އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކީ އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެ ކޯލިޝަންގެ ޖޮއިންޓް ސެނެޓުން ނިންމައިފިއެވެ.

އެގޮތަށް ނިންމާފައިވަނީ މިރޭ ބޭއްވި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޖޮއިންޓް ސެނެޓް ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޔާމީން ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޝައުގުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައިފިއެވެ. ޔާމީނަށް ޓިކެޓް ދޭން ފާސްކުރީ މިރޭ ބޭއްވި ސެނެޓް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވީ، ރިޔާސީ ޓިކެޓް ޔާމީނަށް ދިނުމަށް ނިންމުމުން، އެމަނިކުފާނު އެކަން ގަބޫލުފުކުރައްވާފައިވާ ކަމަށެވެ.

"އަދި ރައީސް ޔާމީން އެކަން ގަބޫލުކުރައްވައިފި. މަރުހަބާ! ރައީސް ޔާމީން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމް ކޯލިޝަންގެ ފަރާތުން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށް 2019 ވަނަ އަހަރު ވަނީ ނިންމައިފައެވެ. އެގޮތަށް އެއިރުގެ ކައުންސިލުން ނިންމާފައިވަނީ އެމަނިކުފާނު ޖަލަށް ލުމާ ގުޅިގެންނެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ރިޔާސީ ޓިކެޓު ދޭނީ ޕްރައިމަރީއަކުންތޯ ނުވަތަ ނޫންތޯ ނިންމުމުގެ ބާރު ޕާޓީގެ ސެނެޓަށް ލިބިގެންވެއެވެ.

ޔާމީނަށް ރިޔާސީ ޓިކެޓް ދެއްވިއިރު، އެމަނިކުފާނުގެ މައްޗަށް ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑަރިންގެ ދެ ދައުވާއެއް ކޮށްފައެވެ. އެ މައްސަލަތަކުގެ ޝަރީއަތްތައް ވެސް ވަނީ ފަށައިފައެވެ.