ވޯޓު ލިބޭ އަދަދަށް ބަލައިގެން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެޓާނީ ޖެނެރަލް އޮފީހާއި ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާ މަޝްވަރާކޮށްފިއެވެ.
އީސީގެ ރައީސް ފުއާދު ތައުފީގު މިއަދު "ވަން" އަށް ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލު މިހާރު އޮތީ އެންމެ އިންސާފުވެރި ގޮތަށް ނޫން ކަމަށް ހުރިހާ ޕާޓީތަކުން ވެސް ގަބޫލުކުރާ ކަމަށެވެ.
"އަޅުގަނޑުމެން ވާނެ ހުށަހަޅުއްވާފައި ވޯޓުގެ ނިސްބަތުން ނުވަތަ ވޯޓުގެ އަދަދަށް ބަލައިފައި ވަކި ޕަސަންޓޭޖަކަށް ފައިސާ ދޫކުރުމަށް،" ފުއާދު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ ދައުލަތުގެ ކޮންމެ އަހަރެއްގެ ބަޖެޓުގެ 0.1 ޕަސެންޓް ސިޔާސީ ޕާޓީތަކަށް ދޫކުރަން ޖެހޭނެ ކަމަށެވެ. އެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކަށް އެ ފައިސާ ލިބޭނީ އީސީގެ ދަފްތަރުގައި 10،000 އަށްވުރެ ގިނަ މެމްބަރުން ހިމެނޭ ޕާޓީތަކަށް އެކަންޏެވެ. ދައުލަތުގެ ބަޖެޓުން މިއަހަރު ވަނީ ސިޔާސީ ޕާޓީތަކަށް ޖުމުލަ 30.2 މިލިއަން ރުފިޔާ ދޫކޮށްފައެވެ.
- އެމްޑީޕީ: 15.02 މިލިއަން ރުފިޔާ (54،660 މެމްބަރުން)
- ޕީޕީއެމް: 9.4 މިލިއަން ރުފިޔާ (34،237 މެމްބަރުން)
- ޖުމްހޫރީ ޕާޓީ: 5.53 މިލިއަން ރުފިޔާ (20،107 މެމްބަރުން)
- އަދާލަތު ޕާޓީ: 2.9 މިލިއަން ރުފިޔާ (10،554 މެމްބަރުން)
ފުއާދު ވިދާޅުވީ، އީސީން އޭޖީ އޮފީހާއެކު ބޭއްވި ބައްދަލުވުމުގައި، މެމްބަރުންގެ ބަދަލުގައި އިންތިހާބުތަކުގައި އެޕާޓީއަކަށް ވޯޓުލިބޭ ނިސްބަތުން ފައިސާ ދޫކުރާގޮތަށް ގާނޫނު ބަދަލުކުރުމަށް ހުށަހަޅައިފައިވާނެ ކަމަށެވެ.
އެގޮތަށް ކަންތައްކުރުމުން އިންސާފުވެރިކަމާއެކު ހުރިހާ ޕާޓީއަކަށް ވެސް ފައިސާ ލިބޭނެކަމަށް ޕާޓީތަކުން ވެސް ގަބޫލުކުރައްވާކަމަށް ފުއާދު ވިދާޅުވިއެވެ.
"އަޅުގަނޑަށް ވަރަށް ޔަގީން އެކަމަށް އިސްކަންދީގެން އަންނަ ދައުރުގައި މަޖިލީހަށް ހުށަހަޅުއްވާނެކަން، އެއީ ޕާޓީތަކުން ވެސް ގަބޫލުނުކުރައްވާ މިހާރު އިންސާފުވެރިކަމާއެކު ފައިސާ ދޫކުރަމުންދާކަމަށް" ފުއާދު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ހަރަދުކުރާ ގޮތް ބެލުމުގެ މަސައްކަތް ވެސް އީސީން ވަނީ މިދިއަ މަހުގެ 19 ވަނަ ދުވަހު ފަށައިފައެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު އެ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ޕާޓީތަކަށް ދޭ ފައިސާ ހަރަދުކުރާގޮތް ބެލުމުގެ ގޮތުން އޮޑިޓެއް ހަދަން ނިންމާފައިވާ ކަމަށެވެ.
"ސިޔާސީ ޕާޓީއަށް ލިބޭ އާމްދަނީ/ހަރަދު ޕާޓީތަކުން ބަލަހައްޓަމުންދަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށްތޯ ބެލުމުގެ ގޮތުން، އީސީގެ އިންޓާނަލް އޮޑިޓް ޓީމެއް ދައުލަތުން ފައިސާ ދޭ ހަތަރު ޕާޓީގެ އޮފީހަށް ދާގޮތަށް ކޮމިޝަނުން ހަމަޖައްސައި އެކަން ފަށައިފި،" ހަބީބު ވިދާޅުވެފައިވެއެވެ.
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުން ނިމުމަކަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވަނީ މިދިއަ މަހުގެ 13 ވަނަ ދުވަހު ބިލެއް ވެސް ހުށަހަޅައިފައެވެ.
މަޖިލީހަށް އެބިލް ހުށަހެޅުއްވީ އެމްއެންޕީގެ ނައިބު ރައީސް އަދި މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ.
އުޝާމް އެބިލް ހުށަހަޅުއްވައިދެއްވަމުން ވިދާޅުވެފައިވަނީ، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި 3،000 މެންބަރުން ހަމަނުވިޔަސް ޕާޓީތައް އުވާ ނުލެވޭ ގޮތަށް ހެދުމަށް ވެސް އުޝާމް ވަނީ ހުށަހަޅުއްވައިފައެވެ.
އުޝާމް މަޖިލީހަށް ހުށަހެޅުއްވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް އޮންނަ މާއްދާ އުވައިލުމަށެވެ. އުޝާމް ވިދާޅުވެފައިވަނީ، އެ މާއްދާ އުވާލުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.
އުޝާމް އެގޮތަށް ބިލެއް ހުށަހަޅުއްވާފައި ވަނީ ޕާޓީތަކަށް ސައްހަ ނޫން ފޯމް ހުށަހަޅައިގެން މެމްބަރުން ވައްދާ ކަމުގެ މައްސަލަ އިތުރުވެފައިވާތީ، އެކަމުގެ ކަންބޮޑުވުން އާންމުންގެ ފަރާތުން ލިބެމުންދާ ދަނޑިވަޅެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު