ލެސްޓާ ސިޓީ

މެޑިސަން ހޯދަން މުއްސަނދި ނިއުކާސަލްއިން ދެވަނަ ބިޑެއްކޮށްފި

ލެސްޓާ ސިޓީއަށް ކުޅެމުންދާ އިންގްލެންޑްގެ ހުނަރުވެރި މިޑްފީލްޑަރު ޖޭމްސް މެޑިސަން ހޯދަން ނިއުކާސަލް ޔުނައިޓެޑުން ދެވަނަ ބިޑެއްކޮށްފިއެވެ.

ސައުދީ އަރަބިޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން މިދިޔަ ސީޒަނުގައި ގަނެފައިވާ ނިއުކާސަލް އިން ނިމިދިޔަ ޖެނުއަރީ ޓްރާންސްފާ ސީޒަނުގައި ބޮޑެތި މަސައްކަތްތަކެއް ކުރިތަން ފެނުނު ނަމަވެސް، މި ޓްރާންސްފާ ސީޒަނުގެ ފަހުކޮޅުގައި އެ ޓީމުން ފެންނަންނީ މަޑުމަޑުން ތިބި ތަނެވެ. ނަމަވެސް އާ ސީޒަނުގެ މެޗުތައް ފަށަން ތިން ދުވަހަށް ވެފައިވަނިކޮށް، ނިއުކާސަލްގެ ވާހަކަތައް މީޑިއާގައި މިހާރު އަންނަނީ ދެކެވެމުންނެވެ.

އޭގެ އިތުރުން މި ޓްރާންސްފާ ސީޒަނުގެ ކުރީކޮޅުގައި ނިއުކާސަލްއިން ވަނީ ބައެއް ޓްރާންސްފާތައް ނިންމައިފައެވެ. އޭގެ ތެރޭގައި ޑިފެންޑަރު ސްވެން ބޮޓްމަންއާއި މެޓް ޓާގެޓް އެ ޓީމަށް ގެންދިއުމުގެ އިތުރުން، ގޯލްކީޕަރު ނިކް ޕޯޕުވެސް ވަނީ އެ ކްލަބަށް ގެންގޮސްފައެވެ.

މިވަގުތު ނިއުކާސަލްއިން ހޯދަން މަސައްކަތްކުރަމުން ދަނީ ލެސްޓާގެ މިޑްފީލްޑަރު މެޑިސަން ހޯދުމަށެވެ. މީގެ ތިން ދުވަސް ކުރިން ނިއުކާސަލް އިން މެޑިސަން ހޯދަން 40 މިލިއަން ޕައުންޑުގެ ބިޑެއް ކުރި ނަމަވެސް، ލެސްޓާއިން ވަނީ ބިޑް ބަލައި ނުގަންނާނެ ކަމަށް ބުނެފައެވެ. ކޯޗު ބްރެންޑަން ރޯޖާސް ބުނީ މެޑިސަން ނުވިއްކާނެ ކަމަށެވެ.

ނަމަވެސް ނިއުކާސަލްއިން ވަނީ އިއްޔެ އަނެއްކާވެސް އިތުރު ބިޑެއްކޮށްފައެވެ. އިތުބާރު ނޫސްތަކުން ބުނެފައި ވަނީ މެޑިސަން ހޯދަން މިފަހަރު ނިއުކާސަލްއިން ކުރީ 40 މިލިއަން ޕައުންޑަށްވުރެ މަތި، 50 މިލިއަން ޕައުންޑަށްވުރެ ދަށް އަގެކެވެ.

މެޑިސަން މިވަގުތު ލެސްޓާ ސިޓީގައި ހުރި އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބަ އޮތެވެ. މެޑިސަން ލެސްޓާއަށް 2018 ވަނަ އަހަރު ދިޔައީ 20 މިލިއަން ޕައުންޑުގެ ޓްރާންސްފާއެއްގައެވެ. އޭގެ ކުރިން މެޑިސަން ކުޅުނީ ނޯވިޗް ސިޓީއަށެވެ.