ސްޓެލްކޯގެ މުވައްޒަފުންނަށް ވިލިމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން އިއުލާނުކުރުމުން، ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ތާޖުއްދީން ސްކޫލު ހޯލުގައި ސްޓެލްކޯގެ މުވައްޒަފުންނަށް ރޭ ބޭއްވި ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޯޑުގެ ހުއްދަ ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
"މިފަހަރު ހައުސިން އަޅުގަނޑުމެން އަމާޒުކުރާނީ ވިލިނގިއްޔަށް. ވިލިނގިލީގައި ހައުސިން ޕްރޮޖެކްޓެއް ފެއްޓޭތޯ މަސައްކަތް ކުރަމުން މިދަނީ. ހަމަ އަޅުގަނޑުމެންގެ ސްޓާފުންނަށް," ޝަރީފު ވިދާޅުވިއެވެ.
އެ މަޝްރޫއުގެ އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ. ނަމަވެސް އެ ބައްދަލުވުމުގައި ޝަރީފު ވަނީ, ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްޓެލްކޯގެ މުވައްޒަފުންނަށް ހެދި ފްލެޓްތަކަށް ވަދެވޭނެ ތާރީހާއި މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދު އިއުލާންކުރައްވައިފައެވެ. އެގޮތުން އެ ފްލެޓްތަކުގައި އަންނަ އޮގަސްޓް މަހުގެ ހަވަނަ ދުވަހުން ފެށިގެން ދިރިއުޅެވޭނެ ކަމަށް ޝަރީފު ވިދާޅުވެފައިވެއެވެ.
އެކަމާ ގުޅިގެން މިއަދު އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވިލިމާލެއަކީ ބޯހިޔާވަހިކަމުގެ މައްސަލަ ދިމާވެފައިވާ ބިން ކުޑަ ރަށެއް ކަމަށެވެ. އަދި ވިލިމާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދައި ނުދީ ސަރުކާރު ކުންފުނިތައް އެފަދަ މަޝްރޫއުތައް ހިންގިގެން ނުވާނެ ކަމަށެވެ.
"ވިލިމާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައި ނުދީ ސަރުކާރު ކުންފުނިތަކުގެ މިފަދަ މަޝްރޫއުތަކަށް ވިލިމާލޭގެ ބިންދިނުމަށް ވިލިމާލޭގެ ރައްޔިތުން ތާއީދުނުކުރާނެ،" އުޝާމް ވިދާޅުވިއެވެ.
ވިލިމާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަކީ، މާލޭ ސިޓީ ކައުންސިލްގެ ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވާ 500 ހައުސިން ޔުނިޓްގެ މަޝްރޫއު ކަމަށެވެ.
އެ މަސައްކަތް ސްޓެލްކޯއަށްއާ ހަވާލުކުރަން ކައުންސިލްގެ ފަރާތުން އަދި ވިލިމާލޭ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން ނަހުލާ އަލީ ވަނީ އެކި ފަހަރުމަތިން ޝަރީފުއާ ބައްދަލުކުރައްވައިފައެވެ. އަދި މިހާ އެ މަޝްރޫއު މިހާރު އޮތީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާގައެވެ.