މާލޭ ސަރަހައްދުން ދޫކުރުމަށް ނިންމާފައިވާ ގޯއްޗާއި ފުލެޓަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކަށް ސިޓީ ކައުންސިލުންވެސް އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ސަރުކާރުން ހުޅުވާލާފައިވާ "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ޕޯޓަލް މެދުވެރިކޮށް ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ފޯމު ފުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ. ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 2:00 އަށް އަދި ރޭގަނޑު 8:00 އިން ރޭގަނޑު 10:00 އާ ހަމައަށް ފޯމު ފުރުމުގައި އެހީތެރިކަން ލިބޭނެއެވެ.
އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީވުމަށް މޭޒުތައް ބަހައްޓާފައި ހުންނާނީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައި (ތައިސޭކޮށި) އަދި ކައުންސިލްގެ މާފަންނު އޮފީހުގައި ކަމަށް އިއުލާނުގައިވެއެވެ.
ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ސެޕްޓެމްބަރު 26ގެ ނިޔަލަށް އޮންނާނެ ކަމަށާއި އެންމެ ފަހު ވަގުތާ ހަމައަށް ވެސް ފޯމު ފުރުމާއި ހުށަހެޅުމުގައި އެހީތެރިވާނެ ކަމަށް ކައުންސިލްގެ އިއުލާނުގައިވެއެވެ.
ކައުންސިލުން ފޯމު ފުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން ނިންމިއިރު، އެމްޑީޕީން ވެސް ވަނީ ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް އާންމުންނަށް ޝެޝަންތަކެއް ބާއްވަން ފަށައިފައެވެ. އެ ސެޝަންތައް ކުރިއަށް ގެންދަނީ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައެވެ.
ސަރުކާރުގެ ހިންގާ ހައުސިން މަޝްރޫއުތައް ކުރިމަތިލުމަށް ތައްޔާރުކޮށްފައިވާ ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް މިހާތަނަށް 3،000 އަށްވުރެ ގިނަ މީހުން ފުލެޓަށް ކުރިމަތިލައިފައެވެ.
މާލޭގެ ރައްޔިތުންނަށް ދޫކުރަން ނިންމާފައިވާ 5000 ގޯތީގެ ތެރެއިން 3000 ގޯއްޗަށާއި 4000 ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހު ވަނީ ހުޅުވާލައިފައެވެ. އެ ފުރުސަތު ހުޅުވާލީ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުންނެވެ.
"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ، ގޯތި ދޫކުރަން ނިންމާފައިވާ އެންމެ ކުޑަ ސައިޒަކީ 1،250 އަކަފޫޓް ކަމަށެވެ.
ނަމަވެސް ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުވާނެ ކަމަށާއި އެގޮތުން އެންމެ ގިނަވެގެން ކުރިމަތިލެވޭނީ ހަތް މީހުންނަށް ކަމަށާއި އެއަށްވުރެ ގިނަ މީހުން ކުރިމަތިލިޔަސް ލިބޭނީ 4،000 އަކަފޫޓުގެ ގޯއްޗެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު