ކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯ އެންމެފަހުން މެންޗެސްޓާއަށް!

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް މީޑިއާގައި ފެތުރެމުންދަނިކޮށް، އޭނާ އެނބުރި މެންޗެސްޓާއަށް ދިޔަ ކަމަށް ނޫސްތަކުން ބުނެފިއެވެ.

ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން މަސައްކަތްތަކެއް ކުރަމުންދާކަން އޭނާގެ އެޖެންޓް ޖޯޖު މެންޑޭޒްގެ ފަރާތުން ވަނީ އެނގިފައެވެ. މެންޑޭޒް ވަނީ ރޮނާލްޑޯ، ބޮޑެތި ގިނަ ކްލަބުތަކަށް ހުށަހަޅާފައިވެސް މެއެވެ. ބެލެވޭ ގޮތުގައި ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން އެންމެ ބޮޑަށް ބޭނުންވާ އެއް ސަބަބަކީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ ކުޅެން ބޭނުންވުމެވެ. ޔުނައިޓެޑަށް ޔޫރަޕްގެ މުބާރާތަކަށް އަންނަ ސީޒަނުގައި ކުޅެވޭނީ ޔޫރޮޕާ ލީގެވެ. ޔޫރަޕުގައި ވިދާލި ފަހުން މިހާތަނަށް އެއްވެސް ސީޒަނެއްގައި ރޮނާލްޑޯ ޗެމްޕިއަންސް ލީގު ނުކުޅެ ދޫކޮށްލާފައެއް ނުވެއެވެ.

ރޮނާލްޑޯ ގެންދަން އަދި އެއްވެސް ކްލަބަކުން ރަސްމީކޮށް މަސައްކަތް ކޮށްފައި ނުވި ނަމަވެސް، ރޮނާލްޑޯ މިދިޔަ ދެ ހަފުތާގައިވެސް ޔުނައިޓެޑްގެ ތަމްރީނުތަކަށް ނުކުމެފައެއް ނުވެއެވެ. އަދި އޭނާ ޔުނައިޓެޑްގެ ޕްރި ސީޒަން ޓުއާގައިވެސް ބައިވެރިވެފައެއް ނުވެއެވެ.

ޓްރާންސްފާއަކަށް މަސައްކަތް ކުރަމުންދާ ރޮނާލްޑޯ އަނބުރާ ޔުނައިޓެޑަށް ނުދާނެ ކަމަށް ބެލެވުނު ނަމަވެސް، ޓެލެގްރާފުން މިއަދު ރިޕޯޓު ކޮށްފައި ވަނީ ކުރިމަގާމެދު ވާހަކަތައް ފެށުމަށް ރޮނާލްޑޯ އެނބުރި މެންޗެސްޓާއަށް ގޮސްފައިވާ ކަމަށެވެ. އިތުބާރު ނޫސްތަކުން ބުނެފައި ވަނީ ރޮނާލްޑޯ މިވަގުތު ބޭނުން ވަނީ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގާ މަޝްވަރާ ކުރަން ކަމަށާއި ޓެން ހާގު ރޮނާލްޑޯ މަޑުކުރުވަން ބޭނުންވާ ކަމަށެވެ.

ޓެން ހާގު ކުރިންވެސް ބުނެފައި ވަނީ ރޮނާލްޑޯއަކީ ކްލަބުން ވިއްކާލަން ބޭނުންވާ ކުޅުންތެރިއެއް ނޫން ކަމަށެވެ. އަދި އޭނާގެ ސްޓައިލަށް ރޮނާލްޑޯ ފިޓްވާނެ ގޮތެއް ހޯދުމަށްވެސް ޓެން ހާގު ބޭނުންވާ ކަމަށް އޭނާ ބުނެފައިވެއެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ރޮނާލްޑޯ ނިންމާލި އިރު، އުމުރުން 37 އަހަރުގައި އޭނާ ވަނީ 18 ގޯލު ޖަހައިފައެވެ. ގޯލު ޖެހުމުގައި ރޮނާލްޑޯ މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް މުހިއްމު ރޯލެއް ކުޅުނު ނަމަވެސް ގިނަ ކްލަބުތަކަށް އުނދަގޫ ވަނީ ބޮޑު މުސާރައިގައި ގެންދިއުމަށެވެ. އެއީ ރޮނާލްޑޯގެ އުމުރަށްވެސް ބަލައިފައެވެ.