ޑްރަގް ޓްރެފިކު ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި އަލީ ނިޝާދުގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ފުލުހުންނަށް ހެކި ނުދެއްކިގެން އޭނާ ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މަސްތުވާތަކެތި ގެންގުޅެ، ޓްރެފިކު ކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ނިޝާދު ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އިއްޔެ ކުރި އަމުރުގައި ވަނީ، އޭނާގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން ފުލުހުންގެ ފަރާތުން އިންޓެލިޖެންސް ރިޕޯޓަކާއި ސީންއަށް ދިޔަ ފުލުހުންގެ ބަޔާން ކޯޓަށް ހުށަހެޅި ކަމަށެވެ.

އޭގެ ތެރެއިން ފުލުހުންގެ ބަޔާނުން އެނގެން އޮތީ، އެ މައްސަލައިގައި ފުލުހުން ބަލައި ފާސްކުރި ކޮޓަރީގައި ހުރި އަންހެން ކުއްޖެއްގެ އަތް ދަބަހުން ގާތްގަނޑަކަށް 52،000 ރުފިޔާ ފެނިފައިވާ ކަމަށެވެ.

އެ ފައިސާއާ ގުޅޭގޮތުން ސުވާލު ކުރުމުން، އެއީ މުސާރައިގެ ގޮތުގައި އޭނާއަށް ލިބިފައިވާ ފައިސާ ކަމަށް ސީންގައި ފާހަގަކޮށްފައި ވީނަމަވެސް އެ ފަރާތަކީ އެއްވެސް ތަނެއްގައި މަސައްކަތްކުރާ ފަރާތެއްތޯ ފުލުހުންނަށް ބެލިފައިނުވާ ކަމަށް ވެސް ހުށަހެޅުމުގައި ބުނެފައިވެއެވެ. އަދި އެ ފައިސާ އާއި ނިޝާދުއާ ގުޅޭ އެކަށީގެންވާ ސަބަބެއް ނުވަތަ ހެތްކެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

ކޯޓު އަމުރުގައި އިތުރަށް ބުނެފައި ވަނީ، ނިޝާދުގެ އަތުން އަދި އޭނާ ލައިގެން ހުރި އަންނައުނުން ނުވަތަ ދިރިއުޅޭ އެއްވެސް ތަނަކުން މަސްތުވާތަކެތި ނުވަތަ އެއާ ގުޅުންހުރި އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް ފުލުހުންގެ ބަޔާނުންނާއި އައިއޯގެ ވާހަކަތަކުން އެނގޭ ކަމަށެވެ.

އަދި ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ހެކި ގަރީނާ އިން ނިޝާދުގެ މައްޗަށް ކުރާ ތުހުމަތު އެއްވެސް މިންވަރަކަށް ސާބިތުކޮށް ނުދެވޭތީ އޭނާ ބަންދުން ދޫކޮލުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.