އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ޓޮޓެންހަމް ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.
މި ހަފުތާގައި އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ފަށާފައިވާ އިރު، ރޭ ވަނީ ގިނަ މެޗުތަކެއް ކުޅެފައެވެ. ޓޮޓެންހަމްއިން ކުޅުނު މެޗުގައި 4-1 ސައުތުހެމްޓަން ބަލިކުރި އިރު، ޗެލްސީ ފަހު މެޗުގައި އެވަޓަން ކައިރީ ހޯދީ 1-0 ގެ އުނދަގޫ މޮޅެކެވެ. ރޭގެ އިތުރު ނަތީޖާތަކަށް ބަލާ އިރު، ނިއުކާސަލްއިން އަލަށް ލީގަށް ނުކުތް ނޮޓިންހަމް ފޮރެސްޓް އަތުން 2-0 އިން މޮޅުވި އިރު، ލީޑްސް ވަނީ 2-1 އިން ވުލްވްސް ބަލިކޮށްފައެވެ.
ސްކޮޓް ޕާކާގެ ކޯޗު ކަމުގައި މި ސީޒަނަށް ނުކުތް ބޯންމައުތު ވަނީ 2-0 އިން އެސްޓަންވިލާ ބަލިކޮށްފައެވެ.
ޓޮޓެންހަމްއިން ކޯޗު އެންޓޯނިއޯ ކޮންޓޭއާއެކު މިދިޔަ ސީޒަނުގައި ފަހު ބައިގައި ހިތްވަރު ދައްކާ ޗެމްޕިއަންސް ލީގު ޖާގައެއް ހޯދި އިރު، މި ސީޒަނަށް ވަނީ ވަރުގަދައަށް ތައްޔާރު ވެފައެވެ. ރަނގަޅު ޓްރާންސްފާތަކަކާއެކު ސީޒަނަށް ތައްޔާރު ޓޮޓެންހަމްއިން ރޭގެ މެޗަށް ނެރުނު ފުރަތަމަ 11 ގައި އަލަށް ޓީމަށް ގެންދިޔަ އާޖެންޓީނާގެ ކްރިސްޓިއަން ރޮމޭރޯ ހިމަނާފައިވާ އިރު، ޕެރިސިޗް ނުކުތީ ފަހު ހާފަށެވެ. ރޭގެ މެޗުގެ ސްކޮޑުގައި ރިޗާލްސަން ހިމަނާފައެއް ނުވެއެވެ.
ޓޮޓެންހަމްއިން ރޭ ކުޅުނު މެޗުގައި ޖޭމްސް ވާޑް ޕްރައުސްގެ ގޯލުން ސައުތުހެމްޓަން ފުރަތަމަ ލީޑު ނެގި ނަމަވެސް ހާފު ނިމުމުގެ ކުރިން ޓޮޓެންހަމް ފަހަތުން އަރައި ނަތީޖާ އަނބުރާލިއެވެ. ރަޔާން ސެސެޔޯންގެ ގޯލެއްގެ އިތުރުން އެރިކް ޑަޔާ ޖެހި ގޯލާއެކު ޓޮޓެންހަމްއިން ދެވަނަ ހާފަށް ނުކުތީ ލީޑު ގައެވެ.
ދެވަނަ ހާފުގައި ޓޮޓެންހަމްއިން ޖެހި ފުރަތަމަ ގޯލު މުހައްމަދު ސަލީސޫ ފައިގައި ޖެހި ބައިކޮޅަށް ވަން އިރު، ފަހު ގޯލު ޖެހީ މެޗުގައި މޮޅަށް ކުޅުނު ޑީޖާން ކްލުސެވްސްކީއެވެ.
ޗެލްސީން އާ ވެރިންނާއެކު މި ސީޒަނަށް ތައްޔާރުވެފައިވާ އިރު، އަދިވެސް ދަނީ ޓްރާންސްފާ މާކެޓްގައި ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ރޭގެ މެޗުގެ ފުރަތަމަ 11 އަށް އަލަށް ގެންދިޔަ ރަހީމް ސްޓާލިންނާއި ކަލިދޫ ކުލިބާލީ ނުކުމެފައިވާ އިރު، ބެންޗުން އެރި ކުޅުންތެރިންގެ ތެރޭގައި މާކް ކުކުރެޔާ ހިމެނެއެވެ. ކުކުރެޔާއަކީ ބްރައިޓަންއިން މީގެ ދެ ދުވަސްކުރިން ޗެލްސީއަށް ގެންދިޔަ ޑިފެންޑަރެކެވެ.
ރޭގެ މެޗަށް އެވަޓަން ނުކުތީ ޓީމުގެ އެންމެ މުހިއްމު ފޯވަޑް ރޮބާޓް ކަލްވާޓް ލެވިންވެސް ނުލައެވެ. އެޓޭކްތައް އުފެއްދުމުގައި ދެޓީމަށްވެސް އުނދަގޫތައް ކުރިމަތިވި އިރު، ފުރަތަމަ ހާފު ނިމެން ދަނިކޮށް ޗެލްސީ ލީޑު ނެގީ ލިބުނު ޕެނަލްޓީއެއްގައެވެ. ޕެނަލްޓީގައި ޗެލްސީއަށް ލީޑު ނަގައިދިނީ ޖޯޖީނިއޯއެވެ. އެ ޕަނަލްޓީއަކީ އޭރިއާ ތެރެއިން ޑަކޯރޭ، ޗެލްސީގެ ބެން ޗިލްވެލްއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.
މެޗުގެ ދެވަނަ ހާފުގައި އެވަޓަންއިން ރަނގަޅު ހަމަލާތަކެއް އުފެއްދި އިރު، އެންތޮނޯ ގޯޑަންއާއި ޑެމަރައި ގްރޭގެ ހަމަލާތައް މަތަކުރީ ޗެލްސީގެ ގޯލްކީޕަރު އެޑުއާޑް މެންޑީއެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެވަޓަންގެ ބެން ގޮޑްފްރޭއަށް ބޮޑު އަނިޔާއެއް ބާލަން ޖެހުމުގެ އިތުރުން ދެވަނަ ހާފުގައި ސަޕޯޓަރަކަށް ސިއްހީ މައްސަލައެއް ދިމާވެ މެޗު މެދުކަނޑާލަން ޖެހުނެވެ. އެ ވަގުތުތަކާއެކު މެޗު ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވެއެވެ.
ލީގުގައި މާދަމާވެސް މެޗުތައް އޮންނާނެއެވެ. ފާހަގަކޮށްލެވޭ މެޗުތަކަށް ބަލާ އިރު، އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ވެސްޓް ހެމްއާ ދެކޮޅަށް ކުޅޭ މެޗާއި، މެންޗެސްޓާ ޔުނައިޓެޑުން ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗު ހިމެނެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު