ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާގެ އާ ރައީސް ދްރޫފަދީ މުރްމޫ އަށް މަރުހަބާ ދަންނަވައިފިއެވެ.

ދްރޫފަދީ މުރްމޫއަށް މަރުހަބާ ދަންނަވައި ރައީސް ސޯލިހު ވިދާޅުވީ، އެކަމަނާގެ ގާބިލުކަމާއި ލިބިވަޑައިގެން ހުންނެވި ތަޖުރިބާގެ ބޭނުން އެންމެ ފުރިހަމައަށް ހިއްޕަވައިގެން އިންޑިއާ, އާ އުސްމިން ތަކަކަށް ގެންދަވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

އެކަމަނާގެ ލީޑާޝިޕުގެ ދަށުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ދްރޫފަދީ މުރްމޫ އިންޑިއާގެ ރައީސްގެ މަގާމަށް އިންތިހާބުކުރީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހާއި އެގައުމުގެ ސްޓޭޓުތަކުގެ ލެޖިސްލޭޓިވް އެސެމްބްލީ ތަކުގައި މިދިޔަ ހޯމަ ދުވަހު ނެގި ވޯޓުގެ 64.03 ޕަސެންޓް ހޯއްދަވައިގެންނެވެ.

ދްރޫފަދީ މުރްމޫ، 64، އަކީ އިންޑިއާގެ 15 ވަނަ ރައީސެވެ. އެކަމަނާ ރައީސްކަމުގެ ހުވާ ކުރައްވާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. ދްރޫފަދީ މުރްމޫ އަކީ އިންޑިއާގެ ރައީސްކަން ކުރައްވާ ދެވަނަ އަންހެން ބޭފުޅާއެވެ.

ދްރޫޕަދީ މުރްމޫ ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވީ 1997 ވަނަ އަހަރުއެވެ.