Close
ޚަބަރު

ވިނަރެސް ފުލެޓް ގަތުމަށް ފޯމު ހުށަހަޅަން ހުޅުވާލައިފި

މުހައްމަދު އިޝާން

ހުޅުމާލޭ ފޭސް ދޭއްގައި އިމާރަތްކޮށްފައިވާ ވިނަރެސް ފުލެޓްތައް ގަތުމަށް ފޯމް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ، ވިނަރެސް ހައުސިން މަޝްރޫއިން އެޕާޓްމެންޓްތައް ގަތުމަށް އެދި އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އޮންލައިން ޕޯޓަލްއަށް ލޮގިން ކުރެވޭނީ އީ-ފާސް މެދުވެރިކޮށް ކަމަށާއި މަޝްރޫއުގެ ދަށުން އެޕާޓްމެންޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ޕޮއިންޓް ދޭނެ އުސޫލުތަކާއި އޭގެ ތަފްސީލު އަދި ވިނަރެސް މަޝްރޫއުއާ ގުޅޭ އިތުރު މައުލޫމާތު https://hdc.com.mv/announcements/vinares2/ ލިބެން ހުންނާނެ ކަމަށްވެސް ބުންޏެވެ.

ވިނަރެސް ފުލެޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ސެފްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ 12:00 ޖެހުމުގެ ކުރިން ފޯމް ހުށަހެޅުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

ވިނަރެސް ފުލެޓަކީ މެދުފަންތީގެ މީހުންނަށް ހާއްސަކޮށްގެން އެޗްޑީސީން އަޅާފައިވާ ފުލެޓުތަކެވެ.

ކުރީ ސަރުކާރުން އަޅަން ފެށި ވިނަރެސް ފުލެޓުގެ ތިން ކޮޓަރީގެ 1،344 އެޕާޓްމެންޓުގެ ތެރެއިން ގާތްގަނޑަކަށް 1،000 ފްލެޓް ހުޅުވާލަނީ މާލޭގެ ރަށްވެހިންނަށެވެ. ދެން ގުޅިފަޅާއި ސީ ލައިފުން ފުލެޓު ގަތް މީހުންނަށާއި ހިޔާ ފުލެޓު ދޫކޮށްލި މީހުންނަށް ވެސް ވިނަރެސް އިން ފްލެޓް ދޭނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ވެސް 100 ފުލެޓް ހާއްސަކޮށްފައިވެއެވެ.

އެޗްޑީސީން ވަނީ 800-900 އަކަފޫޓު ބޮޑުމިނުގެ ވިނަރެސް ފުލެޓުތައް ތަފާތު ދެ ގޮތަކަށް ގަތުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން ފުރަތަމަ ގޮތަކީ ފުލެޓުގެ އަގުގެ 15 ޕަސެންޓް ޑައުންޕޭމެންޓުގެ ގޮތުގައި ދައްކައިގެން 20 އަހަރުގެ ތެރޭގައި ތަނުގެ އަގު އަދާކުރުމެވެ. އަދި ދެވަނަ ގޮތަކީ 20 ޕަސެންޓް ދައްކައިގެން އެޕާޓްމެންޓުގެ ކުލި 25 އަހަރަށް ބަހާލައިގެން ދެއްކުމެވެ.

އެޗްޑީސީން ބުނެފައިވަނީ 20 އަހަރަށް ކުލި ބަހާލުމުން ކޮންމެ އެޕާޓްމެންޓަކަށް ވެސް މަހަކު 19،000 ރުފިޔާ އާއި 23،000 ރުފިޔާއާ ދެމެދުގެ އަގެއް ދައްކަން ޖެހޭނެ ކަމަށެވެ. އެގޮތަށް ކުލި ބަހައިލުމުން ފުލެޓުގެ ޖުމުލަ އަގު 4.9 މިލިއަން ރުފިޔާ ނުވަތަ 6 މިލިއަން ރުފިޔާއަށް ބޮޑުވާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ޑައުންޕޭމެންޓުގެ ގޮތުގައި 20 ޕަސެންޓް ދައްކައިގެން، 25 އަހަރަށް ބަހާލައިގެން ދެއްކުމުން އެވްރެޖުކޮށް މަހަކު 16،700 ރުފިޔާ އާއި 20،500 ރުފިޔާއާ ދެމެދުގެ އަގެއް ފުލެޓަށް ދައްކަން ޖެހޭނެ ކަމަށާއި އޭރުން ފުލެޓުގެ ޖުމުލަ އަގު 5.5 މިލިއަން ރުފިޔާ އާއި 7.3 މިލިއަން ރުފިޔާއާ ދެމެދުގެ އަގަކަށް ބޮޑުވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.