ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ފުލުހުންގެ މުއައްސަސާ ބޭނުންކުރީ މީހުން ފްރޭމްކުރަން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ތިމަރަފުށީގެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް ގޮވާލައި ރޭ ޕީޕީއެމް/ޕީއެންސީ ކުރިއަށް ގެންދިޔަ "މިނިވަންކުރޭ" އެއްވުން ފުލުހުންގެ ބާރުގެ ބޭނުން ކޮށްގެން ރޫޅާލާފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އެ އެއްވުމުގައި ބައިވެރިވި ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބާރުގެ ބޭނުންކުރި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޔާމީން އަންނަ ދައުރުގައި ރައީސްކަމަށް ވަޑައިގެން ފުލުހުންގެ މުއައްސަސާއަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށެވެ.
"މިއަދު މިފެންނަނީ ދިވެހި ފުލުހުން ލައްވައި ރައްޔިތުންނާ ދޭތެރޭ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ މަންޒަރު،" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއުގެ ވާހަކަތަކަށް ރައްދުދެއްވައި ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ފުލުހުން ބޭނުންކުރީ ގާނޫނީ އިމުން މީހުން ހިފައި ފްރޭމްކުރަން ކަމަށެވެ.
ރިޔާޒު ވިދާޅުވީ، ދެވަނަ ދައުރަކަށް ޔާމީން އިންތިހާބުވެވަޑައިގެންފިނަމަ މިދިޔަ ދައުރައްވުރެ އަނިޔާވެރިކަން އިތުރުވާނެ ކަމަށެވެ.
"ރައީސް ޔާމިނުގެ ވެރިކަމުގަ ފުލުހުންގެ ހިދުމަތް ބޭނުންކުރައްވާފަވަނީ މީހުން ފުރޭމް ކުރުމަށާއި ގާނޫނީ އިމުން ބޭރުން މީހުން ހިފާހައްޔަރުކުރުމުގަ. މުޅި މުއައްސަސާ އޮތީ ބޮއްސުންލާފަ. އިސްލާހުކުރުމަށް ކޮށްދެއްވި ކަމެއްނެތް. ދެ ވަނަ ދައުރެއް ޔާމީނަށްދީފިނަމަ އަނިޔާވެރިކަން އިތުރުވާނެ." ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ، މަޖިލީހުގެ ދެވަނަ ދައުރަކަށް ރައްޔިތުން އޭނާ އިންތިހާބުކޮށްދީފައި ވަނީ ޕޮލިސް ކޮމިޝަނަރަކަށްހުރެ ކުރި މަސައްކަތް ރައްޔިތުން ބަލައިގަތުމުން ކަމަށެވެ.