އިންޑިއާގެ ބުބަނޭޝްވަރުގައި މިއަދު ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ޒުވާން ގައުމީ ޓީމުގެ ފުރަތަމަ މެޗަށް މިއަދު ނޭޕާލާ ދެކޮޅަށް ނުކުންނާނެއެވެ.
ޓީމު މީގެ ތިން ދުވަސް ކުރިން އިންޑިއާއަށް ގޮސްފައިވާ އިރު، ކޯޗަކީ އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުޅޭނީ ފަސް ގައުމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލް ކުޅޭ ފޯމެޓަކަށެވެ. މިފަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާގެ އިތުރުން ދެން ވާދަކުރަނީ، ބަންގްލަދޭޝް އާއި ސްރީ ލަންކާ އަދި ނޭޕާލްއެވެ.
އިއްޔެގެ ޕްރި މެޗް ޕްރެސްގައި ކޯޗު ޝާކިއްޓެ ވަނީ މުބާރާތް ބާއްވަން އިންޑިއާއިން ވެފައިވާ ތައްޔާރީތައް ފާހަގަކޮށްފައެވެ. އޭގެ އިތުރުން ޝާކިއްޓެ ބުނީ ޓީމާ މެދު އުންމީދު ބޮޑު ކަމަށެވެ.
"މުބާރާތަށް ވަރަށް ބޮޑަށް އުންމީދު އެބަ އޮތް. އަހަރެމެން ޓީމުގައި އެބަ ތިބި އެންމެފަހުން ނެގި ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނުނު ތިން ކުޅުންތެރިންވެސް. އެހެންވީމަ އެއީ އުންމީދެއް ވަރަށް ބޮޑު،" ޝާކިއްޓެ އިއްޔެ އިންޑިއާގައި ދިން ޕްރި މެޗު ޕްރެސްގައި ބުންޏެވެ.
ޒުވާން ގައުމީ ޓީމުގައި ތިބީ ކްލަބްތަކުގެ ސީނިއާ ލެވަލްގައިވެސް ކުޅޭ ކުުޅުންތެރިން ކަމަށާއި ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ކުޅޭ ދުވަސްތަކުގެ ތެރޭގައި ގައުމީ ޓީމުގެ ޕްރެކްޓިހަށްވެސް އެ ކުޅުންތެރިން ރިލީސްކޮށްދިނުމަކީ ޒުވާން ގައުމީ ޓީމުގެ ތައްޔާރީއަށް ފަސޭހަވި ސަބަބެއް ކަމަށް ޝާކިއްޓެ ފާހަގަކުރިއެވެ. ރާއްޖެއިން ފައިނަލަށް އަމާޒު ހިފާފައިވާ އިރު، ޝާކިއްޓެ ބުނީ އެންމެ ވަރުގަދަކޮށް ފެންނަ ޓީމެއް ކަމަށް ބެލެވެނީ އިންޑިއާ ކަމަށެވެ.
"އިންޑިއާ ވަރުގަދަވާނެ ކަމަށް ބެލެވެނީ. އެއީ މިދިޔަ ދެތިން އަހަރެއްހާ ދުވަހުވެސް އެކުއެކީގައި އޮތް ޓީމެއް އެއީ. އެތަންކޮޅު އޮންނާނެ. އެހެންނަމަވެސް އެއްވެސް މެޗެއް ފަސޭހަ ނުކުރާނެ،" ޝާކިއްޓެ ބުންޏެވެ.
ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭގެ ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ ކްލަބް އީގަލްސްގެ ޑިފެންޑަރު ހުމެއިދު ހުސެއިންއެވެ. ވައިސް ކެޕްޓަނުންނަކީ ޓީސީގެ އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ގޯލުކީޕަރު ޔޫސުފް މީސަމް އަބްދުﷲ އެވެ.
ރާއްޖެއިން ނޭޕާލާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑީން މިއަދު ހަވީރު 3:30 ގައެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު