ދީނީ އިލްމުވެރިއަކަށް އަނިޔާ ނުކުރާނެ ކަމަށާއި މޯލްޑިވްސް ކަރެކްޝަން ސާވިސް އާއި ފުލުހުންގެ އޮފިސަރުންނަށް އަބަދުވެސް އަނިޔާ ލިބޭ މީހުންގެ ދުއާއިން ރައްކާތެރިވުމަށް އިލްތިމާސްކުރައްވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝެއިހް އާދަމް ނިޝާނާއި ޝެއިހު ފަޒްލޫން މުހައްމަދު ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުން ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު ގިނަ އިލްމުވެރިންނާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ޝެއިހު ނިޝާން އާއި ޝެއިހު ފަޒްލޫން ދޫކޮށްލުމަށް ގޮވާލަމުންނެވެ.
ދެ އިލްމުވެރިން ހައްޔަރުކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އިމްރާނަށް އަމާޒުވެފައެވެ. އެގޮތުން އަދާލާތު ޕާޓީގެ ލީޑަރަކަށް ހުންނަވައިގެން ދީނީ އިލްމުވެރިން ހައްޔަރުކޮށް، ދީނީ އިލްމުވެރިންނަށް އަނިޔާދެމުންދާ ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ. އަދި ދީނަށް ފުރައްސާރަކުރާ މީހުންނާއި އެއްޖިންސުން ގުޅުން ހިންގާ މީހުންނާމެދު ފިޔަވަޅު ނާޅާ ކަމަށްބުނެ ވެސް އިމްރާނަށް ވަނީ ފާޑު ކިޔުން އަމާޒުވެފައެވެ.
އެ ފާޑު ކިޔުންތަކަށް ރައްދުދެއްވައި އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާ އެއްވެސް މީހަކަށް އަނިޔާ ނުކުރައްވާނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިއަކަށް އަނިޔާ ނުކުރައްވާނެ ކަމަށެވެ.
"މާތްﷲ އިރާދަކުރެއްވިއްޔާ އެއްވެސް މީހަކަށް ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިއަކަށް އަޅުގަނޑު އަނިޔާއެއް ނުކުރާނަން: އަދި ކިއެއް އަނިޔާލިބޭ މީހުންގެ ދުއާއިން ރައްކާތެރިވުމަށް އަބަދުމެ ފުލުހުންނަށް، އެމްސީއެސްގެ އޮފިސަރުންނަށް އިލްތިމާސްކުރަން،" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވަނީ މީގެ ކުރިން ވެސް ފާޑު ކިޔުންތަކަށް ރައްދު ދެއްވައިފައެވެ. އެގޮތުން ހުކުރު ދުވަހު އިމްރާން ވިދާޅުވެފައިވަނީ، ބަޔަކު ނުރުހުނަސް އަދާލަތު ޕާޓީ އޮތީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށާއި އިސްލާމްދީނުގެ ފުރިހަމަ މަފްހޫމްގައި ސިޔާސީ މަސައްކަތް އަދާލަތު ޕާޓީން ކުރައްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު