އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗުގައި ރޭ ކްލަބް އީގަލްސްވެސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ލީގުގެ އައްޑަނަ އުފުލާލައިފިއެވެ.
ރޭގެ މެޗުގެ ކުރިން، ލީގުގައި ބާކީ ތިން މެޗު އޮއްވައި މާޒިޔާއިން ޗެމްޕިއަންކަން ޔަގީންކޮށްފައި އޮތްއިރު، ރޭގެ މެޗުގައި އީގަލްސް ބަލިކުރީ 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ރޭ މާޒިޔާއިން ޝީލްޑް އުފުލާލި އިރު، އެއީ ޖެހިޖެހިގެން އެ ކްލަބުން ރާއްޖޭގެ ލީގު ނެގި ތިން ވަނަ ފަހަރެވެ. ރޭގެ މެޗުގެ ޝަރަފުވެރި މެހެމާނަކީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީއެވެ.
ރޭ ކުޅެފައި ވަނީ ލީގުގެ އެންމެ ފަހު މެޗެވެ. މާޒިޔާއިން ލީގު ނިންމާލީ 21 މެޗުން، ޖުމުލަ 60 ޕޮއިންޓާއެކުއެވެ. ލީގުގައި މާޒިޔާ ބަލިވީ ކްލަބް އީގަލްސް އަތުން އެކަންޏެވެ. އެ ޓީމު ވަނީ 20 މެޗުން މޮޅުވެފައެވެ. މާޒިޔާ ވަނީ 21 މެޗުގައި ޖުމުލަ 80 ލަނޑު ޖަހައިފައެވެ. އެ ޓީމު ކޮޅަށްވަނީ ފަސް ލަނޑެވެ.
އީގަލްސް އިން ލީގު ނިންމާލީ 21 މެޗުން ލިބުނު 46 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮވެގެންނެވެ. މި މެޗުގެ ކުރިންވެސް އީގަލްސް އަށް އޮތީ ތާވަލުގެ ދެ ވަނަ ކަށަވަރުވެފައެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ވެލެންސިއާ އިން ޔޫވީ ބަލިކޮށް ލީގުގެ ތިންވަނަ ޔަގީންކުރި އިރު، ދެން ގަދަ ހަތަރެއްގައި ލީގު ނިންމާލީ ކްލަބު ގްރީން ސްޓްރީޓްސްއެވެ.
ގައުމީ ދަނޑުގައި ރޭ މާޒިޔާއިން ކުޅުނު މެޗުގެ ގޯލުތައް ޖަހައިދިނީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ނާއިޒް ހަސަން (ދާދު)، ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)ގެ އިތުރުން ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މެޗުގައި އަސައްކޮއާއި ހަމްޕު ވަނީ ދެ ގޯލު ޖަހައިފަައެވެ.
މިފަހަރު ލީގުގެ އެންމެ މޮޅު ގޯލްކީޕަރަށް ހޮވުނީ މާޒިޔާއަށް ކުޅޭ ނޭޕާލްގެ ގޯލްކީޕަރު ކިރަން ކުމާރު ލިމްބޫއެވެ. ލީގުގެ ފެއާ ޕްލޭ ޓީމަކީ ޔުނައިޓަޑް ވިކްޓަރީއެވެ.
ލީގަށް ފަހު، ފުރަތަމަ ޑިވިޝަންގެ ކްލަބުތައް ދެން ނުކުންނާނީ މި މަހު ފަށާ އެފްއޭ ކަޕަށެވެ.