ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގެ މައްސަލަ ބަލައި ކްރިމިނަލް ކޯޓުގެ ބެންޗުގެ ރިޔާސަތަށް ހަމަޖެއްސެވި ގާޒީ ދީބާނާޒު ފަހުމީ، ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލަ ބަލަން ކްރިމިނަލް ކޯޓުން އެކުލަވާލި ތިން ގާޒީންގެ ބެންޗުގެ ރިޔާސަތު ފުރަތަމަ ބެލެހެއްޓެވީ ގާޒީ އާދަމް މުހައްމަދެވެ. ނަމަވެސް މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު ގާޒީ އާދަމް މުހައްމަދު ވަނީ އެ މައްސަލައިން ތަނާޒަލްވެވަޑާއިގެންފައެވެ. އެއީ މައްސަލައިގައި ހިމެނޭ މއ. ކުދެހިގެ، އިސްހާގުއާ އޭނާއާ މަސްލަހަތު ފުށުއަރާ ހާލަތެއް އޮތުމުންނެވެ.
އެ މައްސަލައިގެ ބެންޗުގެ ރިޔާސަތަށް ގާޒީ ދީބާނާޒް ހަމަޖެއްސީ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ.
ނަމަވެސް ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވުމުންނާއި ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކުރުމުން ހުސްވި އެ ކޯޓުގެ ދެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވި ހަތް ބޭފުޅުންގެ ތެރޭގައި ގާޒީ ދީބަނާޒްވެސް ހިމެނިވަޑައިގަންވައެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ފަރާތްތަކާ "ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިން އިންޓަވިއުކުރުމަށްފަހު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އެރުވީ ދީބާނާޒްގެ އިތުރުން ފ.ބިލެތްދޫ/ މޯނިންގްވިލާ، މުހައްމަދު ސަލީމް ކަމަށެވެ.
އެހެންކަމުން އިއްޔެ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި އެ ދެބޭފުޅުން ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ. އެ ދެ ފަނޑިޔާރުން ހުވާކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހުގެ 9 ވަނަ ދުވަހުއެވެ.
ދީބާނާޒަކީ ގާނޫނީ ރޮނގުން ބެޗްލާ އޮފް ލޯ (އޮނާސް) މެލޭޝިއާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ހާސިލުކުރެއްވުމަށްފަހު، ނިއުޒިލެންޑްގެ ޔުނިވާސިޓީ އޮފް ކެންޓާބަރީން މާސްޓާ އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެބޭފުޅާއަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ 17 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.
ދީބާނާޒަކީ ކްރިމިނަލް ކޯޓުގެ ފުރަތަމަ އަދި ހަމައެކަނި އަންހެން ފަނޑިޔާރެވެ. ދީބާނާޒު ކްރިމިނަލް ކޯޓަށް އައްޔަންކުރީ 2 ސެޕްޓެމްބަރު 2020 ގައެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ދެން އައްޔަން ކުރެއްވި ސަލީމް ވަނީ ކުއްލިޔަތުއް ދިރާސަތިލް އިސްލާމިއްޔާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވައިފަ އެވެ. ސަލީމަކީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު