ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
އެ ބިލަކީ މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
އެ ގާނޫނަކީ ދެމެހެއްޓެނިވި ގޮތެއްގައި ނޫން ގޮތަކަށް ކުރާ ބައިނަލްއަގްވާމީ ވިޔަފާރީގެ ސަބަބުން ނެތިދިޔުމުގެ ބިރުހީވެފައިވާ އަދި ނެތިދިޔުމުގެ ނުރައްކާ ކުރިމަތިވެފައިވާ އަދި އެކްސްޕްލޮއިޓް ކުރެވޭ ދިރޭ ތަކެއްޗާއި އެ އެއްޗެހީގެ ބައިތަކާއި އުފެއްދުންތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި އެ ތަކެތީގެ ވިޔަފާރިކުރުމާއި އެ ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމާބެހޭ އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ގާނޫނެކެވެ.
އެ ގާނޫނުގެ މަގުސަދަކީ ރާއްޖެއިން 2013 ވަނަ އަހަރު ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއް ކަމަށްވާ "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ" ގައުމީ ފެންވަރުގައި ތަންފީޒުކުރުމެވެ.
އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމުން ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންޖެހެއެވެ.
އެ ގާނޫނަށް އަމަލުކުރަން ފަށާނީ ތިން މަސް ދުވަހުން ފަހުންނެވެ.