ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ އިންޑިއާއަށް ފައްޓަވާ ރަސްމީ ދަތުރުފުޅުގައި، ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
ރައީސް ސޯލިހު އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި ސަރުކާރުގެ އިސްވެރިންނާއި ދިވެހި ވިޔަފާރިވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއީ އެ ގައުމުގެ ބައެއް މިނިސްޓަރުންނާ އިންޑިއާގެ އިންވެސްޓަރުންނާ ރައީސް ސޯލިހު ބައްދަލުކުރައްވައި، ރާއްޖޭގައި އިންވެސްޓުކުރުމަށް ހުރި ފުރުސަތުތަކާއި ވިޔާފާރީގެ ގޮތުން އިންޑިއާއެކު އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އިންޑިއާގެ ވިއޮން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ސޯލިހު ދަތުރުފުޅުގެ ތެރެއިން ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފެށުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާނެއެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ދީފައެއް ނުވެއެވެ.
"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅާ ބުރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ތައްޔާރުކުރަންޖެހޭ ޑީޓެއިލް ޑިޒައިނަށް ބޭނުންވާ އެންމެ މުހިންމު ސާވޭގެ ތެރޭގައި ހިމެނޭ "ޖިއޯޓެކްނިކަލް ސާވޭ" މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ފަށައިފައެވެ. މި ބްރިޖުގެ ފައުންޑޭޝަން މަސައްކަތް މިއަހަރު މެދުތެރޭގައި ފަށަން ހަމަޖެހިފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް އިން ކުރިން ވަނީ ބުނެފައެވެ.
ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.
މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަަމަޖެހޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު