ޚަބަރު

ޝައްފާންގެ މަރު: ހަތަރު ގާތިލުންގެ އިސްތިއުނާފު ބަލައިގަންނަން އަންގައިފި

ށ. ފޭދޫ ހީނާމާގެ އުމުރުން 14 އަހަރުގެ އިސްމާއިލް ޝައްފާން ޝަރީފަށް ހަމަލާދީ މަރާލި މައްސަލައިގައި ޖަލަށްލި ހަތަރު ގާތިލުންގެ އިސްތިއުނާފު މައްސަލަ ބަލައިނުގަންނަން ހައި ކޯޓުން ނިންމި ނިންމުން ބަދަލުކޮށް އެ މައްސަލަ ބަލައިގަންނަން ސުޕްރީމް ކޯޓުން އަންގައިފިއެވެ.

އުމުރުން 14 އަހަރުގެ ޝައްފާން މަރާލީ ވަޅިން ހަމަލާދީ 2018 ވަނަ އަހަރުއެވެ.

ޝައްފާނަށް ވަޅިން ހަމަލާދީފައި ވަނީ އަމީރު އަހުމަދު ސްކޫލު ކައިރީ ހުންނަ އޮޓޯގަރާޖު ކުރިމަތިންނެވެ. އޭނާގެ ހަށިގަނޑުގެ 8 ތަނަކަށް ވަޅިން ހަމަލާދީފައިވެއެވެ. އޭނާއަކީ ޖަމާލުއްދީން ސްކޫލް، ގްރޭޑް ހަތެއްގައި ކިޔަވަމުން ދިޔަ ދަރިވަރެކެވެ.

ޝައްފާނު މަރާލިކަމުގެ ކުށް ސާބިތުވެ، އުމުރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނީ ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބު އާއި ސ. މަރަދޫ މޫންލައިޓް ގްލޯރީ ހަސަން ނަބާހު އާއި ސ. ހިތަދޫ، ޗަމަން، ހުސައިން ނިހާދު އަހުމަދުގެ އިތުރުން ކ. މާލެ، ޓޮމާޓޯފްލާވާ ހުސެއިން ޖައިލަމްގެ މައްޗަށެވެ. އެމީހުން ޖަލަށްލާން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

އެ މައްސަލައިގެ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވެފައިވާތީ، ގާތިލުންގެ ފަރާތުން ހައިކޯޓަށް ހުށަހެޅީ، އިސްތިއުނާފު ކުރުމުގެ ހުއްދައަކަށް އެދިއެވެ. އެމީހުންގެ ފަރާތުން އެގޮތަށް އެދިފައި ވަނީ، އިސްތިއުނާފު ލަސްވި ސަބަބެއްގެ ގޮތުގައި، ކުރިމިނަލް ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ދޫކުރުން ލަސްވުމުން ކަން ފާހަގަކޮށެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުން ބޭރު ކޮށްލިއެވެ.

އެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން އަންގާފައި ވަނީ، ދަށު ކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ލަހުން ދޫކޮށްފައި އޮތުމުން އިސްތިއުނާފަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ބުނެއެވެ.