ލިވަޕޫލް

ޖޮޓާ ލިވަޕޫލާއެކު އެއްބަސްވުން އާކޮށްފި

ލިވަޕޫލްގެ ޕޯޗުގަލް ވިންގް، ޑިއޭގޯ ޖޮޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އިތުރު ދެ އަހަރަށް އާކޮށްފިއެވެ.

ޖޮޓާ ލިވަޕޫލާއެކު ފުރަތަމަ ހަދާފައިވާ އެއްބަސްވުން 2025 ވަނަ އަހަރުގެ ނިޔަލަށް ހަމަވާން އޮތް ނަމަވެސް އާ އެއްބަސްވުމާއެކު 2027 ވަނަ އަހަރާ ހަމައަށް އޭނާ ލިވަޕޫލާއެކު އެއްބަސްވެފައިވެއެވެ. އުމުރުން 25 އަހަރުގެ ޖޮޓާ ކްލަބާއެކު އެއްބަސްވުން އާކުރީ މުސާރައިގެ އިތުރު ކުރުމަކާ އެކުގައި ކަމަށްވެސް ނޫސްތަކުގައި ބުނެފައިވެއެވެ.

ޖޮޓާއަކީ ލިވަޕޫލަށް މުހިއްމު ކުޅުންތެރިއެކެވެ. 2020 ވަނަ އަހަރު ވުލްވްސްއިން އޭނާ ލިވަޕޫލަށް ބަދަލުވީ 41 މިލިއަން ޕައުންޑުގެ އަގަކަށް ކަމަށްވާ އިރު، ލިވަޕޫލަށް ބަދަލުވިފަހުން މިހާތަނަށް ކުޅުނު 85 މެޗުގައި 34 ގޯލު ޖަހައިފައެވެ. ޖޮޓާއަށް މެޗުތަކުން ފުރުސަތު ލިބޭ ވަގުތަށް ބަލައި، އެއީ ރަނގަޅު ތަފާސްހިސާބުތަކެކެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ގިނަ މެޗުތަކެއްގެ ފުރަތަމަ 11 އަށް ޖޮޓާ ނުނެރޭ ނަމަވެސް، ނަތީޖާ އަނބުރާލަން އެއީ އަބަދުވެސް މުހިއްމު ކުޅުންތެރިއެކެވެ. ހާއްސަކޮށް މިދިޔަ ސީޒަނަށްފަހު ސަޑިއޯ މާނޭ ލިވަޕޫލް ދޫކޮށްލާފައިވުމާއެކު ކުރިއަށް އޮތް ސީޒަނުގައި ޖޮޓާގެ ދައުރު ބޮޑުވާނެއެވެ. ޖޮޓާ ވަނީ ނިމިދިޔަ ސީޒަނުގައި ލިވަޕޫލަށް 21 ގޯލު ޖަހައިދީ އެފްއޭ ކަޕާއި ލީގު ކަޕް އެ ކްލަބާއެކު އުފުލާލައިފައެވެ.

އެއްބަސްވުން އާކުރުމަށްފަހު ޖޮޓާ ބުނީ ލިވަޕޫލަށް ބަދަލުވީވެސް ކްލަބުގެ މުހިއްމު ކުޅުންތެރިޔަކަށް ވުމުގެ ބޭނުމުގައި ކަމަށާއި އެކަން ހާސިލްވެފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ލިވަޕޫލާއެކު ޕްރީ ސީޒަންގައި ޖޮޓާ ފެނިފައި ނުވަނީ އަނިޔާގައި ހުރުމުންނެވެ. ހޭމްސްޓްރިން އަނިޔާއެއްގައި ހުރި ޖޮޓާ، އާ ސީޒަނަށްވެސް ނުކުންނާނީ އަދި ދެ ހަފުތާއެއް ފަހުންނެވެ.