ޚަބަރު

އާޒިމާއަށް ކުރާ ދައުވާގެ އަޑުއެހުންތައް މާދަމާ ފަށަނީ

އިބްރާހިމް ޒަކީ

ކުރީގެ އެޓާނީ ޖެނެރަލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ކުރާ، މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް މާދަމާ ފެށުމަށް ކުރިމިނަލް ކޯޓުގައި އެޖެންޑާ ކޮށްފިއެވެ.

އެ މައްސަލައިގެ އިބުތިދާއީ އަޑުއެހުންތައް ނިންމައި އެ ދެ ދައުވާ އާޒިމާގެ މައްޗަށް ކުރެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ނިންމި ނަމަވެސް، އެ ނިންމުން އާޒިމާގެ ފަރާތުން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިހާތަނަށް އޮތީ އެ މައްސަލަ ކުރިއަށް ނުގެންދެވިފައެވެ.

ކުރިމިނަލް ކޯޓުގެ އެ ނިންމުން އާޒިމާގެ ފަރާތުން ހައިކޯޓާއި ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ދެކޯޓުން ވެސް ހުކުމް ކުރީ އެ ދެ މައްސަލަ ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ނަމަވެސް އާޒިމާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތަށް އާޒިމާގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެއެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާ ނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކުރައްވައި، އެ ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތް ކުރެއްވި ކަމަށް ބުނެއެވެ.