ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، އެ މަނިކުފާނުގެ ޝަރަފުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި ރަސްމީ ޖާފަތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންފިއެވެ.
އެ ޖާފަތް ބާއްވާފައިވަނީ މިއަދު މެންދުރު ހައިދަރުއާބާދު ހައުސްގައެވެ.
އެ ޖާފަތުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ރައީސް ވަނީ ހައިދަރުއާބާދު ހައުސްގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފައެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އެ މަނިކުފާނުގެ ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
އިންޑިއާއަކީ ދިވެހިރާއްޖޭގެ އިޖުތިމާއީ، އިގްތިސޯދީ އަދި އުމްރާނީ ތަރައްގީގެވެސް މުހިންމު ބައިވެރިއެކެވެ. ރާއްޖެއާއެކު އޮތް އެ ގުޅުމުގެ ތެރެއިން ސަރުކާރުގެ ގިނަ މަޝްރޫއުތަކެއްގައި އިންޑިއާގެ އެހީތެރިކަން ލިބެމުންދެއެވެ.
މިއަދު އިންޑިއާއިން ވަނީ ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތައް ނިންމަން 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ފެސިލިޓީއެއް ދޭން ނިންމައިފައެވެ. އަދި މާލޭ ސަރަހައްދުގައި އިތުރު 2،000 ހައުސިން ޔުނިޓު އަޅަން އިންޑިއާގެ އެގްޒިމް ބޭންކުން 119 މިލިއަން ޑޮލަރުގެ ލޯނެއް ދޭންވެސް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު