ޚަބަރު

ރައީސް ސޯލިހުގެ ސަރުކާރުން ނާޒިމް ހައްޔަރުކުރީ ސިޔާސީ މަގުސަދެއްގައި: ނަޝީދު

މުހައްމަދު އިޝާން

1

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފިއެވެ.

ބަންގަދޭޝަންގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމް ގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމްގެ ތަހުގީގަށް ހާޒިރުކޮށް ފުލުހުން ވަނީ ބަޔާން ނަގައިފައެވެ. އަދި ވަނީ ނާޒިމްގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފައެވެ.

މިއަދު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެ އަލަމް ގީރާއެކު ޖިންސީ ގުޅުން ހިންގިކަން ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރަން ފަށައިފައެވެ.

ނަޒީމް ހައްޔަރުކުރިކަން ކަށަވަރުކޮށްދެއްވައި ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރުން އެމަނިކުނާފުގެ ކޮއްކޯފުޅު އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ނާޒިމް ހައްޔަރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ސިޔާސީ ބޭނުމެއްގައި، ސަރުކާރު ކޯލިޝަންގެ ތެރޭގައި ތިބި ހަރުކަށި ފިކުރުގެ މީހުން ރުއްސަން ކަމަށެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަޅުގަނޑު ކޮއްކޮ އެއް ޖިންސިން ޖިންސީ ގުޅުން ހިންގިކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފި. ހައްޔަރު ކުރީ ޖިނާއީ އިޖުރާއަތްތަކާ ދެކޮޅަށް، ސިޔާސީ ގޮތުން ކޯލިޝަންގައި ތިބި ހަރުކަށި ފިކުރުގެ މީހުން ހިތްހަމަޖައްސައިދިނުމަށް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ މީގެ ކުރިން ވެސް ނާޒިމް ދިފާއުކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ މަޖިލީހުން ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ނާޒިމް ޖިންސީ ގުޅުން ހިންގާކަމަށް ބެލެވޭ ވީޑިއޯ ގުޅޭގޮތުން މީހަކު ކުރި ސުވާލެއްގައި ބުނެފައިވަނީ، ނާޒިމްއަށް ލިބެންޖެހޭ އަދަބު ލިބުނަ ނުދީ ދިފާއުކުރައްވަން ނަޝީދު މަސައްކަތްކުރައްވާ ކަމަށެވެ.

އެ ސުވާލާ ގުޅިގެން ނަޝީދު ވިދާޅުވެފައިވަނީ، ކަމެއް ހިނގުމުން އެކަމެއްގެ ދެކޮޅު ނުބަލައި އެކަމަކާ ގުޅިގެން ބަސް ބުނެ އަދަބު ދޭން އުޅުމަކީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފުކަމެއް ކަމަށެވެ.

އަލަމް ގީރާއެކު ޖިންސީ ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރަން ކޯޓު އަމުރުތައް ނެރުނުކަން އެނގުމާއެކު ނާޒިމް ވަނީ އއ. އަތޮޅުގައި އޮންނަ މާޔާފުށި ކިޔާ ރިސޯޓް ގޮސްފައެވެ. އެ ރިސޯޓަކީ ނާޒިމްގެ ބޮޑުބޭބެ އަބްދުލް ޖަލީލްގެ ރިސޯޓެކެވެ.

ފުލުހުން ނާޒިމް ހައްޔަރުކުރީ އެ ރިސޯޓުގައި ހުއްޓައެވެ.

އަލަމް ގީރާއެކު އެއް ޖިންސުން ގުޅުން ހިންގި ތިން މީހެއްގެ ވީޑިއޯ މިހާތަނަށް ވަނީ ލީކުކޮށްލައިފައެވެ. އޭގައި ފެންނަނީ ނަޝީދުގެ ކޮއްކޮ ނާޒިމް ކަމަށް ބުނާ މީހަކާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ފުލުހެކެވެ.

އެ ތިން މީހުންވެސް ފުލުހުން ވަނީ މިއަދު ހައްޔަރުކޮށްފައެވެ.