މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިން މިނާއަށް ހިނގައްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، މިނާއަށް ހައްޖުވެރިން ދިޔައީ މިއަދު ހެނދުނު ރާއްޖެ ގަޑިން އަށެއް ޖެހިއިރު ކަމަށެވެ. އަދި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް ރާއްޖޭގެ ހައްޖު މިޝަނާ ހަވާލާދީ އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ރާއްޖެއިން މިއަހަރު ޖުމުލަ 453 ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކުރާނެއެވެ. އެ އެންމެންވެސް ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

ހައްޖުވެރިން މިނާ އިން ދެން ދާނީ ހައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް އަރަފާތަށް ދިއުމަށެވެ. ހައްޖުމަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރުފަހުން އަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖު ނުލިބޭނެއެވެ.

އަރަފާތަށް ދިއުމަށްފަހު ހައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށް ގެންދިއުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު ތިން ޖަމްރާއަށް ހިލައުކުމަށްފަހު ހައްޖުވެރިން ދެން ދާނީ ތަވާފުލްއިފާޟާކުރުމާއި ސަފާ ފަރުބަދައާއި މަރުވާ ފަރުބަދައާދެމެދު ސައުޔުކުރުމަށެވެ. ހައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާއުގެ ތަވާފުކޮށް ހައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.