ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރާނަން: ސަރުކާރު

މުހައްމަދު އިޝާން

1

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ބުނެ، ނޫސްވެރިންގެ މަސްދަރު ހާމަ ކުރަން މަޖުބޫރުވާ ގޮތަށް އޮތް ހެއްކާ ބެހޭ ބިލު، ސަރުކާރުން ދިފާއުކޮށްފިއެވެ.

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރުވޭ ގޮތަށް އޮތް ހެއްކާ ބެހޭ ބިލު ރައްޔިތުން މަޖިލީހުން ފާސްކުރިގޮތަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ ބިލު ތަސްދީގުކުރައްވައިފައެވެ. އެކަމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ފާޑުކިޔުންތަކާ ގުޅިގެން މިރޭ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ނޫސްވެރިންނަށް ހިމާޔަތްދިނުމާއި ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އާއި 29 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބިދޭ ހައްގުތައް ސަރުކާރުން އަބަދުވެސް ރައްކާތެރިކޮށްދޭނެ ކަމަށެވެ.

"ނޫސްވެރިންނަށް ލިބިދޭ ހައްގުތައް ރައްކާތެރިކުރުމާއެކު، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަން. ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީ، މިނިވަން ނޫސްވެރިކަން ކުރިއެރުވުމަށް އެހިނދަކަށް ކުރަންޖެހޭ މަސައްކަތެއް ސަރުކާރުން އަބަދުވެސް ކުރަމުންގެންދާނެ ވާހަކަ ދެންނެވިން." ބަޔާނުގައި ބުންޏެވެ.

ސާޅިސް އަހަރަށްފަހު ފާސްކުރެވުނު ހެއްކާބެހޭ ގާނޫނު އެކުލަވައިލުމާއި ދިރާސާ ކުރުމުގެ މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަރަށް ގިނަ ފަރާތްތަކާއެކު ނުހަނު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދާފައިވާ ކަމަށެވެ. އެ ގާނޫނުގެ ދަށުން ނޫސްވެރިން މަސްދަރު ހާމަކުރަން ޖެހޭނީ ޓެރަރިޒަމްގެ ކުށްތައް ނުވަތަ ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކާ ގުޅޭ މައޫލޫމާތުތަކުގައި އެކަނި ކަމަށް ބަޔާނުގައި ބުންޏެވެ.

އެފަދަ މައުލޫމާތެއް ހިމެނޭ ހާލަތްތަކުގައިވެސް މަސްދަރު ހާމަކުރުމުގެ ހުއްދަ ކޯޓު އަމުރަކުން ދެވޭނީ، ހެއްކާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކާއި ސަބަބުތަކަށް ރިއާޔަތްކޮށް، މަދަނީ މިންގަނޑުން އެކަންކަން ސާބިތުވާނަމަ ކަމަށްވެސް ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނީ، ނޫސްވެރިޔަކު އޭނާއަށް ލިބުނު މައުލޫމާތުގެ މަސްދަރު ހާމަކުރަންޖެހޭ ފަދަ އަމުރެއް ނެރުމުގެ ކުރިން، އެ ހުރިހާ ނުކުތާތަކަށް ކޯޓުތަކުން ރިއާޔަތް ކުރުން ލާޒިމުވާނެ ކަމަށެވެ. އަދި މަސްދަރު ހާމަކުރުމަށް ކޯޓަކުން ކޮށްފައިވާ އަމުރު، އިސްތިއުނާފު ކުރުމުގެ ފުރުސަތު ނޫސްވެރިޔާއަށް ލިބިގެންވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ހެއްކާބެހޭ ބިލު ތަސްދީގު ކުރުމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހެއްކާ ބެހޭ ގާނޫނު ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ ނިންމައިފައެވެ.