ވޮލީ ބޯލް

ރާއްޖެ އެޓޯލް ވޮލީބޯޅަ ޗެމްޕިއަންޝިޕް: ލ. އަތޮޅުގެ ޗެމްޕިއަންކަން ގޯޅިއާއި މާމެންދޫ ޔުނައިޓެޑަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް"ގެ ލ. އަތޮޅު އަންހެން ޑިވިޝަންގެ ޗެމްޕިއަން ލ. ގަމު ގޯޅި ސްޕޯޓްސް ކްލަބުން ހޯދި އިރު، ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ލ. މާމެންދޫގެ މާމެންދޫ ޔުނައިޓެޑުން ހޯދައިފިއެވެ.

ލ. އަތޮޅުގެ ވޮލީ މުބާރާތް ފޮނަދޫގައި ހޯސްޓް ކޮށްފައިވާ އިރު، އަންހެން އަދި ފިރިހެން ޑިވިޝަނުގައިވެސް ވާދަކޮށްފައި ވަނީ ކޮންމެ ޑިވިޝަނެއްގައިވެސް ހަތަރު ޓީމެވެ. މުބާރާތުގެ ދެ ޑިވިޝަނުގައިވެސް ފައިނަލަށް ޓީމުތައް ދަތުރުކޮށްފައި ވަނީ ލީގު ބުރެއް ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމު ފައިނަލަށް ދާ އުސޫލުންނެވެ.

އިއްޔެ ހަވީރު ކުޅުނު އަންހެން ޑިވިޝަންގެ ފޯރިގަދަ ފައިނަލުގައި ވާދަކުރީ ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބާއި ގޯޅި ސްޕޯޓްސް ކްލަބެވެ. މެޗު ގޯޅިން ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުންނެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ސެޓު މެދުއަވަށު ސްޕޯޓްސް ކްލަބުން 27-25 އިން ގެންގޮސް، ދެވަނަ ސެޓުވެސް އެޓީމުން ވަނީ 25-18 އިން ގެންގޮސްފައެވެ. ނަމަވެސް ދެން ދެ ސެޓު ގެންދިޔައީ ގޯޅިންނެވެ. ގޯޅިން ސެޓުތައް ގެންދިޔައީ 25-22 އަދި 26-24 އިންނެވެ.

މެޗުގެ ފަސްވަނަ ސެޓު 15-11 އިން ގޯޅިން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދި އިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ގޯޅީގެ އައިޝަތު މާޖިދާއެވެ.

އަންހެން ޑިވިޝަންގެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ގޯޅީގެ ފާތިމަތު މަޒިއްޔާއާއި މަރިޔަމް އަޒުމާ، މަރިޔަމް ޝިޒާނާގެ އިތުރުން މެދުއަވަށު ސްޕޯޓްސް ކްލަބުގެ ހައްވާ ރާޝިދާ، މަރިޔަމް އަޒީފާ އަދި މާމެންދޫ ޔުނައިޓެޑްގެ ހައްވާ ސަައުޝަންއެވެ. އެންމެ މޮޅު ލިބަރޯއަކީ މާމެންދޫ ޔުނައިޓެޑްގެ އައިމިނަތު ލިފްސާއެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔަކީ ގޯޅީގެ އަޒުމާއެވެ.

ލާމު އަތޮޅު މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް ރޭ ކުޅުނު އިރު، ފައިނަލް މާމެންދޫ ޔުނައިޓެޑުން ފޮނަދޫ ޒުވާނުންގެ ރޫހު ބަލިކުރީ 3-2 ސެޓުންނެވެ. ފައިނަލްގެ ފުރަތަމަ ސެޓު ފޮނަދޫ ޒުވާނުންގެ ރޫހުން ގެންދިޔައީ 25-23 އިންނެވެ. ނަމަވެސް މާމެންދޫ ޔުނައިޓެޑުން އަރައި ދެވަނަ ސެޓާއި ތިންވަނަ ސެޓު ގެންދިޔައެވެ. އެއީ 25-19 އަދި 25-16 އިންނެވެ.

މެޗުގެ ހަތަރު ވަނަ ސެޓު އަނެއްކާވެސް ގެންދިޔައީ ފޮނަދޫ ޒުވާނުންގެ ރޫހުންނެވެ. އެ ސެޓު ޒުވާނުންގެ ރޫހުން ގެންދިޔައީ 25-17 އިންނެވެ. މެޗުގެ ފަހު ސެޓު މާމެންދޫ 15-10 އިން ގެންގޮސް މެޗު ކާމިޔާބުކުރި އިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ މާމެންދޫ ޔުނައިޓެޑްގެ ހުސައިން ޔޫސުފެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ މާމެންދޫ ޔުނައިޓެޑްގެ ހުސައިން ޔޫސުފްގެ އިތުރުން އަހުމަދު ނާއިލާއި، މާއިދު މުހައްމަދު ހަލީލް އަދި ޒުވާނުންގެ ރޫހުގެ އަލީ މައުރޫފް، އަހުމަދު އަތީފާއި މުންޑޫ ޒުވާނުންގެ ޖަމިއްޔާގެ މުހައްމަދު ތަހުސީނެވެ. އެންމެ މޮޅު ލިބަރޯއަކީ ޒުވާނުންގެ ރޫހުގެ އަދުހަމް އިބްރާހީމެވެ.

ލ. އަތޮޅުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާ އިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ދީފައިވެއެވެ.

އަޓޯލް ވޮލީބޯޅަ ޗެމްޕިއަންޝިޕަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބާއްވާ ވޮލީގެ އެންމެ ބޮޑު މުބާރާތެވެ. ވީއޭއެމުން ނިންމާފައި އޮތީ އަތޮޅު މުބާރާތުގެ އަތޮޅު ބުރު، އަތޮޅު ކައުންސިލުތަކުން ހުޅުވާލައިގެން އިންތިޒާމު ކުރާ ގޮތަށެވެ. ވީއޭއެމާއި ޔޫތު މިނިސްޓްރީ އަދި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ އެހީތެރިކަމާއެކު 20 އަތޮޅުގައި 20 މުބާރާތް ބޭއްވުމުގެ ޓާގެޓެއް ވީއޭއެމްގެ އެބައޮތެވެ.

އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އަތޮޅު މުބާރާތްތައް ނިމުމުން ދެން އޮންނާނީ ހަތް ޒޯނެއްގެ މެދުގައި ކުޅެވޭ ޒޯން މުބާރާތްތަކެވެ. ޒޯން އެކެއްގައި އޮތީ ހއ، ހދ އަދި ށ އެވެ. ޒޯން ދޭއްގައި އޮތީ ނ، ޅ، ބ އަދި ރ އެވެ. ޒޯން ތިނެއްގައި އޮތީ ކ، ވ، އއ އަދި އދ އެވެ. ޒޯން ހަތަރެއްގައި އޮތީ މ، ފ އަދި ދ އެވެ. ޒޯން ފަހެއްގައި އޮތީ ތ އަދި ލ އެވެ. ޒޯން ހައެއްގައި އޮތީ ގއ އާއި ގދ އެވެ. އަދި ޒޯން ހަތެއްގައި އޮތީ އައްޑޫ އާއި ފުވައްމުލަކެވެ.

ޒޯން ޗެމްޕިއަނުންނަށް އެސޯސިއޭޝަން ކަޕްގެ ތެރެއިން ގައުމީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. އެއީ ހަތް ޒޯން ޗެމްޕިއަނުން އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރުގައި ކުޅެގެންނެވެ.