އައްޑުއަތޮޅު މީދޫގައި މާމިސްކިތޭ ކިޔުނު މިސްކިތެއް ހުރެއެވެ. ވަރަށް ޒަމާންވީ މިސްކިތެކެވެ. އެއީ މުޅި ދެކުނުގައިވެސް ހުރި އެންމެ ޒަމާންވީ އެންމެ ގަދީމީ މިސްކިތެވެ. އެއީ ކަށަވަރު ޔަގީން ކަމެކެވެ. އެކަމަށް ދަލީލުކުރާ ކިތަންމެ ކިތަންމެ ލިޔުމެއް އެބަހުއްޓެވެ. ބަލާބެލުމަށް މާއިހުގެ ތަނެއްކަމަށް ނުފެނުނަސް ވަރަށް ދިގު ތާރީޚެއް ލިބިގެންވެއެވެ. މީގެ އެތައް ސަތޭކަ އަހަރު ކުރިން ފެށިގެން ވަރަށް ފަހަކާޖެހެންދެންވެސް އެރަށުގައި ހުކުރުކުރީ ހަމައެކަނި މި މިސްކިތުގައެވެ. މިހާރުވެސް ކުރެއެވެ. އެހެންނަމަވެސް 90ގެ އަހަރުތަކުން ފެށިގެން އެހެން ދެތިން މިސްކިތެއްގައިވެސް ހުކުރުކުރެއެވެ. މިދެންނެވި ތާރީޚީ މިސްކިތުގެ ހައިބަތާއި ދަރަޖަ ވަނީ ފަހަކަށް އައިސް ވަރަށްވެސް ހިތާމަކުރާންޖެހޭ މިންވަރަކަށް ފަނޑުވެފައެވެ.
ބައުވެ މަރާމާތަށް ބޭނުންވީމާ ފެންނަނީ ކޮންމެވެސް އަމިއްލަ ބަޔަކު އިސްނަގައިގެން ދީލަތި އެކި މީސްމީހުންގެ ކައިރިއަށް ހިނގައިގެން އެހީ ހޯދައިގެން އަމިއްލަ ކަމެއްގެ ގޮތުގައި އެމަސައްކަތްކުރާ މަންޒަރެވެ. ދާދިފަހުންވެސް އެކަހަލަ މަސައްކަތެއް ރައްޔިތުންގެ ތެރެއިން ބަޔަކު އިސްނަގައިގެން ކުރާ މަންޒަރުގެ ވީޑިޔޯއާއި ފޮޓޯތައް ފެނުނީމާ ހިތުގައި ޖެހުނެވެ. މިއީ ކޮން މިސްކިތެއްކަމާއި މި މިސްކިތް ތާރީޚީ ތަނަކަށްވާ ސަބަބު ރަސްމީ ފަރާތްތަކަށްވެސް އެނގޭން އެބަޖެހޭތާއެވެ. އައްޑޫ ސިޓީ ކައުންސިލަށެވެ. އިސްލާމިކް މިނިސްޓްރީއަށެވެ. ހެރިޓޭޖް މިނިސްޓްރީއަށެވެ. ދެންވެސް މިކަންކަން އެނގުން ލާޒިމު ކޮންމެ ބަޔަކަށެވެ. އެހެންވީމާ ކުރިން ދެންނެވި މިސްކިތުގެ ތާރީޚުގެ މައްޗަށް ކުރުގޮތަކަށް ބަލާލައި އެއްޗެއް ލިޔެ ޝާއިއުކުރުމަށް ގަސްތުކުރީއެވެ.
ބަައެއް މީހުންގެ އާދަޔަކީ މޭރުންނުވާ ކޮންމެ ކަމަކަށް އިންކާރުކޮށްގަތުމެވެ. އެގޮތުން ދިވެހިރާއްޖޭގެ އެވޭލާ ޒަމާނުގެ އެކި ކަންކަމަށްވެސް އިންކާރުކޮށް ތިޔަކަމަށް ހެކި ލިބޭ ރިފަރެންސަކީ ކޮބައިތޯ އަހައި ސުވާލުކުރެއެވެ. މީގެ ތިންސަތޭކައެއްހައި އަހަރު ކުރިން ދިޔަމިގިލީ ބޮޑު ބަންޑާރައިން އަންގަވައިގެން ގާޒީ ހަސަން ތާޖުއްދީނު ދިވެހި ތާރީޚު ލިޔުއްވާން ފެއްޓެވިއިރުވެސް ރިފަރެންސްދޭނޭ އިހުގެ ލިޔުންތަކެއް ނެތެވެ. ހުރިއްޔާ ހުރި އެއްޗަކީ އެވޭލާ ޒަމާނުގެ ރާދަވަޅިތަކާއި ލޯމާފާނާއި ގަބުރުސްތާނުތަކުގައި ހުންނަ މަހާނަގަލުގައި ލިޔެފައި ހުންނަ ވަނަވަރާއި މިސްކިތްތަކުގެ މަތިވަޑާމުގައި ހުންނަ ލަކުޑީގައި ލިޔެފައި ހުންނަ އެއްޗެކެވެ. އެއިންވެސް އެނގެނީ މީސްމީހުންގެ ވަނަވަރާއި އެކިއެކި ކަންކަމުގެ ކުރު ތާރީޚެކެވެ. އެގޮތުން ދިވެހިރާއްޖެ އިސްލާމްވީ މީލާދީން 1153 ގައި ކަން އެނގެއެވެ.
ރާއްޖެ އިސްލާމްވި އަހަރުކަމަށް ބަލަނީ ދިވެހިރާއްޖޭގެ ވެރިކަން އިސްލާމީ ވެރިކަމަކަށް ބަދަލުވި އަހަރެވެ. ރާއްޖޭގެ ރަދުން އިސްލާމްކަން އިޚުތިޔާރު ކުރެއްވި އަހަރެވެ. އެކަމަކު ގަބޫލުކުރަންޖެހޭ ހަގީގަތަކީ ރަދުން ނުވަތަ ތީމުގޭ މަހާ ކަލަމިންޖާ އެ ނިންމެވުމެއް ނިންމެވުމާއެކު ރާއްޖޭގެ ހުރިހާ އަތޮޅުތަކާއި ހުރިހާ ރަށެއްގެ އެންމެން އެކުއެކީ އެއްފަހަރާ ދީން ބަދަލުކޮށްފައި ނުވާނެ ކަމެވެ. ދިވެހި ތާރީޚުންވެސް އެކަމަށް ހެކި ލިބެއެވެ. އެދުވަސްވަރަކީ އަރަބިކަރައިން އަސޭކަރަޔާއި ހިންދުކަރަޔަށް ހެސްކިޔާފައި ދަތުރުފަތުރުތައް ފަށައިގަތް ދުވަސްވަރެވެ. އެކި ސަބަބުތަކާހެދި މިރާއްޖޭގެ އެކި ރަށްރަށަށް އިސްލާމުން އައިސްގޮސްވި ދުވަސްވަރެވެ. އެހެންވީމާ މާލެއަށްވުރެ ކުރީގައިވެސް އަދި އޭގެފަހުންވެސް އިސްލާމީ ހިދާޔަތުގެ އަލިކަން ފޯރި ރަށްރަށް ހުންނާނެއެވެ. ހުންނަންވެސް ވާނެއެވެ.
ވަރަށް ކުރީ ޒަމާނުން ފެށިގެން އައްޑުއަތޮޅުގައި ދޫދޫމަތިން ކިޔެމުން ގަލަމުން ލިޔެވެމުން އަންނަ ވާހަކަތަކުން އެނގެނީ އައްޑުއަތޮޅަށް އިސްލާމްދީނުގެ ހިދާޔަތުގެ އަލިކަން ފޯރީ މާލޭގައި ހުންނެވި ރަސްކަލަކު އެދީނަށް ވެދެވަޑައިގަތުމުގެ ދިހަބާރަ އަހަރުކުރިން މީލާދީން 1140 ހިސާބުގައި ކަމެވެ. މިކަމަށް މެދުވެރިވީ އެއަތޮޅު މީދޫއަށް ލެއްގި ބޭކަލެކެވެ. ނަންފުޅަކީ ޔޫސުފް ގާދިރީ ނުވަތަ ޔޫސުފް ނާއިބެވެ. ޔަމަނުކަރައިގެ ބޭކަލެކެވެ. މިވާހަކަ ހަމަ މިގޮތަށް މަރްހޫމު ހުސައިން ސަލާހުއްދީނު ވެސް ލިޔުއްވާފައިވެއެވެ. މި ޔޫސުފު ނާއިބުގެ ޒިޔާރަތް މީދޫގައި އެބަހުއްޓެވެ. ކިޔަނީ މީދޫ މެދުޒިޔާރަތެވެ. އައްޑުއަތޮޅާއި ފުއައްމުލަކާއި ހުވަދުއަތޮޅު އިސްލާމްވީ ކަމަށް ބުނެވެނީ މި ބޭކަލެއްގެ އަތްޕުޅު މައްޗަށެވެ. މިއީ ސައްހަގޮތުގައި ނަގުލުވަމުން އަންނަ ވާހަކައެކެވެ.
މި ލިޔުން ފަށައިގަންނަމުން އިޝާރާތްކުރި މީދޫ މާމިސްކިތަކީ މިދެންނެވި ޔޫސުފު ނާއިބު އޭނާ ހުންނެވި ކަޅިހާރޭ ކިޔުނު ގޯތީގެ ހުސްތަނުގައި ބިނާކުރެެއްވި މިސްކިތެވެ. އިސްލާމުން ނަމާދު ކުރުމަށް ދިވެހިރާއްޖޭގެ ފަސްގަނޑެއްގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތެވެ. އެހެންވީމާ މި މިސްކިތަށް ގާތްގަޑަކަށް 882 އަހަރުވީއެވެ. އެކި ދުވަސްވަރު އެކި ގޮތްގޮތަށް މަރާމާތު ކުރަމުންއައިސް މިހާރު އެފެންނަނީ ދެވަނަ ބޮޑު ހަނގުރާމަ ނިމުނުތަނާހެން މަރާމާތުކޮށް އައުކުރެވުނު ބައްޓަމަށެވެ. ކުރީޒަމާނުގައި އެއީ ހަމައެކަނި މިސްކިތެއް ނޫނެވެ. މަދަރުސާއެއްވެސްމެއެވެ. އެ މިސްކިތުގެ ފެންޑާއެއްގައި ގުރުއާނާއި އިސްލާމީ ސަރިޔަތާއި ފިގުހު ކިޔަވައިދިނުން އެތައް ސަތޭކަ އަހަރަކަށް ދެމިގެން އައެވެ. މިކަމަށް ބާރުލިބޭ ހެކިތައް މަދެއްވެސް ނޫނެވެ.
މި މިސްކިތުގައި ފުރަތަމަ އިސްލާމީ ތައުލީމު ދެއްވާން ފެއްޓެވި ބޭކަލަކީވެސް ޔޫސުފު ނާއިބެވެ. އެތަނުގައި 500 އަހަރަށްވުރެ ދިގު މުއްދަތެއްގައި ފިގުހު އިލްމު ކިޔަވައިދެވުނެވެ. އަދި 290 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޝަރުއީ އިލްމު ކިޔަވައިދެވުނެވެ. މިދެންނެވި ތާރީޚީ މިސްކިތް ބައުވެ ވީރާނާވެ ހަލާކުވުމުން އެމިސްކިތް މަރާމާތު ކުރަނީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިިކަމާއެކުގައެވެ. ކޮންމެފަހަރަކުވެސް މިސްކިތް ވީރާނާވެ ނަމާދަށް ދާ މީހުންނަށް އަނިޔާވެ ނުރައްކާތެރި ހާދިސާއެއް ހިނގާ ހިސާބަށް ދިއުމުންނެވެ. އެހެންވީމާ މިއީ އެބީދައިން ދޫކޮށްލެވޭން ހުރި މިސްކިތެއް ނޫންކަމާއި ތަރިކަ ހިމާޔަތް ކުރުމުގެ ގޮތުންވިޔަސް މި އިސްލާމީ ދައުލަތުގެ މުއައްސަސާތަކުގެ ކޮނޑުގައި އެޅޭ ޒިންމާތަކެއް ހުރިކަން ޝައްކެއް ނެތް މިންވަރަށް އެނގެއެވެ.