Close
ކޮލަމް

ސިނާންގެ ކޮލަމް: ބޭކާރުވި ބޮޑުޗުއްޓީ! މިއީ އެޑިޔުކޭޝަނަށް ރަސްމީކޮށް ދަންނަވަން ޖެހޭ ކަމެއް ނޫނެވެ.

ސިނާން އަލީ

1

ބޮޑު ޗުއްޓީއަށްފަހު ސްކޫލުތައް ހުޅުވަން ތިން ދުވަހަށްވީއެވެ. ޗުއްޓީއަށް ފުރައިގެން ދިޔަ މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ތިބީ ރަށްރަށުގައި ތާށިވެފައެވެ. އާދެވޭނެ ގޮތެއް ނެތިގެންނެވެ. ވައިގެމަގުންވެސް ވެސް، ކަނޑުމަގުންވެސް އާދެވޭނެ ގޮތެއް ނެތީމައެވެ. މަތީން އަންނަން ބަލާއިރު ޖެހިގެން އޮތް ރަށަށް ދަތުރުކުރެވޭ ވަރަށްވުރެވެސް ކަނޑު ގަދަ އެވެ. އެހެންވެ އެއާޕޯޓަށް ދެވޭނެ ގޮތެއް ނެތެވެ. ކަނޑުމަގުން އަންނަން ބަލާއިރު، މިދުވަސްވަރަކީ ހިކިފަސްތަނެއްގައި ތިބި ބަޔަކު ފުރައިގެން ދިގު ދަތުރެއް ކުރާން ރައްކާތެރިވަރަށްވުރެ ކަނޑު ގަދަ ދުވަސްވަރެކެވެ. އަމުދުން އަންހެނުންނާއި ކުޑަކުދީން ގޮވައިގެން ދަތުރުކުރާއިރު ޖެހިލުންވާހާ މޫސުން ގޯހެވެ. މޫސުން ލާހިކުވެލަންދެން މަޑުކުރުން ނޫން ގޮތެއް ނެތެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.

ހުޅަނގު މޫސުމުގެ ގަދައިގެ ތެރެއިންވެސް އެންމެ ގަދަ އެއްދުވަސްވަރު މި އޮތީ ލައިގެންފައެވެ. މުޅި ރާއްޖެއަށް މިއޮތީ އިންޒާރު ނެރެފައެވެ. ވައިޓު އެލާޓާއި ޔެލޯ އެލާޓެވެ. ކަނޑުމަގުން ކީއްކުރަންހެއްޔެވެ؟ އެއްގަމުގައި އުޅޭ މީހުންވެސް ސަމާލުވެގެން ނޫނީ ނޫޅެވޭ ވަރަށް ރޯޅި މިވަނީ ބާރުވެފައެވެ. ސިނަމާލެ ބުރިޖުމަތީގައި ސައިކަލު ދުއްވާން ބިރުން އެކަން ނުކުރާވެސް ކިތަންމެ ބަޔަކު އެބަ އުޅެއެވެ. ޖެހޭ ބާރު ރޯޅިން ހީވަނީ ސައިކަލާއެކު މީހާވެސް ނަގައި އެއްލައިލަފާނެހެންނެވެ.

ކުރީން ރާއްޖޭގެ ސްކޫލުތަކުގެ ބޮޑު ބަންދަކީ ނޮވެމްބަރު ޑިސެމްބަރެވެ. ހުޅުވޭނީ ޖެނުއަރީގައެވެ. ބޮޑުބަންދަށް ފަހު ދިރާސީ އާ އަހަރު ފެށޭނީ މީލާދީ އާ އަހަރާއިވެސް އެކުގައެވެ. ސްކޫލްތަކުގެ ބޮޑު ޗުއްޓީ މިދުވަސްވަރަށް ބަދަލުކުރީ މިގޮތުގައި ފައިދާ ބޮޑުވާނެ ކަމަށް ބަލައިފައި ކަމަށް ގަބޫލުކުރަމާ ހިނގާށެވެ. މި އަހަރުން ފެށިގެން މި ބަދަލު ގެނައި އިރު، އެޑިޔުކޭޝަން މިނިސްޓްރީން މިދިޔަ އަހަރު ބުނީ މިއީ ދިރާސާތަކަކަށް ފަހު ގެންނަ ބަދަލެއް ކަމަށެވެ. އެންމެ ބޮޑު އެއް ސަބަބަކީ ޓޫރިޒަމް ސެކްޓަރުގައި އުޅޭ މުވައްޒަފުންނަށް އާއިލާއާއެކު ވަގުތު ހޭދަކުރަން ފުރުސަތު ފަހިކުރުމެވެ. ނޮވެމްބަރު ޑިސެމްބަރަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބާރުބޮޑު ދުވަސްވަރުކަމުން، އެ ދުވަސްވަރާ ބޮޑު ޗުއްޓީއާ ދިމާވުމުން އެ މުވައްޒަފުންނަށް ޗުއްޓީ ލިބުމުގައި އުނދަގޫތަކެއް ހުރެއެވެ. ބޮޑު ޗުއްޓީއަށް ދަރީން ނުވަތަ އާއިލާ ކައިރިޔަށް ދިއުމުގެ ފުރުސަތު ގެއްލެއެވެ.

ސުވާލަކީ އެންމެ މުހިންމު އަދި ބޮޑު ސަބަބަކީ މިއީ ކަމަށް ބަލައިގެން، ރާއްޖެއަށް އެންމެ މޫސުން ގޯސް ދުވަސްވަރަށް ސްކޫލުތަކުގެ ބޮޑު ޗުއްޓީ ބަދަލުކުރުން އެއީ ރަނގަޅު ނިންމުމެއްތޯއެވެ! މި ބަދަލުން ހާސިލުވި ނަތީޖާ ރަނގަޅުތޯއެވެ! އަނެއްކާވެސް ކުރީގެ ގޮތަށް ބަދަލުކުރާންވީތޯއެވެ!

ގިނަ ބަޔަކު އިއްތިފާގުވާ އެއްކަމެއް އެބައޮތެވެ. އެއީ ޖޫން ޖުލައިގެ ގަދަ ވިއްސާރައިގެ ތެރޭގައި އައި ފުރަތަމަ ބޮޑު ޗުއްޓީ ޗުއްޓީއަކަށް ނުފުދުނު ކަމެވެ. ބޮޑު މިޗުއްޓީގައި އެއް ތަނުން އަނެއް ތަނަށް ދަތުރުކުރާން ތާވަލުކުރި ގިނަ ބަޔަކަށް އެމީހުންގެ ދަތުރުތައް އެތައް ގޮތަކަށް އެތައް ފަހަރަކު ބަދަލުކުރާން ޖެހުނެވެ. އޭގެ ސަބަބުން މާލީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވިއެވެ. ބަދަލުތައް ގިނަވެގެން ގޮސް އެންމެ ފަހު ވަގުތު ޖާގަ ނުލިބި ޗުއްޓީ ބޭކާރުވީ މީހުންވެސް މަދެއް ނޫނެވެ. ރަށްރަށަށް ދިޔަ މީހުންނަށް ވެސް ޗުއްޓީގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައެއް ނުހިފުނެވެ. ކަނޑުތައް ގަދަވެ، އުދައިގެ ނަކަތްތަކުގައި ރަށުތެރެޔަށް ލޮނުގަނޑު އެރުމުގެ ސަބަބުން ރަށުގެ އާންމު ހާލަތު ގޯސްވެ، ރެސްކިޔުގައި އުޅޭން ޖެހުނު މީހުންވެސް ގިނައެވެ. އޭގެ ތެރެއިން އެއްބަޔަކު ފާޑަކަށް ރަށުބަންދުވީއެވެ. ޖެހިގެން ހުރި ގެޔަށް ދިއުންވެސް އުނދަގޫ މިންވަރަށް ބައެއް ރަށްރަށަށް ވާރޭ ވެހި، ފެންބޮޑުވީއެވެ. އެހެން ކަމުން ރަށުތެރޭގައިވެސް ކުޅިވަރުކުޅެ އުފާކޮށް އުޅުމުގެ ފުރުސަތު ބަންދުވީއެވެ. ޖޫން ޖުލައިއަކީ އާންމު ގޮތެއްގައިވެސް ރާއްޖޭގެ އެންމެ ވިއްސާރަ ދުވަސްވަރުކަމުން، އުދަ އެރުމަކީ ވެސް މިދުވަސްވަރުގެ އާންމު ކަމެކެވެ.

ޗުއްޓީގެ ބޮޑުބައެއް ދިޔައީ، އަތޮޅު ތެރޭގައިވެސް އަންހެނުންނާއި ކުޑަކުދީން އަދި އުމުރުން ދުވަސްވީ މީހުން އެކީގައި ކަނޑުދަތުރުފަތުރުކޮށް އުޅުން ރައްކާތެރި ނޫން މިންވަރަށް ގަދަކޮށެވެ. އެހެންކަމުން ދިވެހީންގެ އާދަކާދައިގެ މަތީން ކައިރީ ރަށްރަށަށް ނުވަތަ ކައިރި އަތޮޅުތަކުގައި ތިބޭ އާއިލާގެ މެންބަރުންނާއި އެކުވެރީންނާ ބައްދަލުވެ، ގުޅުން ގާއިމުކުރުމަށް ކުރާ ދަތުރުތައްވެސް މިފަހަރުގެ ބޮޑު ޗުއްޓީގައި ކުރެވޭނެ ގޮތެއް ނުވިއެވެ. އެފަދަ ދަތުރުތަކަކީ އެތެރެވަރީގައި ދަތުރުކުރާ ކުދި ލޯންޗުފަހަރުގައި، ކަނޑު މަޑު ދުވަސްވަރު ކޮށް އުޅޭ ދަތުރުތަކެވެ. ބޮޑު ޗުއްޓީގައި ދިވެހީން ދެން އެންމެ ގިނައިން ކުރާ އެއް ކަމަކީ ފިނޮޅުތަކާއި ފަޅުރަށް ތަކަށް ދަތުރު ދިއުމެވެ. މަސްދަތުރު ދިއުމެވެ. މި ދަތުރުތައްވެސް މިފަހަރު އެކަށީގެންވާ ގޮތެއްގައި ކުރެވޭނެ ގޮތެއް ނެތެވެ. ކުޑަކުދީން ގޮވައިގެން ގޮސް ފަޅު ރަށްރަށުގައި ތިބޭން ބަލާއިރު، އުޑުމަތީން ކަޅު ވިލާ ހުސްވާ ވަގުތެއް ނާދެއެވެ. ފުސްމަތީ ފުސްލައި، އިރުއިރުކޮޅާ ވާރޭ ވެހުނު ދުވަސްތައްވެސް މަދެއް ނޫނެވެ. ޓެންޓު ޖަހައިގެން ތިބެވޭ ވަރަށްވުރެ ވައި ބާރެވެ.

ދެން އޮތީ ސަލާމަތާއި ރައްކާތެރިކަމުގެ ވާހަކަ އެވެ. މޫސުން ގޯސްވުމުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫއެރި ކިތަންމެ ދުވަހެއް މި ޗުއްޓީގައި ވަނީ އައިސްފައެވެ. ފުލައިޓްތަކަށް ދާން ޖެހޭ މަންޒިލުތަކަށް ރައްކާތެރިކަމާއި އެކު ދިއުމަށް ރިސްކު އޮތް ކަމަށް ނިންމައި، ބައެއް ފުލައިޓްތައް އެހެން ތަންތަނަށް ޑައިވާޓްކޮށްފައިވެ އެވެ. ކަނޑުމަގުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ލޯންޗު ފެރީ ނުވަތަ ބޯޓު ފަހަރުގެ ދަތުރު ޝެޑިއުލަށް ބަރޯސާ ވެގެން މި ޗުއްޓީގައި ބޭނުންވި ދުވަހަށް ތަނަކަށް ދެވުނު މީހުންނަށްވުރެ ގިނަ ވާނީ ވާނުވާގައި ތިބޭން ޖެހުނު މީހުންނެވެ. ވީމާ ސްކޫލު ކުދީންނަށް ހަދިޔާކުރާ ބޮޑު ޗުއްޓީއެއްގައި ހުންނާން ޖެހޭ ސަލާމަތާއި ރައްކާތެރިކަމެއްވެސް މި މޫސުމުގައެއް ނެތެވެ. އާނ، އަވަހަށް ދަތުރުކޮށް ޗުއްޓީގެ އުފާ ލިބިގަންނާށޭ ބުނާނޭ އަމާންކަމެއް މޫސުމަކު ނެތެވެ. ޗުއްޓީއެއްގެ ބޭނުން ފުދޭނެ ހަމަ އެއްކަމެއްވެސް ނެތެވެ.

ޖޫން ޖުލައިއަށް ބޮޑު ޗުއްޓީ ބަދަލުކުރީވެސް އެ ގޮތް ރަނގަޅު ކަމަށް އަޑުތަކެއް އަރައިގެންނެވެ. ދިރާސާވެސް ކޮށްގެނެވެ. އެކަމަކު ހަމަގައިމުވެސް އެ ދިރާސާ ރަނގަޅެކޭ އަޅުގަނޑެއް ނުބުނާނަމެވެ. އަމުދުން ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް އެއްގޮތަކަށް ވެސް ކަމަކު ނުދެއެވެ.

މި ބޮޑު ޗުއްޓީ ތެރޭގައި ކުރި ގަދަ ވިއްސާރައިގައި ދ. މާއެނބޫދޫއަށް ބޯކޮށް ވާރޭ ވެހި މަގުމަތީގައި ފެންބޮޑުވެފައި ---

މީޑިއާތަކާ ބައްދަލުކުރައްވައި، އެޑިޔުކޭޝަން މިނިސްޓަރު އިއްޔެ ވިދާޅުވީވެސް ރަނގަޅު ވާހަކައެކެވެ. އެކަންވެސް ގަބޫލުކުރާން ޖެހެ އެވެ. ދެން އަނެއްކާވެސް ބޮޑު ޗުއްޓީއަށް ބަދަލުގެންނަ ނަމަ، އޭގެން ކޮންމެވެސް އެއް ދަރިވަރުން ތަކަކަށް އުނދަގޫ އަންނާނެ އެވެ. މެއި ޖޫންގައި އޯލެވެލެ، އޮކްޓޯބަރު ނޮވެމްބަރުގައި އޭލެވެލް އޮންނަ އިރު، ދިރާސީ އަހަރު ދިގު ކުރިޔަސް، ކުރު ކުރިޔަސް، ކޮންމެވެސް އެއްބަޔަކަށް ގެއްލުން ވާނެ އެވެ. ކުރުކޮށްފި ނަމަ މުގައްރަރު ކަވަރުކުރަން ޓީޗަރުންނަށް އުނދަގޫ ވާނެ އެވެ. އޭގެ ސަބަބުން ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރާނެ އެވެ. ލަސްކޮށްފި ނަމަ، ދަރިވަރުންނަށް ހަމަސް ދުވަސް ގެއްލިގެން ދާނެއެވެ. އެކަމަކު މި ދަތި އަންނާނީ އެއް އަހަރު އެވެ. އެޔަށް ފަހު ހަމަޔަކަށް އެޅި އެގޮތުގައި ދެމިގެން ދާނެ އެވެ.

އެހެން ގޮތެއް ހެދިދާނެ ކަމަށްވެސް ބައެއް ޓީޗަރުން ފާހަގަކުރެ އެވެ. އެއީ ދިރާސީ އަހަރު އޮތްގޮތަށް ބާއްވައިފައި، މިހާރު މި އޮތް ބޮޑު ޗުއްޓީގެ މުއްދަތު ފުރަތަމަ ޓާމް ޗުއްޓީއާ ބަދަލުކޮށްލުމެވެ. އެއިރުން ޖުލައިގައި އަންނާނީ ކުރު ޗުއްޓީއެކެވެ. ދިގު ޗުއްޓީ ނުވަތަ ބޮޑު ޗުއްޓީ އަންނާނީ ނޮވެމްބަރު ޑިސެމްބަރުގައެވެ. އެކަމަކު އެއިރުން ދިގު ޗުއްޓީ އަންނާނީ ދިރާސީ އަހަރު ނިމިގެނެއް ނޫނެވެ. ފެށޭ ތަނުންނެވެ. އެއީ އަޑު އަހާން ނުވަތަ އެހެން ގޮތްގޮތުން އެހާ ހިތްގައިމު ނުވަތަ ރަނގަޅު ގޮތަކަށް ނުވެދާނެ އެވެ. ބޮޑު ޗުއްޓީ އަންނާން ޖެހޭނީ ދިރާސީ އަހަރުގެ ކިޔެވުން ނިމިގެންނެވެ. މިއީ ގިނަ މީހުންގެ ގަބޫލުކުރުމެވެ.

ކޮންމެޔަކަސް، ދިރާސީ އަހަރަށް ގެނައި ބަދަލާ އެކު އައި ބޮޑު ޗުއްޓީ މި ދިޔައީ ފެނަށެވެ. ގަދަ ވިއްސާރައިގައެވެ. ޗުއްޓީގެ އުފަލެއް ނުލިބިއެވެ. ރަށު ބަންދުގައެވެ. ގޭބަންދުގައެވެ. ދަރިވަރުންގެ ޗުއްޓީވެސް ރިސޯޓުތަކު މުވައްޒަފުން ނެގި ޗުއްޓީވެސް ވީ ބޭކާރެވެ. ސޯޝިއަލް މީޑިއާއިން އެނގެނީ ބޮޑު ޗުއްޓީއަށް ޖޫން ޖުލައި ކަމު ނުދާ ކަމެވެ. ރާއްޖޭގެ މޫސުން ނަލައީ އިރުވައި މޫސުމުގައެވެ. ނޮވެމްބަރު ޑިސެމްބަރު އެއީ ކަމުދާ ގޮތްކަމަށް ގިނަ ބަޔަކު އެ އަންނަނީ ސާފުކޮށް ބުނެ އިއްވަމުންނެވެ. ވީމާ މިއީ ރަސްމީކޮށް އެޑިޔުކޭޝަނަށް ލިޔުމުން ހުށަހަޅާން ޖެހޭ މައްސަލައެއް ނޫނެވެ. ބޭނުން ހިފޭނެ، ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުންވެސް ރަނގަޅު، މަގުސަދު ހާސިލުކޮށްދޭނެ ޗުއްޓީއެއް ދަރިވަރުންނަށް އަދި ޓީޗަރުންންނާއި ތައުލީމީ ދާއިރާގެ ހިދުމަތްތެރީންނަށް ދިނުމަކީ އެޑިޔުކޭޝަނުން އަމިއްލައަށް ވެސް ކުރާން ޖެހޭނެ ކަމެކެވެ. ކުރައްވާނެ ގޮތެއް ނިންމަވާނީ ތިޔަ ބޭފުޅުންނެވެ. ކުރާން ޖެހިއްޖެ ކަމަށް އަދިވެސް ޝައްކު އުފެދޭ ނަމަ އެކަންވެސް ޔަގީން ކުރައްވާށެވެ.