުގެ ގާތިލް ޝާހް އަލޮމް މިއާ (ސާލިމް) މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ނިހާއީ ހުކުމެއްތޯ ކަށަަވަރުކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައެއްނުގަތެވެ.

އެ މައްސަލަ ބަލައިނުގަތުމަށް، ކަނޑައެޅި ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައި ވަނީ ހުކުމެއް ނިހާއީ ހުކުމަކަށް ވާނީ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެ މައްސަލައެއް އިސްތިއުނާފުކުރުމުން އެކަމާބެހޭ އުސޫލުތަކުގެ ތެރެއިން އިސްތިއުނާފުގެ މަރުހަލާތައް ނިމުމުން، ނުވަތަ ހުކުމާމެދު ދެ ފަރާތުންކުރެ ފަރާތަކުން އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި މައްސަލަ އިސްތިއުނާފުނުކޮށް އޮއްވައި އިސްތިއުނާފުގެ މުއްދަތު ހަމަވުމުން ކަމަށެވެ.

ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ހުކުމްކުރުމާއެކު، ގާނޫނުލް އުގޫބާތުގެ 1204 ވަނަ މާއްދާގެ (ރ) ގައިވާގޮތުގެ މަތިން އެ މައްސަލައެއް އޭގެ ޒާތުގައި އިސްތިއުނާފުކުރުމަށް މަތީ މަރުހަލާގެ ކޯޓަށް ޕްރޮސިކިއުޓާ ޖެނެރަލް ހުށަހަޅަންވާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މި މައްސަލަ ހުށަހަޅާފައި ވަނީ ޖިނާއީ މައްސަލަތަކުގައި ކުރާ ހުކުމްތައް އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވިފަހުން ކަމަށްވެސް ބުނެފައިވެއެވެ.

ގާނޫނުލް އުގޫބާތުގެ 1204 ވަނަ މާއްދާގެ (ރ)ގައި ބުނެފައި ވަނީ ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ހުކުމް ކޮށްފި ނަމަ، އެ ހުކުމުގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ދިވެހިރާއްޖޭގެ މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަންވާނެ ކަމަށެވެ.

އެހެންކަމުން ސާލިމުގެ މަރުގެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ރަޖިސްޓްރާގެ ނިންމުމުގައި ވަނީ ކަނޑައަޅައިފައެވެ.