ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސްމްބްލީ (ޔޫއެންޖީއޭ)ގެ ރައީސް، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔޫކްރެއިން ސަޕޯޓު ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ.
ޔޫކްރެއިންގެ ރައިގާގައި ހުންނަ ޔޫކްރޭނިއަން ސަޕޯޓް ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި ޝާހިދު ވަނީ، ރަޝިއާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވަމުންދާ ފަރާތްތަކަށް އެ ސެންޓަރުން ވަމުން އަންނަ އެހީތައް ފާހަގަކުރައްވައި ހިތްވަރު ދެއްވައިފައެވެ.
ޔޫކްރެއިން ސަޕޯޓު ސެންޓަރަކީ ހަނގުރާމައާ ގުޅިގެން ހާލުގައި ޖެހޭ މީހުންނަށް ބޭނުންވާ ޒަރޫރީ ތަކެއްޗާއި އެކި ކަހަލަ އެހީ ފޯރުކޮށްދިނުމުގެ އިތުރުން ހަނގުރާމައާ ގުޅިގެން މީހުން ހޭލުންތެރިކުރުވަން މަސައްކަތްކުރާ ސެންޓަރެކެވެ.
ރަޝިއާއިން ފެބްރުއަރީ 24 ވަނަ ދުވަހު ޔޫކްރެއިނަށް ހަމަލާދިނުމުގެ ސަބަބުން މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ރަޝިއާގެ ހަމަލާތަކުގެ ސަބަބުން ޔޫކްރެއިނުން ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ގިނައީ އާންމުންނެވެ.
ރަޝިއާއިން މިހާރު ވަނީ ޔޫކްރެއިންގެ އިރުމަތީން ބޮޑުބައެއް ހިފައިފައެވެ. އަދި ޔުކްރެއިންގެ ރައްޔިތުންނަށް ރަޝިއާގެ ރައްޔިތުކަން ދޭންވެސް ރަޝީއާއިން ވަނީ ފަށައިފައެވެ.