ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންނަ ހޯމަ ދުވަހު އިންޑިއާއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ އެ ދަތުރުފުޅަކީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އެ ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ރާއްޖޭގެ ތަރައްގީގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ މަތީ ފަންތީގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އިންޑިއާއަށް ކުރައްވާ އެ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސްގެ އެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއީ އެގައުމުގެ ބައެއް މިނިސްޓަރުންނާ ބައްދަލުކުރައްވާނެއެވެ. އަދި އިންޑިއާގެ އިންވެސްޓަރުންނާ ވެސް ރައީސް ސޯލިހު ބައްދަލުކުރައްވާނެއެވެ. އެ ބައްދަލުވުންތަކުގައި ރާއްޖޭގައި އިންވެސްޓުކުރުމަށް ހުރި ފުރުސަތުތަކާއި ވިޔާފާރީގެ ގޮތުން އިންޑިއާއެކު އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާނެއެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ރަނގަޅުވެ، ރާއްޖެއަށް އިންޑިއާއިން ދެމުންގެންދާ އެހީތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެގޮތުން އިންޑިއާއިން ވަނީ 1.4 ބިލިއަން ޑޮލަރުގެ ލޯނު ރާއްޖެއަށް ދިނުމަށް ނިންމައިފައެވެ. އަދި ހިލޭ އެހީގެ ގޮތުގައި 260 މިލިއަން ރުފިޔާ ދީފައިވާއިރު، ރާއްޖޭގެ އެކި ރަށްރަށުގައި އިންޑިއާއިން ދަނީ މަޝްރޫއުތައް ހިންގަމުންނެވެ.

މީގެ އިތުރުން ތިލަމާލެ ބުރިޖުގެ މަސައްކަތަށް 400 މިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާއިން ދީފައިވާއިރު، 1،000 ސްކޯލާޝިޕް ވެސް އިންޑިއާއިން ވަނީ ރާއްޖެއަށް ދީފައެވެ.